ގއ. މާމެންދޫ ކޯޓްގެ މެޖިސްޓްރޭޓް ޝުކޫރު ސަސްޕެންޑްކޮށްފި

ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު

ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ގއ. މާމެންދޫ ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު ސަސްޕެންޑް ކުރަން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްވާގޮތުން އެ ކޮމިޝަނުން ބަލަމުން އަންނަނީ ޝުކޫރުގެ 4 މައްސަލައެކެވެ.

ފުރަތަމަ މައްސަލަ އަކީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގެ ދައުވާ ލިބޭ ފަރާތުގެ ވަކީލާ ޝުކޫރު ބައްދަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ދެވަނަ މައްސަލަ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގއ. ވިލިނގިލީ ސީނާގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

ތިން ވަނަ މައްސަލަ އަކީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ވިލިނގިލީ ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް "ދެން ގެނަޔަސް 15 ދުވަސް ޖަހާނަން" އެ މީހުންނާ ދިމާލަށް ބުނި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

ހަތަރު ވަނަ މައްސަލަ އަކީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވިލިނގިލީ ކެފޭއެއްގެ ތެރޭގައި މީހަކާ ދިމާލަށް "އަހަރެމެންކޮޅަށް ވޯޓު ލިބޭނެހޭ" ބުނެ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާކަން ފާޅުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލަތަކުގެ ތަހުގީގަށް މެޖިސްޓްރޭޓް ޝުކޫރުގެ ބަޔާން ނަގައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ޖޭއެސްސީން ބުންޏެވެ.

comment ކޮމެންޓް