ގައުމުގެ ކަންކަން އަންނަނީ އާންމު ހާލަތަށް ރުޖޫއަވަމުން: ރައީސް

މިނިވަން ދުވަހާ ގުޅިގެން ފޮރިން މިނިސްޓްރީއިން އިންތިޒާމުކޮށްގެން ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ވާޗުއަލްކޮށް ބޭއްވި ހަފްލާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް ރޯގާގެ ހާލަތަށް ފަހު ގައުމުގެ ކަންކަން މިހާރު ދަނީ އާންމު ހާލަތަށް ރުޖޫއަ ވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާ ގުޅިގެން ފޮރިން މިނިސްޓްރީއިން އިންތިޒާމުކޮށްގެން ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ވާޗުއަލްކޮށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމަށް ބުރޫ އަރާފައިވާ ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް ރޯގާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދުރާލާ އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކުގެ ސަބަބުން މިހާރު އާންމު ހާލަތަށް ރުޖޫއަވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"ކޯވިޑް-19 އާއި ކުރިމަތިލައި މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން ދުރާލާ އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކުގެ ސަބަބުން ކޯވިޑް އަށްފަހު އަލުން އައު އާންމު ހާލަތަށް ގައުމުގެ ކަންކަން ރުޖޫޢަވަމުން އަންނަކަމަށާއި، އަދި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއާއި އެއްބާރުލުން ރާއްޖެއަށް ލިބެމުން ދިއުމުގެ މުހިންމު ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި." ރައީސް ދެއްކެވި ވާހަކަފުޅާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހަބަރެއްގައި ބުނެފައިވެ އެވެ.

މިނިވަން ދުވަހާ ގުޅިގެން ފޮރިން މިނިސްޓްރީއިން އިންތިޒާމުކޮށްގެން ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ވާޗުއަލްކޮށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އޭގެ އިތުރުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަގުފަހި ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ފަތުރުވެރިންގެ ރައްކާތެރި ކަމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަންވެސް ފާހަގަކުރެއްވި އެވެ.

ކޮވިޑު ރޯގާއިން އަރައިގަތުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ކުރަމުން ގެންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަވެސް ވައުދުވެ ވަޑައިގެންނެވި ގޮތަށް، ރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މިންގަނޑުތަކަށް އިހުތިރާމުކުރާ، ހުރިހާ ޤައުމަކާއި ވެސް ގުޅިގެން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ." ރައީސް ދެއްކެވި ވާހަކަފުޅާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހަބަރެއްގައި ބުނެފައިވެ އެވެ.

comment ކޮމެންޓް