ޔާމީނާއި، ގާސިމް ޖިނާއީ ކޯޓަށް ހާޒިރުކުރަން ނެރެފައިވާ އަމުރު އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުން ނިންމާލައިފި

19:00


ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީނާއި، މާމިގިނލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ޔާމީނާއި ގާސިމް އެއްގަޑިއިރުގެ ތެރޭގައި ޖިނާއީ ކޯޓަށް ހާޒިރުކުރަން އެކޯޓުން ރޭ ނެރެފައިވާ އަމުރާ ގުޅިގެން، ފުލުހުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ނިންމަވާލައްވައިފި އެވެ.


ޔާމީނާއި ޤާސިމްގެ ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ޤަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އެ ދެބޭފުޅުންގެ ޤާނޫނީ ވަކީލުން ޖިނާއީ ކޯޓަށް ރޭ ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޖިނާއީ ކޯޓުން ވަނީ އެއްގަޑިއިރުގެ ތެރޭގައި އެ ދެ ބޭފުޅުން އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އައުމުރެއް ނެރެފަ އެވެ. ނަމަވެސް ޖިނާއީ ކޯޓުން ނެރެފައިވާ އެއަމުރަށް ކިޔަމަންތެރިނުވެ ފުލުހުން ވަނީ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާފަ އެވެ.


އެގޮތުން މިއަދު މެންދުރުފަހު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ޖިނާއީ ކޯޓުގެ އަމުރު އިސްތިއުނާފް ކުރަމުން ފުލުހުން ހައި ކޯޓުގައި ދެ ކަމެއް ފާހަގަ ކުރި އެވެ. ފުލުހުން ބުނީ ގާސިމް އާއި ޔާމީން އެ ކޯޓަށް ގެންދިޔުމަށް ފުލުހުންނަށް އަމުރު ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެއީ ބަންދުގައި ތިބޭ މީހުންނާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި މީހުން ކޯޓަށް ހާޒިރު ކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ ތެރެއިން ގަޑިއަކަށް އެ އަމުރު ނުފެތޭތީ ކަމަށް ފުލުހުން ބުންޏެވެ. ދެން ފުލުހުން ބުނީ މީހުން ކޯޓަށް ގެންދިއުމުގެ އަމުރު އެ ގޮތަށް އެއްވެސް އިޖުރާތެއް ނެތި ނެރުމުން ކޮންމެ މީހަކުވެސް ކޮންމެ ގަޑިއެއްގައި ވެސް ގެންދަން ޖެހިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ލިބިދޭ 24 ގަޑިއިރުގެ ތެރެއިން ކޮންމެ ވަގުތެއްގައިވެސް ގެންދިޔުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ބުންޏެވެ.


ޔާމީނާއި ގާސިމްގެ ޤާނޫނީ ވަކީލުން ވިދާޅުވީ އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށާއި އެހެންކަމުން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަކަށް 24 ގަޑިއިރު ނަގަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި 24 ގަޑިއިރަކީ އެންމެ ގިނަވެގެން ލިބޭ މުއްދަތު ކަމަށްވާއިރު އޭގެ ކުރިން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.


ފުލުހުންގެ އިދާރާއިން ހައިކޯޓަށް ހުށަހަޅާފައިވާ އެ މައްސަލާގައި ތުހުމަތުކޮށްފައި ވަނީ އެ ދެބޭފުޅުން އެ ބޭފުޅުންގެ ބާރުގެ ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިސްވަތުދެއްވައިގެން ޤާނޫނީ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެދެބޭފުޅުން ހައްޔަރުގައި ބަހައްޓައިގެން ނޫނީ އެ މައްސަލާގެ ތަޙްޤީޤް ކުރިއަށް ގެންދެވެން ނެތް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ކުރީގެ ބަންޑާރަ ނައިބް ހުސްނުއްސޫދު މިއަދު ވިދާޅުވެފައި ވަނީ އެ ދެބޭފުޅުން ހައްޔަރުކޮށްފައި ވަނީ ކޮރަޕްޝަން މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.


މި މައްސަލައިގެ އަޑުއެހުން ނިންމާލެއްވުމަށްފަހު މާދަމާ ހުކުމް އިއްވެވުމަށް ހައިކޯޓުން ވަނީ ނިންމަވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު