ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމާ ގުޅުވާ ފަޅު ރަށް ދޫނުކުރުމަށް އޮޑިޓާ ޖެނެރަލް އަންގަވައިފި

ރާއްޖޭގެ ރަށްތަކެއް: ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވައި، ފަޅު ރަށް ދޫނުކުރުމަށް ވަނީ އަންގާފައި --- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމާ ގުޅުވައި، ފަޅު ރަށްތައް ދޫނުކުރުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފި އެވެ.

އޮޑިޓާ ޖެނެރަލް މި ގޮތަށް އިރުޝާދު ދެއްވީ، އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު އޮޑިޓް ރިޕޯޓެއްގަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ފެބްރުއަރީ 1، 2010ގައި ދަތުރުފަތުރު ހިދުމަތް ދިނުމަށް ދީބާޖާއާ ހަވާލު ކުރީ، ރ. ކުޑަކުރަތު ދޫކުރުމަށްފަހު އެވެ. އެބަސްވުމާ އެއްގޮތަށް އަމަލު ކުރަމުން ނުދާތީވެ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި މެއި 30، 2013ގައި ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، ރިސޯޓު، ހޮޓާ ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ދޫކުރާ ފަޅު ރަށްތައް ހޯދުމަށްފަހު، ހިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ފަރާތުން އެ ހިދުމަތްތައް ހުއްޓާލުމުން އެފަދަ ހިދުމަތް ހޯދާ އާއްމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެއާއެކު ދައުލަތަށް މާލީ ގެއްްލުން ލިބެމުންދާކަށް ރިޕޯޓުގައި ބުނެ އެވެ. އެހެން ކަމުން އެފަދަ ކަންކަމަށް ފަޅު ރަށްތައް ނުދިމަށްވެސް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.

"ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަރިލާން ޖެހި، ދައުލަތައް ގެލުންވަމުންދާތީ، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވާއިގެން ޓޫރިސްޓް ރިސޯޓު/ ހޮޓާ ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ފަޅު ރަށްރަށް ދޫނުކުރުމަށް ދަންނަވަމެވެ،" އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

ދީބާޖާގެ އެގްރިމަންޓް ބާތިލު ކުރި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ދައުލަތުން 374 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފަ އެވެ. އެ ހުކުމް ސްޕްރީމް ކޯޓުން ވަނީ ދަމަހައްޓާފަ އެވެ.

މި ސަރުކާރުން ވަނީ، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، 174 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށް ނިންމާފަ އެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ސްޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރުމަށް ހުށަހަޅައިފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެއްބަސްވުން ބާތިލް ކުރީ ދީބާޖާއިން އެއްބަސްވުމާ ހިލާފުވެފައިވާތީ ކަމަށާއި، އެއްބަސްވުން ބާތިލު ކުރުމުގެ ހައްގު ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އަދި ބަދަލުގައި ފައިސާ ނުދިނުމަށް އޮޑިޓާ ޖެނަރަލް ވަނީ އަންގާފަ އެވެ.

މި ސަރުކާރަށް ތާއީދު ކުރާ ބައެއްގެ މަސްލަހަތު އޮންނަ ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށް ނިންމީ، ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓް ކޮމިޓީން ދީބާޖާއެކު ކުރި މަޝްވަރާތަކަށް ފަހު، އެ ކޮމިޓީން އެގޮތަށް ލަފާ އެރުވުމުންނެވެ. ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން، އަދި މިހާތަނަށް އެ ފައިސާ އެ ކުންފުންޏަކަށް ނުދެ އެވެ. ސުޕްމްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވީ ނަމަވެސް، އަދި ޝަރީއަތްތައް ކުރިއަކަށް ނުދެ އެވެ.

comment ކޮމެންޓް