އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ޖަސްޓިސް ބިލްޑިންގް ކައިރިއަށް އެއްވެ، ޔާމީނާއި، ގާސިމް ހައްޔަރުކުރުމަށް ގޮވާލައިފި

10:00


އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ޖަސްޓިސް ބިލްޑިންގް ކައިރިއަށް އެއްވެ، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީނާއި، މާމިގިނލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް، ހައްޔަރުކުރުމަށް ރޭ ގޮވާލައިފި އެވެ.


އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި، ޖަލްސާގެ ވަކި ހިސާބަކުން، ހުރިހާ މީހުން ޖަލްސްޓިސް ބިލްޑިންގ ކައިރިއަށް ދިއުމަށް ގޮވާލުމާއެކު ޖަލްސާގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަސްޓިސް ބިލްޑިންގ ކައިރިއަށް އެއްވުމަށް އެ ސަރަހައްދަށް ގޮސްފަ އެވެ. ނަމަވެސް އެހިސާބުގައި ފުލުހުންގެ ސްޓާފޯސްގެ ސެކިއުރިޓީގެ ސަބަބުން، ސީދާ ޖަސްޓިސް ބިލްޑިންގް ކައިރިއަށް އެއްވެވޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންކަމުން އެމީހުން ޝުއޫރު ފާޅުކުރަމުން ގެންދިޔައީ، ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭ ކަންމަތީގައި ތިބެގެންނެވެ. އެވަގުތަކީ، އަބްދުﷲ ޔާމީނާއި، ގާސިމް އިބްރާހިމް ފުލުހުންގެ ހައްޔަރުގައި ބެއިތިއްބުމުގެ މުއްދަތު އިތުރު ކުރުމަށް އެ ދެބޭފުޅުން ޖިނާއީ ކޯޓަށް ހާޒިރު ކުރައްވާފައި ތިއްބެވި ވަގުތުކަމުން އެ ހިސާބުގައި ސަލާމަތީ ފުލުހުން ވެސް ފޯރި މަރަމުން ގެންގޮސްފައިވެ އެވެ.


ރޭ އިރާކޮޅުގެ ވަގުތެއްގައި، ޑީއާރުޕީއަށް ތާއީދު ކުރާ ބަޔަކުވެސް ވަނީ މާލޭގެ ބައެއް މަގުތަކުގައި މުޒާހަރާކޮށްފަ އެވެ. ގާސިމް އިބްރާހިމާއި، އަބްދުﷲ ޔާމީނު، ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރު ކުރުމަށް، ފުލުހުން ޖިނާއީ ކޯޓަށް ހުށަހެޅި މައްސަލަ ނިމުގެކުރިން ބޭއްވި މި މުޒާހަރާގައި، އެ ދެބޭފުޅުން ދޫކޮށްލުމަށް މުޒާހަރާގައި ބައިވެރިވި މީހުން ވަނީ ގޮވާލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު