ރާއްޖޭގެ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ވާން ޖެހޭ ގޮތަށް ހަދައިފި

އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ވެގެން ކަމަށް ބުނާ ގަވައިދެއް އެކުލަވާލައިފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން އެކުލަވާލާ އާންމު ކުރި ގަވައިދުގައި ބުނީ ރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަމަށް ކަމަށެވެ.

ޝިޕިން އޭޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކުންފުނިތައް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ އޮތޯރިޓީގައި ރެޖިސްޓްރީ ނުކޮށް ޝިޕިން އެޖެންޓުންނަށް ހިދުމަތް ނުދެވޭނެ ކަމަށެވެ.

ގަވައިދު ބުނާގޮތުން ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.

ކޮންސައިނީއަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް
ނުވަތަ ފުރައިޓް ފޯވާޑަރު ސީދާގޮތުންނާއި ނުސީދާގޮތުންވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނަގައިގެން ނުވާނެ ކަަށް ގަވައިދު ބުނެ އެވެ.

ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 ރުފިޔާގެ ފީ އެއް ނެގިދާނެ ކަމަށް ގަވައިދު ބުނެ އެވެ.

މީގެ އިތުރުން އެޖެންޓެއް މެދުވެރިވެގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި އުޅަނދު ދަތުރުކުރާއިރު ދިމާވާ ނުރައްކައުތެރި ހާދިސާތަކާއި ތިމާވެށްޓަށް ގެއްލުން ލިބޭފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކަށް ދޭންޖެހޭ އެންމެހައި އެހީތެރިކަން ދިނުމާއި، އޭޖެންޓުގެ އިހުމާލުން ހިނގާ ކަންކަމުގައި ދެވަނަ ފަރާތަކަށށް ލިބޭ ގެއްލުންތައް ހައްލުކޮށްދިނުމުގައި އޭޖެންޓު މަސައްކަތް ކޮށްދޭންވާނެ ކަމަށްވެސް ގަވައިދު ބުނެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް