އެމްބާ ހާޑްގެ ތުހުމަތުތަކެއް އަނބުރާ ނުގެންދިޔަ

ރޯޔަލް ކޯޓްސް އޮފް ޖަސްޓިސްގެ އަޑުއެހުން ނިންމާލުމަށްފަހު އެމްބާ ހާޑް ކޯޓުން ބޭރުގައި ވަކީލުންނާއެކުގައި --- އެމްއެސްއެން

މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް، ސަން ނިއުސް ޕޭޕާ އާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ޑެޕް އާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތައް އަނބުރާ ނުގެންދާނެ ކަމަށް އޭނާގެ ކުރީގެ އަންހެނުން އަދި އެކްޓްރެސް އެމްބާ ހާޑް ބުނެފި އެވެ.

ސަން ނިއުސް އާ ދެކޮޅަށް ޑެޕް ހުށަހަޅާފައިވާ އަބުރާ ބެހުނު ކަމުގެ މައްސަލައަކީ މި ފަހުގެ ތާރީހުގައި ހުށަހަޅާފައިވާ އެންމެ ބޮޑު ޑިފެމޭޝަންގެ މައްސަލަ އެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ކޯޓްސް އޮފް ޖަސްޓިސްގައި އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވާއިރު އެންމެ ފަހުން މިއަދު ވަނީ އަޑުއެހުންތައް ނިންމާލާފަ އެވެ.

ޑެޕް، އެ ނޫހާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އެ ނޫހުން ޑެޕް އާ ގުޅޭގޮތުން ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ. އެ ނޫހުގައި ޑެޕް ސިފަކޮށްފައިވަނީ އޭނާގެ އަންހެނުންނަށް އަނިޔާކޮށްފައިވާ މީހެއްގޮތުގަ އެވެ. އެމްބާގެ ތުހުމަތާއެކު، އެކަން ކަށަވަރު ވެފައި ނުވަނިކޮށް ސަން އިން ލިޔެފައިވަނީ ޑެޕް އަކީ ގެވެށިއަނިޔާކުރާ މީހެއްގެ ގޮތުގަ އެވެ. އެކަމާ ގުޅިގެން ޑެޕް، ސަން އާ ދެކޮޅަށް ދައުވާކޮށްފައިވެ އެވެ.

އެމްބާ ވަނީ ޖޮނީ ޑެޕް އާ ގުޅޭގޮތުން ތަފާތު ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އޭނާ، އެމްބާއަށް އެކި ކަހަލަ އަނިޔާތައް ކޮށްފައިވާ ކަމަށް ބުނެ އެމްބާ ދައުވާ ކުރި އެވެ.

އެ ދައުވާތަކާ ދެކޮޅަށް ޑެޕް ވަނީ ބައެއް ކަހަލަ ހެކިތައްވެސް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެ ކައިވެނީގައި އަނިޔާ ލިބިފައިވަނީ ޑެޕް ކަންވެސް އޭނާގެ ހެކިތަކުން ދައްކާފައިވެ އެވެ.

ނަމަވެސް އެންމެފަހުން މިއަދުގެ އަޑުއެހުން ނިމުމުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެމްބާ ބުނެފައިވަނީ މައްސަލައިގައި ކޮށްފައިވާ ތުހުމަތުތައް ބަދަލު ނުކުރާނެ ކަމަށެވެ. އަދި އެ ކޯޓަށް އިތުބާރު އޮތް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް