ބިދޭސީންގެ މުޒާހަރާތަކުން ހާމަވީ އެތައް އަހަރެއްގެ އިހުމާލު: އެމްއާރުސީ

--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތަކީ މޯލްޑިވްސް ރެޑްކްރެސެންޓުން އަބަދުވެސް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ފާއިތުވި ދުވަސްތަކުގައި ބިދޭސިން ކުރި މުޒާހަރާތަކާއި ހިންގި ހަމަނުޖެހުންތަކަކީ އެތައް އަހަރެއްގެ އިހުމާލުގެ ނަތީޖާ ކަމަށް މޯލްޑިވްސް ރެޑްކްރެސެންޓުން ބުނެފި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލާ ރެޑް ކްރެސެންޓުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އާބާދީގައި ބިދޭސީގެ ބޮޑު އިންސައްތައެއް އުޅެމުން އަންނަ އިރު، ގައުމުގެ ތަރައްގީގައި އެމީހުންގެ ހިއްސާވެސް ބޮޑު ކަމަށެވެ. މި ފަހުން ބިދޭސިން ހިންގި ހަމަ ނުޖެހުންތަކާއި މުޒާހަރާތަކުން ހާމަވި އެއްކަމަކީ އެމީހުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އިހުމާކުވެފައިވާތަން ކަމަށެވެ. އަދި އެމީހުންގެ ހައްގުތައް ހިމާޔަތް ކޮށް، އެމީހުންނަށްވެސް އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރުން ލަސްވެފައިވާކަން އެ ހަރަކާތްތަކުން އެނގިގެން ދިޔަ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ބިދޭސިން ފާޅުކޮށްފައިވާ ގިނަ ކަންބޮޑުވުންތަކަކަީ ވަގުތުން ވަގުތައް ފިޔަވަލު އަޅާ ހައްލު ކުރަންޖެހޭ ކަންތައްތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، މުސާރަ ގަޑިއަށް ބަރާބަރަށް ދިނުން، ދިރިއުޅެން ދައްކާ ތަނުގެ ހާލަތަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނަކަށް ވުން އަދި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެމީހުން ރާއްޖެ ގެނެސް އެމީހުން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކުން ފުރިހަމަކޮށްގެންޖެހޭނެ ކަންތައްތައްކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

ބިދޭސިންގެ ތެރޭގައި ލިޔެކިޔުން ހަމަނުވާ، ނުވަތަ ސައްހަ ލިޔެކިޔުން ނެތް މީހުން އެބަތިބިކަން ފާހަގަކޮށް ބަޔާނުގައި ބުނީ މިފަދަ ކަންތައްތަކަކީ އެމީހުން ރާއްޖެ ގެންނަ ފަރާތުން ފުރިހަމަކޮށް، ޒިންމާ އަދާކުރަންޖެހޭނެ ކަންތައްތައް ކަމަށެވެ.

ބަލިމަޑުކަމާއި ކާރިސާގެ ވަގުތުގައިވެސް އެންމެ ބޮޑު އަސަރެއް ކުރާނެ ބަޔަކީ ބިދޭސިންކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ކޮވިޑް19ގެ ހާލަތުގައިވެސް ބިދޭސިންގެ ދިރިއުޅުން ހުރިގޮތް ގާތުން ބަލައި، އެމީހުންނަށް އެހީތެރިވެދިން ފަރާތެއްގެ ހައިސިއްޔަތުން އެމްއާރުސީ އިން ބުނީ އެ ޖަމްއިއްޔާ އިން އިންސާނިއްޔަތަށް ކުރާ މަސައްކަތުގައި ދޭސީއެއް، ބިދޭސީއެއް ތަފާތު ނުކުރާނެ ކަމަށެވެ.

"ބިދޭސިންނާމެދު ރާއްޖޭގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށްވެސް ގޮވާލަމެވެ. ބިދޭސިންނަށް ދޭންޖެހޭ އުޖޫރަ ދިނުމަށް އެމީހުން ލައްވާ މަސައްކަތް ކުރުވާ މީހުންނަށް ގޮވާލަމެވެ. ބިދޭސިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވާލަމެވެ،" އެމްއާރުސީގެ ބަޔާނުގައިވެ އެވެ.

މިފަދަ ކަންތައް ހައްލު ކުރެވޭނީ މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށްވެސް އެމްއާރުސީ އިން ބުންޏެވެ.

މި ފަހުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރި ބިދޭސިންތަކަކަށް އެތައް މަސްތަކެއް ވަންދެން މުސާރަ ނުދިން މައްސަލާގައި މުޒާހަރާކޮށް އެ ރަށުގައި ހުރި ތަކެއްޗަށާއި މުދަލަށް ގެންލުން ދީފައިވެ އެވެ. އަދި ހުޅުމާލޭގައި ފުލުހުންނާއި ސިފައިންނަށް އަޅާ ފްލެޓުތަކުގެ މަސައްކަތް ކުރާ ކުންފުނީގެ ބިދޭސިން ވަނީ މުސާރަ މައްސަލާގައި މުޒާހަރާކޮށް ހަމަނުޖެހުންތަކެއް ހިންގާފަ އެވެ.

comment ކޮމެންޓް