ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

އުތުރާއި މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާއިރު އުތުރުގެ ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓެއްވެސް ނެރެފަ އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން ޔެލޯ އެލާޓް ނެރެފައިވަނީ 07:45 އިން ފެށިގެން 11:00 އާ ހަމައަށެވެ.

އުތުރުގެ ސަރަހައްދުތަކުގެ އިތުރުން މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށްވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އުތުރާއި މެދުރާއްޖޭގެ ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ ސަރަހައްދުތަކަށް އިރުދެކުނާއި ދެކުނުން ވައި ޖެހޭނީ ގަޑިއަކު ތިން މޭލާއި 13 މޭލުގެ ބާރުމިނުގައި ކަމަށެވެ. ދެކުނުގެ ސަރަހައްދަށްވެސް މިއަދު ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް