ޑިސްނީލޭންޑާއި، އެއިފިލް ޓަވަރު އެއްކޮށް ހުޅުވާލައިފި

ޕެރިހުގެ ލުވޫފް ގާޑެން ގެ މަތިން ކޮތަރުތަކެއް އުދުހެމުން ދާއިރު، ފަހަތުން ފެންނަން ހުރި އައިފިލް ޓަވަރު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައި -- ފޮޓޯ: އޭޕީ

ކޮވިޑް-19 ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މެދުކެނޑުމަކަށް އައިސްފައި އޮތް ފްރާންސްގެ ފަތުރުވެރިކަން މަޑު މަޑުން ހުޅުވާލަމުން އަންނަ އިރު އެންމެ ގިނަ ފަތުރުވެރިންގެ ފެވަރިޓެއް ކަމަށްވާ ޑިޒްނީލޭންޑް ތީމް ޕާކާއި، އެއިފިލް ޓަވަރުގެ އެންމެ މަތީ ބުރި ވެސް ހުޅުވާލައިފި އެވެ.

ޔޫރޮޕަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފްރާންސަކީ ކޮވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމެވެ. އެ ބަލިމަޑުކަމުން އަރައިގަނެ ގައުމުގެ އިގިތުސޯދު ހަމައަކަށް އެޅުވުމަށް ގައުމުގެ ފަތުރުވެރިކަން ހުޅުވާލައި، ރައްކާތެރިކަމާ އެކު ފަތުރުވެރިން ޒިޔާރަތްކޮށް ވަގުތު ހޭދަ ކުރެވޭނެ ގޮތް ހެދުމަށް ފްރާންސުން މިހާރު އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެގައުމަށް ޒިޔާރަތް ކުރާ އެންމެ ގިނަ ފަތުުރުވެރިންގެ ފެވަރިޓެއް ކަމަށްވާ ޑިޒްނީ ލޭންޑް ތީމް ޕާކު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހަތަރު މަހުގެ މެދުކެނޑުމަކަށްފަހު މި ޕާކް އަލުން ހުޅުވާލި އިރު މި ޕާކަކީ މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޔޫރޮޕުގެ ޕާކެވެ.

ފްރާންސްގެ ކެޕިޓަލް ޕެރިހުގައި ހުންނަ މި ޕާކް ހުޅުވާލި ނަމަވެސް ޕާކަށް އެއްފަހަރާ ޒިޔާރަތް ކުރެވޭ ފަތުުރުވެރިންގެ އަދަދު ވަނީ މަދުކޮށްފަ އެވެ. އަދި ގައިދުރު ކުރުމުގެ ގަވާއިދުތަކާއި، އެގައުމުގެ ސިއްހީ ގަވާއިދުތަކުގެ ލަފާގެ މަތިން ދުވާލަކު އެތައް ފަހަރަކު މުޅި ޕާކު ޑިސްއިންފެކްޓް ކުރަން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ދުވަސްވީ އެންމެ އުސް އެއް އިމާރާތްކަމަށްވާ އެއިފިލް ޓަވަރުގެ އެންމެ މަތީ ފުލޯވެސް ވަނީ އިއްޔެއިން ފެށިގެން ފަތުރުވެރިންނަށް ހުޅުވާލައިފަ އެވެ. މިދިޔަ މަހުގެ ތެރޭގައި ރަސްމީކޮސް އެފިލް ޓަވަރުގެ ބައެއް ފްލޯތައް ހުޅުވާލި ނަމަވެސް ފަތުރުވެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އެންމެ މަތީ ފްލޯ އޮތީ ބަންދު ކޮށްފަ އެވެ.

މީގެ ކުރިން ދުވާލެއްގެ މައްޗަށް 23،000 އެއްހާ މީހުން އެފިލް ޓަވަު ބަލާލަން އެތަނަށް ޒިޔާރަތް ކުރާއިރު މެދު ކެނޑުމަކަށްފަހު އަލުން ހުޅިވި ދުވަހު އެކަނި ވެސް ވަނީ 5،000 މީހުން ޒިޔާރަތް ކޮށްފަ އެވެ.

ފަތުރުވެރީންނާއި ލޯބިވެރީންގެ މެދުގައިވެސް މަގުބޫލު 133 އަހަރުވީ އެ ބިނާ އޮޕަރޭޓްކުރާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޕެޓްރިކް ބްރާވޯ ރުއިވީ ބުނީ އަލުން ޓަވަރު ހުޅުވާލުމާ އެކު ފަތުރުވެރިންނަށް ޓަވަރަށް އަރައި ފޭބޭނެ ކަމަށާއި، އެކަމަކު ޓަވަރަށް އެއްފަހަރެެއްގެ މައްޗަށް 250 އެއްވުރެން ގިނަ މީހުންނަށް ނޭރޭނެ ކަމަށެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ހަތަރު މަހަށް ޓަވަރު ބަންދުކޮށްފައި ހުރި އިރު މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެ ޓަވަރު އެންމެ ގިނަ ދުވަހަށް ބަންދު ކުރި ފަހަރެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން ފްރާންސްގެ ވެރިރަށް ޕެރިހުގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ވެސް އެ ޓަވަރު ވަނީ ދުވަސްގަނޑަކަށް ބަންދު ކޮށްފަ އެވެ.

comment ކޮމެންޓް