ޔާމީނާއި ގާސިމް ގޭ ބަންދުގައި ބައިތިއްބައިގެން ތަޙްޤީޤް ކުރިއަށް ގެންދިއުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރި މައްސަލާގެ އަޑު އެހުން ނިންމައިލައިފި

19:00


ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ގޭ ބަންދުގައި ބައިތިއްބައިގެން ފުލުހުންގެ ތަޙްޤީޤް ކުރިއަށް ގެންދިއުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް ފުލުހުންގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ މައްސަލާގެ ޝަރީއަތުގެ އަޑުއެހުން ނިމި ހުކުމް އިއްވުން މާދަމާ ރޭ ބާއްވަން ހަމަޖައްސައިފި އެވެ.


މިކަމާ ބެހޭގޮތުން، މިއަދު ހަވީރު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި، ގާސިމާއި ޔާމީން، ބަހައްޓަންޖެހޭނީ ފުލުހުންގެ ހައްޔަރުގައި ކަމަށާއި، ޖިނާއީ ކޯޓުގެ ހުކުމަކީ، ސައްހަ ހުކުމެއް ނޫން ކަމަށް ފާހަގަކުރައްވައި، ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލުން، އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވި، ތިން ނުކުތާއެއް ބަޔާން ކުރެއްވި އެވެ. އެގޮތުން އެ ދެބޭފުޅުން ގޭގައި ބަންދު ކުރެއްވީ ގައުމީ މަސްލަހަތައް ބައްލަވާފައި ކަމަށް، ޖިނާއީ ކޯޓުގެ ހުމުކުގައި އޮތުމުން މަސްލަހަތާ އެބޭފުޅުންނާ ގުޅުން އޮތް ކަމަށް ދޭހަވާ ކަމަށާއި، އެފަދަ ބަޔަކު ގޭގައި ބަންދު ކުރުމުން، އެ ބޭފުޅުންނާ ގުޅޭ ގޮތުން ފުލުހުން ބަލަމުންގެންދާ ކޮރަޕްޝަންގެ މައްސަލަތަކުގެ ހެތްކަށް ބާރު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ހުކުމުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ގޭބަންދަށް ފޮނުވުމުގެ ބަދަލުގައި ވަކީލުންނާއެކު ގޭބަންދަށް ފޮނުވުމަށް އޮތް އޮތުން ހިމެނޭ ކަމަށް ވެސް ވަކީލުން ފާހަގަ ކުރެއްވި އެވެ.


ފުލުހުންގެ މައްސަލައަށް ރައްދު ދެއްވަމުން، ގާސިމާއި ޔާމީންގެ ލީގަލް ވަކީލުގައި ހިމެނި ވަޑައިގަންނަވާ، ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝުކޫރާއި، ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ.އަބްދުﷲ ޖަމީލު އަހްމަދު ވިދާޅުވީ، އެ މައްސަލައިގައި، ގާސިމާއި ޔާމީން ފުލުހުން ހައްޔަރުކޮށްފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެބޭފުޅުން ހައްޔަރުކޮށްފައި ތިބި ވަގުތުކޮޅުގެ ތެރޭގައި އެބޭފުޅުންނަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދީފައި ނުވާ ކަމަށާއި، އެހެންކަމުން ގޭބަންދަށް ބަދަލުކުރުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކޮށްދެއްވުމަށް ވެސް އެބޭފުޅުން ކޯޓުގައި އެދިވަޑައިގެންނެވި އެވެ. އަދި ތިން ދުވަހު ގޭގައި ބަންދު ކުރެއްވުމަށް، ޖިނާއީ ކޯޓުން ރޭ ކުރި ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ވިދާޅުވެ އެކަމުގެ ގާނޫނީ ނުކުތާތައް ވެސް އެބޭފުޅުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު