ބޮޑު މުޒާހަރާގެ މެސެޖް:
އިސްލާމް ދީން ވަނީ ދިވެހިންގެ ލެޔާ ގުޅިފައި

މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހަކީ ރާއްޖޭގެ މި ޒަމާނުގެ ތާރީހުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ދުވަހެވެ. އެދުވަހު ދިވެހީންގެ އެތައް ހާސް ބަޔަކު ރާއްޖޭގެ އެކި ހިސާބުތަކުގައި، މަގުތަކަށް ނުކުމެ އިސްލާމް ދީން ފިޔަވައި އެހެން ދީނެއް، ހަޔާތުގެ އެހެން ނިޒާމެއް އެމީހުން ގަބޫލު ނުކުރާނެކަމުގެ މެސެޖު ވަނީ ދީފައެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް، ފުރައްސާރަ ކުރުވައި، އިސްލާމް ދީނާ ހިލާފު ގޮތްތައް ރާއްޖެއަށް ތައާރަފުކުރުމަކީ ދިވެހީން ގަބޫލު ކުރާނެ ކަމެއް ނޫންކަމުގެ މެސެޖު ވަނީ ވަރަށް ސާފުކޮށް ދީފައެވެ.

މާލޭގެ ލޮނުޒިޔާރަތްކޮޅުގައި، ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވުނު މުޒާހަރާ އިންތިޒާމު ކުރީ މަދަނީ އިއްތިޙާދުގެ ފަރާތުންނެވެ. މަދަނީ އިއްތިޙާދާއެކު، އިދިކޮޅު ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކުން މި މުޒާހަރާގައި ބައިވެރިވެފައި ވެއެވެ. މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުން، ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވަނީ މުޒާހަރާ ބޭއްވުނު ސަރަހައްދަށް "ނަސުރުގެ މައިދާން" މި ނަމުން ނަން ދެއްވައިފައެވެ.

ނަސުރުގެ މައިދާނުގައި ދިވެހީންގެ އެތައް ހާސް ބަޔަކު ދައްކުވައިދިނީ އިސްލާމް ދީން ދެކެ ދިވެހީން ހަގީގަތުގައި ވެސް ލޯބިވާ ކަމެވެ. މުޒާހަރާ ކުރިޔަށް ދަނިކޮށް މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ވަގުތު ޖެހުމުން، މުޒާހަރާގެ ބައިވެރީން މޫދުގެ ލޮނުފެނުންނާއި، ބަންދު ކުރެވިފައިވާ ފެންފުޅިތަކުން ވުޟޫ ކޮށްގެން ނަމާދު ކުރިއެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ނަމާދުގެ ޖަމާއަތް ކަމުގައި ވުން އެކަށީގެންވާ އެ ޖަމާއަތުގައި ދިވެހި މުސްލިމު އަޚުންނާއި އުޚުތުންގެ އެތައް ހާސް ބަޔަކު އެކީގައި ރުކޫޢުކޮށް، ސަޖިދަކޮށް، އެއްކައުވަންތަ މަތިވެރިވަންތަ މާތްﷲ ގެ އިލާހުވަންތަކަމުގެ ހައްގު ނިދާ އިއްވަމުން ދިޔަ އިރު އެފެނުނު މަންޒަރަކީ ދިވެހި ޖައްވުން ފަހަކަށް އައިސް އަޅުގަނޑަށް ފެނުނު އެންމެ ރީތި މަންޒަރެވެ. އެންމެ އަސަރުގަދަ މަންޒަރެވެ. އެ މަންޒަރަކީ މި ފަސްގަނޑުގައި ހައްގުގެ އަޑު އަދި މަރުވެގެން ނުދާ ކަމުގެ ސާބިތު ހެކި ތަމްސީލު ކޮށްދިން މަންޒަރެކެވެ. އެ މަންޒަރަކީ ލޮލުން އުފަލުގެ ކަރުނަ ހިލުވާލި މަންޒަރެކެވެ. ދުވަހަކުވެސް ހަނދާނުން ފިލައިނުދާނެ މަންޒަރެއް މެއެވެ.

މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ

އެސޯސިއޭޓަޑް ޕްރެހާ ހަވާލާދީ، އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި ޑިސެންބަރު 23 ގެ މުޒާހަރާގައި، ނަޞްރުގެ މައިދާނަށް އެއްވީ 3000 ވަރަކަށް މީހުންނެވެ.

އަޅުގަނޑުމެން އެންމެން ވެސް ދަންނަ ގޮތުގައި މީޑިޔާގެ ފަރާތްތަކަކީ ވަރަށް ގިނަ ފަހަރު، ވަކި ފިކުރެއް ނުވަތަ ވަކި ބައެއްގެ މަސްލަހަތުތަކުގެ ދިފާއުގައި ބޮޑެތި ދޮގުތައް ހަދާ ބައެކެވެ. ދޮގު ޚަބަރުތަކާއި މައުލޫމާތު ފަތުރާ ބައެކެވެ. މިޒަމާނަށް ބަލާއިރު، އިސްލާމް ދީނަށް ނަފްރަތު ކުރުމާއި، އިސްލާމް ދީނަށް ޖެއްސުން ކުރުމާއި، އިސްލާމް ދީނާ ދެކޮޅަށް ދޮގު ވާހަކަތައް ފެތުރުމަކީ ދުނިޔޭގެ "އޮއިވަރު" ކަމަށް ވަނީ ވެފައެވެ. އެހެންކަމުން، ވޮޝިންގޓަން ޕޯސްޓު ފަދަ ފަރާތަކުން، އިސްލާމް ދީނުގެ ދިފާއުގައި އެއްވި ބައެއްގެ އަދަދު ބޮޑު އަދަދަކުން ގެއްލައި، ފްރެކްޝަނަލް އަދަދެއް ކިޔުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.
23 ޑިސެންބަރުގެ ބޮޑު މުޒާހަރާއަކީ މި ގައުމު މިހައިތަނަށް ދުށް އެންމެ ބޮޑު މުޒާހަރާއެވެ. މަދަނީ އިއްތިޙާދުގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި އެ މުޒާހަރާގައި މުޅި ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. ހަމައެކަނި މާލޭގައި މުޒާހަރާއަށް ޖަމާވި މީހުންގެ އަދަދަށް ބެލިޔަސް، މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މުޒާހަރާ ކަން ފެނިގެން ދެއެވެ. ނަސުރުގެ މައިދާނަށް އެއްވި މީހުންގެ އަދަދަކީ ގާތްގަނޑަކަށް 20000 ކަމަށް މަދަނީ އިއްތިޙާދުން ވަނީ ބުނެފައެވެ.

ނަން ހާމަކުރަން އެދިވަޑައިނުގަންނަވާ ޕޮލިސް އިންސްޕެކްޓަރަކު ވިދާޅުވި ގޮތުގައި، ނަޞްރުގެ މައިދާނަށް އިސްލާމް ދީނުގެ ޙިމާޔަތުގައި ނިކުތް މީހުންގެ ޢަދަދު 25000 އާ ގާތް ކުރާނެ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އޭނާއަކީ މުޒާހަރާގެ ކަންތައްތައް ބަލަހައްޓަވަން އުޅުއްވި ފުލުހުންގެ ޔުނިޓްތަކުގެ ތެރޭގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

ހަޖަމު ނުކުރެވުނީ ކީއްވެ؟

އިސްލާމް ދީނުގެ ޙިމާޔަތުގައި ދިވެހީން ތިބިކަމަށް ބުނެ ކުރާ މުޒާހަރާއެއް އިއުލާން ކުރުމާ އެކު، އެމްޑީޕީގެ އެކި ފެންވަރުގެ އެކި ބޭބޭފުޅުން އެކަމާ ދެކޮޅަށް ވާހަކަދައްކަވަން ފެއްޓެވިއެވެ. މިއީ ހައިރާން ވާން ޖެހުނު ކަމެކެވެ. މަދަނީ އިއްތިޙާދުގެ ފަރާތުން އިދިކޮޅު ޕާޓީތަކާ ގުޅިގެން އިއުލާން ކުރީ ދިވެހި ސަރުކާރު ވައްޓާލަން ކުރާ މުޒާހަރާއެއް ނޫނެވެ. އެމްޑީޕީއާ ދެކޮޅު މުޒާހަރާއެއް ނޫނެވެ. އިސްލާމް ދީން ދެކެ ދިވެހީން ލޯބިވާކަން ހާމަކުރާ، އިސްލާމް ދީނާ ދެކޮޅަށް ސަރުކާރުން ކުރާ ކަންތައްތަކާ ދެކޮޅަށް ކުރާ މުޒާހަރާއެކެވެ. އެހެންވިއްޔާ، އެމްޑީޕީން އެ މުޒާހަރާއަށް ދެކޮޅު ހެއްދެވުމުގެ މާނައަކީ، ބޭނުމަކީ ކޮބައިހެއްޔެވެ؟

ސަރުކާރު ހިންގާ އެމްޑީޕީން 23 ޑިސެންބަރުގެ މުޒާހަރާއާ ދެކޮޅަށް އެތައް ކަންތައްތަކެއް ކޮށްފައި ވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އެމްޑީޕީގެ މެންބަރުންނަށް ކޮންޓްރޯލް އޮންނަ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މުޒާހަރާގެ އިސް ވެރީން ހާޒިރު ކޮށްގެން ކުރި ކަންތަކެވެ. މުޒާހަރާގައި ތާލިބާނުން ބައިވެރިވޭތޯ ފަދަ ސުވާލުތައް ކުރި ކުރުމެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ މިނިސްޓަރުންނާއި އެމްޑީޕީގެ އިސް ވެރީން ވަނީ މުޒާހަރާއާ ދެކޮޅަށް އެކިއެކި ތުހުމަތުތައް ކޮށްފައެވެ. އިސްލާމް ދީނުގެ ހިމާޔަތުގައި މުޒާހަރާ ކުރަނީ ހައްދުފަހަނަޅާފައި ތިބޭ މީހުން ކަމަށް ބުނެ "ހޭޓްސްޕީޗް" ދައްކަވައިފައެވެ. އެންމެފަހުން އެމްޑީޕީން ނިންމީ ބޮޑު މުޒާހަރާގެ ވަގުތުގައި، އެ މުޒާހަރާއާ ދެކޮޅަށް އެހެން މުޒާހަރާއެއް ކުރާށެވެ. ބޭނުމަކީ ކޮބައި ހެއްޔެވެ؟

އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދުމާ ގުޅިގެން، 23 ޑިސެންބަރުގައި އެ ޕާޓީން ބޭއްވި މުޒާހަރާ ބޭއްވުނީ ބައްދަލުވުމެއްގެ ގޮތުގައެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ތަގުރީރު ވެސް ކުރެއްވިއެވެ. އެމަނިކުފާނުގެ ތަގުރީރުގައި އިސްލާމް ދީނުގެ ހިމާޔަތުގައި ކުރެވުނު ބޮޑު މުޒާހަރާގެ ބައިވެރީންގެ ބޮލުގައި ތުހުމަތު ތަކެއް އެޅުއްވިއެވެ.

ނަމަވެސް ހަގީގަތަކީ ބޮޑު މުޒާހަރާ އިއުލާން ކުރެވުނީއްސުރެ މިއަދާ ހަމަޔަށްވެސް ރައީސް ނަޝީދު ވިދާޅުވި ފަދަ ކަމަކަށް މުޒާހަރާގެ ހަރަކާތްތަކުގެ އެއްވެސް ބައިވެރިޔަކު ގޮވާލާފައި ނުވާކަމެވެ. 23 ޑިސެންބަރުގެ ހަވީރު 4 ޖެހީއްސުރެ އެ ރޭގެ ދަންވަރު 12 ޖަހާކަށްހާއިރު ވަންދެން މުޒާހަރާ ކުރިޔަށް ދިޔައިރު ވެސް ރައީސް ނަޝީދު ވިދާޅުވިފަދަ ގޮވައިލުމެއް މުޒާހަރާގެ އެއްވެސް ދިމާއަކުން ނުއިވެއެވެ.

23 ޑިސެންބަރުގެ މުޒާހަރާ އެތައް ގަޑިއެއް ވަންދެން ކުރިޔަށް ދިޔުމަށް ފަހު، އެ ރޭ 11 ޖަހަން ވީ އިރު އެމްޑީޕީގެ އިސް ލީޑަރުން ތިބީ އެމްޑީޕީ ހަރުގޭގައެވެ. އެތަނުގައި ތިއްބަވައިގެން އެމްޑީޕީގެ ލީޑަރުންގެ ތެރެއިން ރީކޯ މޫސައާއި ޑރ. ޑީޑީ ފަދަ ބޭފުޅުން ތަގުރީރު ކުރައްވައި، ބޮޑު މުޒާހަރާގެ ބައިވެރީންނާ ދެކޮޅަށް އެތައް އިންޒާރެއް ދެއްވިއެވެ. ދަންވަރު 12 ޖަހަންވާ އިރަށް މުޒާހަރާ ނުހުއްޓައިފި ނަމަ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅައިލާނެކަމުގެ އިންޒާރުތަކެވެ. ފުލުހުންނަށް ވެސް މައިތިރި ނުކުރެވޭނެ ވަރުގެ މުޒާހަރާތައް ބާއްވާނެކަމުގެ ބިރުވެރި އިންޒާރުތަކެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، އަދި އިންސާނީ ތަހުޒީބުގެ އެންމެހައި އުސޫލުތަކަކާ ހިލާފަށް، ބޮޑު މުޒާހަރާގެ ސުލްހަވެރި ބައިވެރީންނާ ދެކޮޅަށް މިފަދަ ޓެރަރިސްޓް އިންޒާރުތަކެއް ދެއްވުމަށް ފަހުގައި ވެސް، އެމްޑީޕީގެ ޕާރލަމެންޓޭރިއަން އިމްތިޔާޒު ފަހުމީ، ބޮޑު މުޒާހަރާގެ ސުލްހަވެރި ބައިވެރީންނަށް ނިސްބަތް ކުރައްވައި ވިދާޅުވީ "އަހަރެމެން ޓެރަރިސްޓުންނާ މުއާސަލާތެއް ނުކުރަމޭ" މިހެންނެވެ.

މުޒާހަރާގެ ޑިމާންޑްތައް

ބޮޑު މުޒާހަރާގެ ބައިވެރީން 5 ކަމަކަށް ސަރުކާރަށް ގޮވާލާފައި ވެއެވެ. މުޒާހަރާގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށް ވާ، ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވި ގޮތުގައި އެ 5 ގޮވައިލުމަށް ސަރުކާރުން އިޖާބަ ނުދީފި ނަމަ ރައްޔިތުން އަނެއްކާވެސް އެމީހުންގެ އިރާދާ ތަންފީޒު ކުރުމަށް ޓަކައި ނިކުންނާނެއެވެ.

މުޒާހަރާގެ ބައިވެރީން ގޮވާލި ފުރަތަމަ ކަމަކީ ދިވެހި ސަރުކާރުން އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ޣައިރު ދީންތަކުގެ ކަލާނގެތަކުގެ ބުދުތައް ނެގުމެވެ. މި ބުދުތައް ބެހެއްޓުމާ ބެހޭގޮތުން ސަރުކާރުން ވަނީ އެކި ފަހަރު އެކި ވާހަކަތައް ދައްކާފައެވެ. އެ ބުދުތައް ބެހެއްޓީ ސާކުގެ ގައުމުތަކުން ކަމަށާއި، ބުދުތައް ބެހެއްޓީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ރައްޔިތުން ކަމަށް ބުނުން ފަދަ ވާހަކަތަކެވެ. މިފަދަ ބުދުތަކެއް މުސްލިމުންގެ ތެރޭގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ދީނުގެ ހުރިހާ ދަންނަ ބޭކަލުން ޤުރުއާނާއި ސުންނަތުގެ އަލީގައި ވިދާޅުވަމުން ގެންދެވި އިރު ވެސް ސަރުކާރު ހިންގާ އެމްޑީޕީން ވަނީ "ބުދު އެހެރީ ބަހައްޓާފައޭ، އަދިވެސް ބަހައްޓާނަމޭ، ކަލޭމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެޔޭ" ބުނެ ޖެއްސުންކުރުންތަކުން ރައްދުދީފައެވެ.

މުޒާހަރާގެ ބައިވެރީންގެ ދެވަނަ ގޮވައިލުމަކީ ސަރުކާރުން ގެނައި ބޭރުގެ ބޭފުޅެއް ކަމަށް ވާ ނަވިނޭތަމް ޕިއްލޭގެ ވާހަކަތައް ރައީސް ނަޝީދު ކުށްވެރި ކުރެއްވުމާއި، ޕިއްލޭ އިސްލާމް ދީނަށް މަލާމާތް ކުރެއްވި ކުރެއްވުމަށް މާފަށް އެދިވަޑައިގަތުމެވެ. ޕިއްލޭއަކީ އިލްމީ އެއްވެސް ހަމަޔަކުން ސާބިތު ނުކުރެވޭ ތުހުމަތުތަކަކާ އެކު އިސްލާމް ދީނުގެ ހައްދަކަށް ފުރައްސާރަ ކުރެއްވި ބޭފުޅެކެވެ.

ތިންވަނަ ގޮވައިލުމަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ނުބައި، އެންމެ އަނިޔާވެރި، އެންމެ ރަހުމު ކުޑަ އެއް ގައުމު ކަމަށް ވާ އިޒްރޭލުގެ ގައުމީ އެއަރލައިނުގެ ފްލައިޓުތައް ރާއްޖެއަށް ބާއްވަން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުމެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ރެޔާއި ދުވާލު އިޒްރޭލުން ދެމުންދާ ރަހުމު ކުޑަ އަނިޔާތަކާ މެދު އެއްވެސް ހިތެއް ފިތެއް ނެތި ލޯމަރާލައި، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ މޫނަށް ކުޅުޖެހުމާ އެއްފަދަ މި ނިންމުން ސަރުކާރުން ނިންމާފައި ވަނީ ވެސް ރާއްޖޭގެ ކަންކޮޅުތަކުގައި އެކަމާ ދެކޮޅަށް އެކި ފަރާތްތަކުން އަޑު އުފުލަމުން ދަނިކޮށެވެ.

މުޒާހަރާގެ ބައިވެރީންގެ އަނެއް ގޮވައިލުމަކީ ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓައިލުމެވެ. ސަރުކާރުން ދަނީ މީހުން އުޅޭ ރަށްރަށުގެ ސަރަހައްދުތަކަކީ "ފަޅުރަށްތައް" ކަމަށް ހަދައި، އެތަންތަނުގައި އަޅާ ހޮޓާތަކުގައި ރާ ވިއްކޭނެ މަގު ފަހިކުރަމުންނެވެ.

މުޒާހަރާގެ ބައިވެރީންގެ ފަސްވަނަ ޑިމާންޑަކީ މާލޭގައި ގިނަވެފައިވާ ޒިނޭހާނާތައް ބަންދުކުރުމުގެ ޑިމާންޑެވެ. މާލޭގައި ތިރީހަކަށް މިސްކިތް ހުރި އިރު، ފަސްދޮޅަހަކަށް ޒިނޭހާނާ، މަސާޖުޕާލާތަކުގެ ނަންބޯޑު އަޅުވައިގެން ހިންގަމުން ދެއެވެ. މިތަންތަނާ ބެހޭ މައުލޫމާތުތައް ދިވެހި ސަރުކާރަށް ވެސް އެނގޭ ކަމީ އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް ސަރުކާރުން ވަނީ މި ނުބައި ޖަރީމާ ހިންގާ ފަރާތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އެއްބަސް ނުވެފައެވެ.

މުޒާހަރާގެ ރީތި ނަމޫނާއެއް

23 ޑިސެންބަރުގެ ބޮޑު މުޒާހަރާއަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް މި ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ކުލަގަދަ މުޒާހަރާއެވެ. އެ މުޒާހަރާއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވި މުޒާހަރާއެވެ. ގާތްގަނޑަކަށް އަށް ގަޑި އިރަށް މުޒާހަރާ ދެމިގެން ދިޔައެވެ. މުޒާހަރާގެ ތެރޭގައި ވިއްސަކަށް ބޭފުޅުން ވާހަކަ ދައްކަވާފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކާ ދިމާޔަށް ހުތުރު ބަހުން އެއްޗެހި ގޮވައި، ފުރައްސާރަ ކުރުމުގެ އިބާރާތްތައް މުޒާހަރާގެ ސްޓޭޖުން ވެސް، މުޒާހަރާގެ ބައިވެރީންގެ ތެރެއިން ވެސް އިވިފައެއް ނުވެއެވެ. އެއްވެސް މީހެއްގެ ފުރާނަޔާއި މުދަލާއި މިނިވަންކަމާއި އަބުރުގެ ހައްގަށް އަރައިގަތުން ފަދަ އަމަލެއް ހިންގުމަށް މުޒާހަރާގެ އެއްވެސް ބައިވެރިއަކު ގޮވާލައިފައެއް ނުވެއެވެ. މުޒާހަރާ ފެށި، ކުރިޔަށް ގޮސް، ނިމިގެން ދިޔައީ ވެސް އެއްވެސް ކަހަލަ ހަރުކަށި އަމަލުތަކެއް ފެނުމަކާ ނުލައެވެ. އެހެންކަމުން މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ސުލްހަވެރި މުޒާހަރާކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ކުރާ މުޒާހަރާތަކުގައި އަޅުގަނޑުމެންނަށް މުޅީންހެން ފެންނަނީ މިއާ ތަފާތު މަންޒަރެކެވެ. މީގެ ދުވަސްކޮޅެއް ކުރީން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެމްޑީޕީގެ ލީޑަރުންގެ ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން އެއްވެ ކުރި މުޒާހަރާއަކީ އެންމެ ރީތި އެއް މިސާލެވެ. އެ މުޒާހަރާގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ހިލާފަށް ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ވެއެވެ. އެ މުޒާހަރާގެ ބައިވެރީން ވަނީ މުޒާހަރާ ނިންމާލުމުގެ ގޮތުން މއ. އެންދެރިމާގޭ ދޮށަށް އެއްވެ، އެ ގެއަށާއި ކައިރީގައި ހުރި އެހެން ގެއަކަށް ހަމަލާ ދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. 23 ޑިސެންބަރުގެ މުޒާހަރާއާ ގުޅިގެން، އެރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވުނު ބައްދަލުވުމުގައި ވެސް އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ދާދި އެއްކަހަލަ އަޑުތަކެކެވެ. މީސްމީހުންގެ ގޭދޮށަށް އެއްވާނެ ވާހަކަޔާއި، ހަމަލަ ދޭނެ ވާހަކަޔާއި، އަނިޔާކުރާނެ ވާހަކަޔާއި، މުދާތައް އަތުލައިގަންނާނެ ވާހަކައެވެ.

ބޮޑު މުޒާހަރާގެ އިންތިޒާމުތައް ފެށުނީއްސުރެ، އެ މުޒާހަރާއަކީ ހަރުކަށި މީހުން ހިންގާ ހަރަކާތެއް ކަމަށާއި، އެ ހަރަކާތުގެ ބޭނުމަކީ މީހުން މަރައި، މީހުން މަރާލަން ގޮވުން ކަމަށް އެމްޑީޕީގެ އެކި ފެންވަރުގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދުވަސް ނިމިގެން ދިޔައިރު އަޅުގަނޑުމެންނަށް ފެނުނީ މުޅީން ތަފާތު މަންޒަރެކެވެ.

ފުލުހުންނަށް ސާބަސް

23 ޑިސެންބަރުގެ މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ވާޖިބު އަދާކޮށްފައިވާ ގޮތާ މެދު ތައުރީފު ކުރަން ޖެހެއެވެ. ފުލުހުންނަށް ސާބަސް ދީ، ސެލިޔުޓް ކުރަން ޖެހެއެވެ. މުޒާހަރާގެ ބައިވެރީންގެ ހައްގުތަކަށް އިހުތިރާމުކޮށް، މުޒާހަރާގެ ކަންތައް ޤާނޫނާ އެއްގޮތަށް ގެންދިޔުމުގައި ފުލުހުން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ.

ބޮޑު މުޒާހަރާގެ ހަރަކާތްތައް ކުރިޔަށް ދަނިކޮށް އެމްޑީޕީން އާރޓިފިޝަލް ބީޗުގައި ބޭއްވި އެއްވުން ނިންމާލުމަށްފަހު، އެ އެއްވުމުގެ ބައެއް ބައިވެރީން ބޮޑު މުޒާހަރާގައި ހަމަނުޖެހުން އުފެއްދުމުގެ މަގުސަދުގައި ނަސުރުގެ މައިދާނަށް ވަންނަން ވެސް މަސައްކަތް ކުރި ކަމަށްވެ އެވެ. ނަމަވެސް ފުލުހުން ވަނީ ހަމަނުޖެހުމަކަށް ދޮރު ހުޅުވުނަ ނުދޭންވެގެން، އެމީހުން ނަސްރުގެ މައިދާނަށް ވަނަނުދީ ހިފަހައްޓާފަ އެވެ. އެހެންކަމުން ވަރަށް ގިނަ ފަރާތްތަކަކުން ވަނީ ފުލުހުން އެމީހުންގެ ޒިންމާތައް އަދާކުރި ގޮތަށް ތައުރީފު ކޮށްފައެވެ.

އިސްލާމް ދީނަށް ގޮމެއް ނުޖެހޭނެ!

ދިވެހި މުސްލިމުން އެމީހުންގެ ބިމުގައި، އެމީހުންގެ ގައުމުގައި، އިސްލާމީ ޝަރީޢަތް ޤާއިމުކުރަން އުޅުމުން އެކަމާނުރުހޭ މަދު ބަޔަކު، ތިމާމެންގެ އަތުގައި އޮތް ބާރުގެ ނާޖާއިޒު ފައިދާ ނަގައި،ހުޅަނގުގެ މުޖުތަމައަށް ޝަކުވާ ހުށަހަޅައި، "މިވެރީން ވަގުންގެ އަތް ކަނޑަން އުޅެނީއޭ" ބުނެ ޝަކުވާތައް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ސިޔާސީ ގަދަބަދަވިކަމުގެ ބޭނުން ކޮށްގެން އިސްލާމް ދީނަށް ކާފަރުވާން ދިވެހީންނަށް މަޖުބޫރު ކުރުވުން ހެއްޔެވެ؟

ބަޔަކަށް އެކަން ގަބޫލު ނުކުރެވުނަސް، އިސްލާމް ދީނަކީ ހައްގު ދީނެވެ. އިސްލާމީ ޝަރީއަތަކީ ވަޟަޢީ އެންމެހައި ގާނޫނުތަކަށް ވުރެ ފުރިހަމަ ގާނޫނެކެވެ. ޔޫރަޕު އަނދިރިކަމުގައި އޮއްވައި، ޔޫރަޕުގައި ތަހުޒީބުގެ ބައްތިތައް ދިއްލައިދިނީ އިސްލާމް ދީނެވެ. މުސްލިމުންނެވެ. ޔޫރަޕުގެ ގާނޫނީ ނިޒާމުތަކުގައި މިއަދު ފެންނާން ހުރި އިންސާނީ ހައްގުތަކާއި އަދުލު އިންސާފުގެ އަސާސީ އުސޫލުތަކަކީ ސްޕޭނާއި، ސިސިލީއާއި، މެދުއިރުމަތީގެ އިސްލާމީ މުޖުތަމައުތަކުން ޔޫރަޕަށް އިމްޕޯޓު ކުރެވުނު އުސޫލުތަކެވެ. ވިސްނައި ފިކުރު ކުރާ ސިކުނޑިތަކާއި، ހައްގުގެ އަޑު އިވުމުން އަސަރު ކުރާ ހިތްތަކަށް އެކަން ސާބިތު ކޮށްދިނުމަކީ ދާދި ފަސޭހަ ވެސް ކަމެކެވެ. އެކަން ބައްލަވައިލައްވަން ބޭނުންފުޅު ނަމަ ޢައްލާމާ މުޙައްމަދު އަސަދު، މުރާދު ވިލްފްރިޑް ހޮފްމަން، ސައްޔިދު ޙުސައިން ނަޞްރު، ރޯޒް ވިލްޑަރ ލޭން، ލީ ގައި އީޓަން، ޖޯން މަޤްދީސީ، ސީ.ޖޭ. ވީރަމަންތްރީ ފަދަ ބޭފުޅުންގެ ޢިލްމީ ފޮތްތައް ވިދާޅުވާށެވެ.

އެމެރިކާއަކީ 14.5 ޓްރިލިއަނަށް ވުރެ ބޮޑު އާމުދަނީއެއް އަހަރަކު ލިބޭ ގައުމެކެވެ. މިއީ މުޅި ޔޫރަޕާ ނުބައްދަލު އަދަދެކެވެ. އެމެރިކާގައިގާތްގަނޑަކަށް 5760 ޔުނިވަރުސިޓީ/ކޮލެޖް އެބަހުއްޓެވެ. ދުނިޔޭގެ ޔުނިވަރުސިޓީތައް ރޭންކްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ލިސްޓުތަކަށް ބަލައިލުމުން ފެންނަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 50 ވަރަކަށް ޔުނިވަރުސިޓީގެ ތެރޭގައި އެމެރިކާގެ 30 ޔުނިވަރުސިޓީ ހިމެނޭ މަންޒަރެވެ. އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ކުށްކުރުން ހުއްޓުވުން ފަދަ މަގުސަދުތަކަށް ޓަކައި، އެތައް ބިލިއަން ޑޮލަރެއް ހަރަދު ކޮށްގެން ހަރަކާތްތެރިވާ ސިވިލް އެންޖީއޯތަކުގެ ހަރަކާތްތައް ދުނިޔޭގައި އެންމެ ބޮޑު އެއް ގައުމަކީ އެމެރިކާއެވެ. ކުށްކުރުން ހުއްޓުވުމަށް ނަފްސާނީ އިލްމާއި އަދި އެހެން އެކިއެކި ރޮނގުތަކުން ތަރައްގީ ކުރެވިފައިވާ އެކިއެކި އުކުޅުތައް ބޭނުން ކުރުމުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ، އަދި އެކަމަށް ޓަކައި އެންމެ ބޮޑު ހަރަދެއް ކުރާ ގައުމަކީ އެމެރިކާއެވެ. ނަމަވެސް ހަމައެކަނި ކުށްކުރުމުގެ ނުބައި ވަބާ ކޮންޓްރޯލް ކުރުމަށް ވެސް އެމެރިކާގެ "މޮޅު ނިޒާމު" ވަނީ ނުކުޅެދިފައެވެ.

ދެތިން މިސާލެއް ދަންނަވާލާނަމެވެ. މުޅި ދުނިޔޭގައި ޖަލަށް ލެވިފައިވާ މީހުންގެ 25 އިންސައްތައަކީ އެމެރިކާގެ ޖަލުތަކުގައި ތިބި މީހުންނެވެ.އެމެރިކާގެ ނެޝަނަލް ސެންޓަރ ފޯރ އިންޖުރީ ޕްރިވެންޝަން އެންޑް ކޮންޓްރޯލުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެގައުމުގައި ކޮންމެ އަހަރަކު އެވްރެޖްކޮށް، 4.8 މިލިއަން އަންހެނުންނަށް ފިރީން ނުވަތަ އެކީގައި އުޅޭ ފިރިހެނުންގެ ފަރާތުން ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާތައް ލިބެއެވެ.އެމެރިކާގެ ނެޝަނަލް ކްރައިމް ވިކްޓިމައިޒޭޝަން ސަރވޭއިން ދައްކާފައިވާ ގޮތުގައި 2006 ވަނަ އަހަރު އެގައުމުގައި 232960 އަންހެނުން ރޭޕްކޮށްލެވިފައި ވެއެވެ. އެއީ ދުވާލަކަށް 638 ރޭޕެވެ. ގަޑިއަކަށް 26 ރޭޕެވެ. ކޮންމެ ފަސް މިނެޓަކަށް 2 ރޭޕެވެ. އެމެރިކާއަކީ ފަހެ އިންސާނީ މުޖުތަމައެއް ހެއްޔެވެ؟ ނުވަތަ ރޭޕް މެޝިނެއް ހެއްޔެވެ؟

މިއީ ލިބަރަލިޒަމާއި ހިޔުމަނިޒަމާއި، ދެންވެސް އިސްލާމް ދީން ފިޔަވައި އެހެން ހުރިހާ "ޒަމް" ތަކެއްގެ ބޭހުން ފަރުވާ ކުރީމާ ވެސް ވީ ވަރެވެ. 14 ޓްރިލިއަން ޑޮލަރާއި، 5760 ޔުނިވަރުސިޓީއާއި، "އެންމެ މޮޅު ގާނޫނީ ނިޒާމު" އޮތް އިރު ވާ ވަރެވެ.މުސްލިމުން އިސްލާމީ ޝަރީޢަތް ގާއިމުކުރި ދުވަސްވަރުގެ ތާރީހު ބައްލަވާށެވެ. ފަގީރުކަން ނެތި، އަދުލު އިންސާފުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަވެ، އަންހެނުން އެކަނިމާއެކަނި އަމިއްލަ ވަޒަނުން ނިކުމެ އެތައް މޭލެއް ކަޑައްތުކޮށް މައްކާއަށް ޒިޔާރަތް ކުރަމުން ދިޔަ ޒަމާން މުސްލިމުން ވަނީ ގެނެސްފައެވެ. މީގެ ތަފްސީލުތަކަށް ދިޔުމަކީ މިފަދަ މަގާމެއްގައި ކުރެވޭނެ ކަމަކަށް ނުވާތީ، އިސްލާމް ދީނުގެ ހަގީގީ ތާރީހާއި، އިސްލާމީ ޝަރީއަތާ މެދު ހަގީގީ އިލްމުވެރީން ލިޔުއްވާފައި ހުރި ފޮތްތައް ބައްލަވަން ދައުވަތު އަރުވަމެވެ.

އަޅުގަނޑުމެން މި އުޅެނީ ހުޅަނގުގެ ލާދީނީ ފިކުރުތަކާއި އުސޫލުތަކުގެ ސަބަބުންއަހުލާގީ، އަދި އިޖުތިމާއީ ވަބާތައް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފުވާތީ ކަންބޮޑުވެގެންނެވެ. ދިވެހީން މުޒާހަރާ ކުރީ ރޫހާނީ އަދި އަހުލާގީ ބަނގުރޫޓުވުމުން އެމީހުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ މަތިވެރިވަންތަ ﷲ ގެ އިލާހީ ޝަރީޢަތް ކަމަށް ގަބޫލު ކުރެވިގެންނެވެ. އިސްލާމީ އަގީދާ އަކީ ދިވެހީންގެ މިއަދާއި މާދަމާގެ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަން ދިވެހީންނަށް ޔަގީން ވާތީއެވެ. އިސްލާމީ އިބާދާތުގެ ނިޒާމަކީ ހަގީގީ އަދި ދެމިހުންނަނިވި ހިތްހަމަޖެހުމާއި ބުއްދީގެ ހަމަޖެހުން ލިއްބައިދޭ ވަސީލަތް ކަމުގައި ގަބޫލު ކުރާތީއެވެ. ނުބައި ފާހިޝްކަންތައްތަކާއި ނުބައި ޖަރީމާތަކުގެ ހާއްޔަކަށް މި ގައުމު ބަދަލުވެގެން ދިޔުން ހުއްޓުވާނެ ހަމައެކަނި މަގަކީ އިސްލާމީ ޝަރީއަތް ކަމުގައި ވާތީއެވެ. އިސްލާމް ދީން ފިޔަވައި އެހެން "ޒަމް" ތަކަށް މި ޒަރޫރީ މަގުސަދުތައް ހާސިލުކޮށް ނުދެވޭނެތީއެވެ.
އެހެންކަމުން، ދިވެހީން އިސްލާމްދީނުގެ އަޑު އުފުލުމުން އެއްވެސް ބޭފުޅަކު ދުނިޔޭގެ ކުފުރުގެ ބާރުތަކުގައި ގާތުގައި ޝަކުވާ ކުރައްވައިގެން، ބޮޑާ ހާއްކަވައިގެން، ދިވެހީންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވައިގެން، ދިވެހީންގެ ދީން ކަތިލާން މަޖުބޫރު ކުރައްވަން އުޅުއްވާނެކަމެއް ނެތެވެ. އިސްލާމް ދީނަށް ފުރަގަސްދީގެން ނޫންގޮތަކަށް ދިވެހީންނަށް ބްރިޖާއި ޓަވަރު ނުލިބޭނޭ ކަމުގެ ބިރު ދައްކަވައިގެން ދިވެހީންނަކީ ﷲ އަށް ކާފިރުވާ، އެކަލާނގެ ނިއުމަތްތަކަށް ޝުކުރުވެރި ނުވާ، ނުބައި ބައިގަނޑަކަށް ބަދަލު ކުރައްވަން އުޅުއްވާނެކަމެއް ނެތެވެ.

ކޮންމެއަކަސް، 23 ޑިސެންބަރުގެ މުޒާހަރާގައި ދިވެހިން ދިން މެސެޖު ވަރަށް ސާފެވެ. އެ މެސެޖަކީ، އިސްލާމް ދީން ވަނީ ދިވެހީންގެ ލެޔާ ގުޅިފައި ކަމުގެ މެސެޖެވެ. އިސްލާމް ދީނަކީ ހަރުކަށިކަމުގެ ދީނެކޭ، އިސްލާމް ދީނަކީ ތަރައްގީގެ ދުޝްމަނެކޭ، އިސްލާމް ދީނަކީ ދޮގުވެރި ދީނެކޭ ބުނެ ނުބައި މީހުން ދައްކަމުންދާ ވާހަކަތަކަކީ ދިވެހީން ގަބޫލު ކުރާނޭ ވާހަކަތަކެއް ނޫންކަމުގެ މެސެޖެވެ. އިސްލާމް ދީން ގޮނޑަށް އެއްލާލައި، ވަޟަޢީ ގާނޫނުތަކާއި ހުޅަނގުގެ ލާދީނީ ފިކުރުތަކާއި އުސޫލުތައް ރާއްޖެއަށް ގެނައުމަކީ ދިވެހީން ބޭނުންވާ ކަމެއް ނޫންކަމުގެ މެސެޖެވެ. ބަނގުރާ ބުއިމާއި، ޒިނޭކުރުމާއި، ޝިރުކުގެ ބޮޑު ފާފަޔަކީ ދިވެހީންގެ ގާތުގައި "ކޫލް" ކަންތައްތަކެއް ނޫންކަމުގެ މެސެޖެވެ.
ގުޅޭ ޓެގު
comment ކޮމެންޓް