ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމުން ކޮންމެހެން ވެސް ކާމިޔާބު ކުރަން ޖެހޭ: މައުމޫން

ކުރިއަށް އޮތް 2013 ވަނައަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބުކޮށް ވެރިކަމާއި ހަވާލުވުމަކީ އެޕާޓީން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޕީޕީއެމްގެ ވަގުތީ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕިއެމް އުފެއްދިފަހުން މައުމޫން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަލްސާގައި އާޓިފިޝަލް ބީޗްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ސަރުކާރާއި ހަވާލުނުވެ މިގައުމަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ޝައްކެއް ނުކުރަން ޕީޕީއެމާއި ގުޅިފައިވާ އިދިކޮޅު އެހެން ޕާޓީތައް މިހާރު މަސައްކަތް ކުރާ ގޮތަށް އެއްރޫހެއްގައި މަސައްކަތް ކޮށްފިނަމަ 2013 ނިމުމުގެ ކުރިން ދިވެހި ސަރުކާރާއި ޕީޕިއެމުން ހަވާލުވާނަން،" މައުމޫން ވިދާޅުވިއެވެ.

މައުމޫނު ވަނީ 2013 ވަނަ އަހަރު ޕިޕީއެމްގެ ވެރިކަމެއްގައި ކުރަން ކަނޑައަޅުއްވާފައިވާ ބައެއް ކަންކަމުގެ ތަސައްވަރެއް ވެސް ދެއްވާފަ އެވެ. އެތަސައްވަރުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ޕީޕިއެމްގެ ސަރުކާރެއްގައި ގައުމު އެކަތިގަނޑަކަށް ހަދައި އެއްރޫހެއްގައި މަސައްކަތް ކުރާ ސަރުކާރަކަށް ހައްދަވާނެ ކަމަށާއި ރައްޔިތުންނަށް އިގްތިސާދީ ފަހިކަން ގެނެސްދީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބައިބައި ވުމާއި ފިތުނަ ފަސާދު ހައްލުކޮށް އެއްބައިވަންތަކަމުގެ ގައުމެއްގެ ގޮތުގައި ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކީ ބަދަލު ހިފާނެ ސަރުކާރަކަށް ނުވާނެ. ހަމައެކަނި ވަކިބަޔަކު މުއްސަނދިވާނެ ސަރުކާރަކަށް ނުވާނެ. ސިޔާސީ ބޭނުމަށްޓަކައި އެކިމީސްމީހުންގެ އަބުރާ ބެހި ރައްޔިތުންގެ މަޖިލިހުގައާއި އެކިއެކި މީޑިޔާތަކުގައި އެމީހުން ފަޟީހަތްކުރާ ސަރުކާރަކަށް ނުވާނެ، ގައުމުގެ އަގުބޮޑު އެސެޓްތަކާއި ހަރުމުދާ ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާ ސަރުކާރަކަށް ނުވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރު ވާނީ މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރައްޔިތުން އެދޭގޮތަށް ގައުމުގެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާނެ ސަރުކާރަކަށް ކަމަށެވެ. އަދި އެޕާޓީގެ ސަރުކާރެއް ގާއިމުކުރުމަށްޓަކައި ދެން މާގިނަދުވަސްތަކެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަމަށް ޕީޕިއެމްގެ މެންބަރުން މަސައްކަތް ކުރުމަށް ވެސް ރައީސް މައުމޫން ގޮވާލެއްވި އެވެ.

"މިދެންނެވި ކަންކަން ގާއިމްކުރާ ސަރުކާރެއްގައިމް ކުރުމަށްޓަކައި ދެން މާގިނަދުވަސްތަކެއް ނެތް ހަމައެކަނި އޮތީއެއްއަހަރާއި ނުވަމަސް ދުވަސް ދުވަސްތަކުގެ އަދަދުން ގުނާނަމަ ބާކީދެން އޮތީ 675 ދުވަސް މިދެންނެވި 675 ދުވަހުގެ ފަހުން ރައްޖޭގައި ގާއިމްކުރާނި ދެން އަޅުގަނޑުމެންގެ ސަރުކާރެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދަޅުވީ ރާއްޖޭގެ މިއަދުގެ ހާލަަތަށް ބަލާއިރު އިސްލާމް ދީނުގެ އަގީދާ އާއި ދީނާއި ކުޅެމުން ގެންދާ ކަމަށާއި އިގްތިސާދީ ގޮތުން ގައުމު ދަަށަށް ގޮސް ގިނަމީހުން ނިކަމެތިވެ ބިކަހާލުގައި އުޅެމުންދާއިރު ސަރުކާރުގެ ހިދުމަތްތަށް ވެސް ބޮއްސުންލާފައިވާ ކަމަށެވެ.

ނިމިގެންދިޔަ 2011 ވަނަ އަހަރަށް ބައްލަވާލައްވާ ރައީސް މައުމޫން ވިދާޅުވީ މިދިޔަ އަހަރކީ ދިވެހިރައްޔިތުން ހިތްދަތިކަމާއި ނިކަމެތިކަމާއިއެކު ހޭދަކުރި އަހަރެއް ކަމަށެވެ. އަދި މިދިޔަ އަހަރަކީ ރާއްޖޭގެ ރައްޔިތުން ފަހުގެ ތާރީހެއްގައި ދުވަހަކު ވެސް ނުދެކޭފަދަ ދަތި ދުވަސްތަކަކާއި ކުރިމަތިލި އަހަރެއް ކަމަށެވެ. ނަމަވެސް މިއަހަރަކީ ފާގަތި އަހަރެއް ކަމަށް ވުމަށް އެދޭކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު