އެންމެ މީރު މިރުހުން ތައްޔާރުކޮށްފައިވާ ފެލިވަރު ގިތެޔޮމިރުސް މަސްދަޅު ތައާރަފުކޮށްފި

މިފްކޯއިން އަލަށް ތައާރަފުކުރި ހޮޓްޗިލީ (ގިތެޔޮމިރުސް) މަސްދަޅު-- ސަންފޮޓޯ/ ފަޔާޒު މޫސާ

ފަސްމީރު ބްރޭންޑުގެ ދަޅުމަސް އުފެއްދުންތަކަށް ހޮޓް ޗިލީ (ގިތެޔޮމިރުސް) މަސްދަޅު އިތުރުކޮށްފި އެވެ.

މަސްދަޅުގެ ތަފާތު ރަހަތަކުގައި ފަސްމީރު "ހޮޓްޕެކް"ގެ ނަމުގައި ބަންދުކޮށް ބާޒާރަށް ނެރެފައިވާ ދަޅުމަހުގެ ބާވަތްތަކަށް މިފަހަރު އިތުރުކުރި ގިތެޔޮމިރުސް މަސްދަޅަކީ ތެލުގައި ބަންދުކޮށްފައިވާ އުފެއްދުމެކެވެ.

މިފްކޯގެ ސީނިއާ އެގްޒެކެޓިވް މިފްރާހު ނަސީމް ވިދާޅުވީ މިފްކޯގެ އަހަރީ ދުވަހާ ގުޅިގެން ނެރުނު ކުޅިރަހަތައް ހިމެނޭ ފަސްމީރު ހޮޓްޕެކްގައި މީގެ ކުރިން ވެސް ހިމެނޭ އަސޭމިރުސް މަސްދަޅާއި ހިކިމިރުސް މަސްދަޅަށް އާންމުންގެ ފަރާތުން މިހާރު ވެސް ބޮޑުތަރުހީބެއް ލިބެމުންދާ ކަމަށެވެ.

އަލަށް ތައާރަފުކުރި ގެތެޔޮ މިރުސް ކޭހެއް ދެނީ 670 ރުފިޔާއަށެވެ. އަދި ވަކިން ދަޅެއް ވިއްކަނީ 14.50 ރުފިޔާއަށެވެ.

މިފްކޯއިން އަލަށް ތައާރަފުކުރި ހޮޓްޗިލީ (ގިތެޔޮމިރުސް) މަސްދަޅު-- ސަންފޮޓޯ/ ފަޔާޒު މޫސާ

މިފްކޯއިން ބުނީ ހޮޓްޕެކްގައި ހިމެނޭ މަސްދަޅު ތައްޔާރުކުރާއިރު ކޮލިޓީ ރަނގަޅުކުރަން އެ އުފެއްދުންތަކަށް ބޭނުންވާ އިންގްރީޑިއެންޓްސް ހޯދަނީވަރަށްބޮޑަށް ބަލައި، އަޖުމަ ބެލުމަށްފަހު ކަމަށެވެ.

އެގޮތުން މިފަހަރު ތައާރަފުކުރި ގިތެޔޮމިރުސް މަސްދަޅަކީ ރާއްޖެއިން ލިބެންހުރި އެންމެ މީރު ކުޅިމިރުސް އަޅައިގެން ބަންދުކޮށްފައިވާ މަސްދަޅެއް ކަމަށް މިފްކޯއިން ބުނެ އެވެ.

ފަސްމީރު ހޮޓްޕެކް ހާއްސަކޮށްފައިވަނީ މަހުގެ ޑިޝްތައް ފަސޭހައިން އަދި އިތުރު މީރު ރަހަތަކާއެކު ތައްޔާރު ކުރުމަށެވެ. އެގޮތުން ސެލެޑް، ނޫޑްލްސް ޕާން ނުވަތަ ރޮށްޓާއެކު ވެސް މި ބާވަތްތަކުގެ މަސްދަޅު ކަނޑައިގެން ވަގުތުން ބޭނުންކޮށްލެވޭނެ އެވެ.

ފަސްމީރު ހޮޓްޕެކް މަސްދަޅުތަކަކީ މިހާރު ބާޒާރުގައި ލިބެން ހުރި އެންމެ އަގުހެޔޮ މަސްދަޅުތަކެވެ.

މިފްކޯގެ ތިން މަސްފިހާރައާއި ސައިޓުތަކުގައި ހުންނަ ފިހާރަތަކުގެ އިތުރުން އައިސްޕްލާންޓުތަކުން ހޮޓްޕެކް މަސްދަޅު ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ގަންނަން ލިބެން ހުންނާނެ އެވެ. އަދި މަސްފިހާރައިގައި ރަޖިސްޓްރީކޮށްގެން ވިޔަފާރިކުރާ ފަސްމީރު ގޭދޮށު ފިހާރަތަކުން ވެސް މި ބާވަތުގެ މަސްދަޅު ލިބޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް