މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެންނެވޭ ގޮތަށް ޔާމީނާއި ގާސިމް ތިން ދުވަހު ގޭ ބަންދުގައި ބައިތިއްބައިގެން ތަހްޤީޤް ކުރުމަށް ކޯޓުން ހުކުމްކޮށްފި

00:00


ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެންނެވޭ ގޮތަށް ތިން ދުވަހު ގޭ ބަންދުގައި ބައިތިއްބައިގެން ފުލުހުންގެ ތަހްޤީޤްކުރިއަށް ގެންދިއުމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފި އެވެ.


މި ދެ ބޭފުޅުން ފުލުހުންގެ ބަންދުގައި ބޭއްތިއްބުމުގެ މުއްދަތު ރޭ އިރާކޮޅުގެ ވަގުތެއްގައި ހަމަވާނެތީވެ ފުލުހުން ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޖިނާއީ ކޯޓުން ކޮށްފައިވާ ހުމްގައި ބުނެފައި ވަނީ އެ ދެ ބޭފުޅުން ވެސް ގޭބަންދުގައި ބައިތިއްބައިގެން ފުލުހުންގެ ތަހްޤީޤުތައް ކުރިއަށް ގެންދިއުމަށާއި އެގޮތަށް ހުކުމްކުރެއްވީ ޤައުމީ މަސްލަހަތައް ބައްލަވާފައި ކަމަށެވެ. އަދި އެ ދެ ބޭފުޅުން ހައްޔަރުކުރިއިރު އެ ދެ ބޭފުޅުންގެ އަސާސީ ހައްގުތައް ފުލުހުންނަށް ރައްކާތެރިކޮށްދެވިފައިނުވާ ކަމަށް އިސް ގާޒީ އަބްދުﷲ މުހައްމަދު އިއްވެވި ހުކުމުގައިވެ އެވެ.


ގާސިމާއި ޔާމީން އިއްޔެ އިރާކޮޅުން ފެށިގެން ހައްޔަރުކޮށްގެން ދޫނިދޫގައި ގެންގުޅެފައި ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުގަ އެވެ. ނަމަވެސް ޔާމީނާއި ގާސިމް ކޯޓުގައި ވިދާޅުވީ އެއީ މުޅިން ދޮގު ކަމަށާއި އެ ބޭފުޅުން ރިޝްވަތު ނުދެއްވާ ކަމަށެވެ. އަދި އެކަން ދައުލަތަށް ސާބިތުކޮށްނުދެއްވޭނެ ކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.


މި ޝަރީއަތުގައި ގާސިމްގެ ގާނޫނީ ވަކީލަކަށް ހުންނެވީ ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދެވެ. ޔާމީންގެ ގާނޫނީ ވަކީލަކަށް ހުންނެވީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ.


ޖިނާއީ ކޯޓުން ނުކުމެވަޑައިގަންނަވަމުން ސަން އެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ރޭ ވިދާޅުވީ އެ ބޭފުޅުންގެ އިސްތަށިފުޅުގައި މި ސަރުކާރުން އެޅުވި އިލްޒާމްތަކަކުން އެބޭފުޅުން ސަލާމަތްވެވަޑައިގެންނެވިކަން އެއީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކޮރަޕްޝަންގެ އެ މައްސަލައަކީ ބަޔަކު އަމިއްލަ އަށް ހަދައިގެން ދައްކާ ވާހަކައެއް ކަމަށާއި ދުވަހަކުވެސް މަޖިލީހުގެ އެއްވެސް މެންބަރަކަށް ރިސްވަތު ދެއްވާފައިނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.


ޔާމީން ވިދާޅުވީ މި ސަރުކާރަކީ ވަރަށް އަނިޔާވެރި ސަރުކާރެއް ކަމަށާއި އެބޭފުޅުން ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ގަވާއިދުތަކާ ހިލާފަށް ފުލުހުންގެ ބޭނުންކޮށްގެން ކަމަށެވެ. ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް މިސަރުކާރު ވައްޓާލުމުގެ ތުހުމަތުކުރައްވައި އޭނާ ހައްޔަރުކުރެއްވި ކަމުގައި ވީނާމަވެސް ހަޤީޤަތުގައި ރައީސް ނަޝީދުގެ ސަރުކާރު ވެއިލްކޮށްލެއްވީ އެމަނިކުފާނުގެ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދެއްވައިގެން އެ މެންބަރުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު