ފޮތްތައް ހަމަކޮށްދޭން ވައުދުވުމުން ބެލެނިވެރިން ކަނޑުހުޅުދޫ ސްކޫލް ހުޅުވައިދީފި

ދަރިވަރުންގެ ފޮތްތައް ނުލިބުމާއި ސްކޫލުގެ އިތުރު މައްސަލަތައް ހުރި ކަމަށް ބުނެ ބެލެނިވެރިންތަކެއް ނުކުމެ އިއްޔެ ބަންދުކުރި ގއ. ކަނޑުހުޅުދޫ ސްކޫލުން ދެ ހަފްތާތެރޭގައި ފޮތްތައް ހަމަކޮށްދޭނެ ކަމަށް ބުނުމުން އާ ޕްރިންސިޕަލަކާއެކު ދިރާސީ އާ އަހަރު ފަށަން ސްކޫލް ހުޅުވައިދީފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ ސްކޫލް ބަންދުކުރި މައްސަލަ ހައްލުވީ ކުރިން ސްކޫލް ހިނގެވުމާ ހަވާލުވެ ހުންނެވި އެ ސްކޫލްގެ އެކްޓިން ޕްރިންސިޕަލް މަގާމުން ވަކިކޮށް، ރޭ އާ ބޭފުޅަކު ސްކޫލާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ބައެއް ފޮތްތައް ބެލެނިވެރިންނާއި ހަވާލުކުރުމުން ކަމަށެވެ. އަދި ނުލިބި ހުރި ފޮތްތައް ދެ ހަތްފާތެރޭގައި ދޭނެ ކަމަށް ވައުދުވެ ވަޑައިގަތުމުން ކަމަށެވެ.

ރަށު ކައުންސިލްގެ ރައީސް ރިފާއު ރަޝީދު މިއަދު ވިދާޅުވީ ސްކޫލް މައްސަލަ ގާތްގަނޑަކަށް ހައްލުވެފައިވާ ކަމަށާއި އަލަށް ސްކޫލާ ހަވާލުވެވަޑައިގެންނެވީ ގދ. ގައްދޫ ބޭފުޅެއް ކަމަށެވެ.

"އަދިވެސް ނުލިބޭ ބައެއް ފޮތްތައް އެބައުޅޭ ސީދާ އެއީ ކޮންފޮތްތަކެއް އަދި ކިހާ ފޮތެއް ކަމެއް ނޭނގޭ،" ރިފާއު ވިދާޅުވި އެވެ.

ސްކޫލް ހިނގެވުމާ މިހާރު ހަވާލުވެ ހުންނެވި އަހުމަދު ފަހުމީ މިއަދު ވިދާޅުވީ މިހާރު ނުލިބި ހުރީ ގްރޭޑް ހަޔަކުން ފެށިގެން ގްރޭޑް 10 ބައެއް ފޮތްތައް ކަމަށާއި ސްކޫލްގެ ފާހާނާގެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
" އަދިވެސް ބޯފެނުގެ މައްސަލަ ހައްލެއް ނުވޭ، އެއީ ބޯފެން ހުރި ތާނގި އެހެން ދިމާލަކަށް ބަދަލުވި ފަހުން އަދި ވާރޭ ނުވެހޭތީ، ނަމަވެސް އެއީ މާބޮޑު މައްސަލައަކަށް ނުވޭ ކުދިން އިންޓޯލަށް ގެއަށް ވެސް ދެވޭ، ނޫނީ ފެންފުޅިއެއް ހިފައިގެން ކުދިން އައިމަ އެކަން ހައްލުވީ. އަޅުގަނޑު އެދުނިން ބެލެނިވެރިން ގާތުގައި ދިރާސީ އާ އަހަރު ފެށޭއިރު މި ސްކޫލް އެކަނި ބަންދުކޮށްފައި ހުރުމަކީ ކުދިންނަށް ދެވޭ ނުރަނގަޅު މެސެޖެކޭ. ދެން ބެލެނިވެރިން އެއްބަސްވީ ހުޅުވަން،" ފަހުމީ ވިދާޅުވި އެވެ.

ކަނޑުހުޅުދޫ ސްކޫލްގެ ގޭޓުގައި ދަނޑިގަޑެއް ބަނދެ ސްކޫލްގެ ގޭޓް އިއްޔެ ހެނދުނުގެ ވަގުތެއްގައި ބެލެނިވެރިންތަކެއް ނުކުމެ ބަންދުކުރީ މިއަދު ކިޔެވެން ފެށޭއިރަށް ދަރިވަރުންގެ ފޮތްތައް ލިބިފައިނުވާތީ އާއި ސްކޫލްގައި ބޯފެން ލިބެން ނެތުމުންނާއި ބައެއް ކްލާސް ރޫމްތަކުގައި ފަންކާތައް ހަލާކުވެފައި ހުރުމާއި ފާހާނާތަކުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު