2003ގެ ފަހުން ފުރަތަމަ ފަހަރަށް އެމެރިކާ ސަރުކާރުން މަރުގެ އަދަބު ދީފި

އެމެރިކާއިން މިއަދު މަރުގެ ހުކުމް ތަންފީޒު ކުރި ޑެނިއެލް ލުއިސް ލީ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖުލައި 14): އެމެރިކާގެ މައި ސަރުކާރުން މަރުގެ އަދަބު ނުދޭތާ 17 އަހަރު ފަހުން މިއަދު ފުރަތަމަ ފަހަރަށް ފެޑެރަލް ހުކުމެއްގައި އެގައުމުން މީހަކަށް މަރުގެ އަދަބު ދީފި އެވެ.

އެމެރިކާގެ އިންޑިއާނާގެ ފެޑެރަލް ކަރެކްޝަނަލް އިންސްޓިޓިއުޓުގައި ލީތަލް އިންޖެކްޝަން ދީގެން މިއަދު މަރާފައި ވަނީ މީގެ 24 އަހަރު ކުރިން އެއް އާއިލާއެއްގެ ތިން މެމްބަރަކު މަރާލި މައްސަލާގައި ހައްޔަރު ކުރި ޑެނިއެލް ލުއިސް ލީ އެވެ.

ލީއަށް މަރުގެ އަދަބު ދިނުމުގެ ކުރިން ވާހަކަ ދައްކަން ފުރުސަތު ދިނުމުން އޭނާ ބުނެފައި ވަނީ މީހަކު މަރާފައި ނުވާނެ ކަމަށެވެ.

"އަހަރެން އެކަމެއް ނުކުރަން. އަހަރެންގެ ދިރިއުޅުމުގައި ވަރަށް ގިނަ ގޯސް ހެދިފައިވޭ، ނަމަވެސް އަހަންނަކީ މީހުން މަރާ މީހެއް ނޫން... ތި މީހުން ތި މަަރަނީ މައުސޫމު މީހެއް،" ލީ ބުންޏެވެ.

ލީ ހައްޔަރު ކުރީ، ހަތިޔާރު ވިއްކާ މީހެއް ކަމަށްވާ ވިލިއަމް މުލާ އާއި އޭނާގެ އަންހެނުންނާއި އަށް އަހަރުގެ ދޮން ދަރިފުޅު 1996 ވަަނަ އަހަރު މަރާލި މައްސަލައިގަ އެވެ. އޭރު އޭނާ އާއި އެ ކުށުގައި ބައިވެރިވި އިތުރު ހަތަރު މީހުންނަކީ ދޮން ނަސްލުގެ މީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނަށް ވުރެ މާތް ބަޔެއް ކަމަށް ދެކޭ ޖަމްއިއްޔާއެއްގެ މެމްބަރުންނެވެ. އަދި އެމީހުން މުލާއާއި އޭނާގެ އާއިލާ މަރާލީ އެ ޖަމިއްޔާގެ މަސައްކަތުގައި ބޭނުންކުރުމަށް މުލާގެ ހަތިޔާރާއި 50،000 ޑޮލަރު ވަގަށް ނެގުމުގެ ތެރޭގަ އެވެ.

ލީ މަރަން މީގެ ކުރިން ކަނޑައަޅާފައި އޮތް ތާރިހަކީ އިއްޔެ ކަމަށްވީ ނަމަވެސް އެ ހުކުމް ތަންފީޒު ކުރުމަށް ޑިސްޓްރިކްޓް ކޯޓެއްގެ ފަނޑިޔާރަކު ހުރަސް އެޅުއްވި އެވެ. އެއީ މަރުގެ އަދަބު ދޭން ލީތަލް އިންޖެކްޝަން ޖެހުމާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އެ ފަނޑިޔާރު ވިދާޅުވި ގޮތުގައި ލީތަލް އިންޖެކްޝަންގެ ސަބަބުން އަދަބު ލިބޭ މީހާއަށް ވަރަށް ބޮޑު ވޭނަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އަދި އެއީ "އަނިޔާވެރި އަދި އާދަޔާހިލާފު" އަދަބުތައް ދިނުން މަނާ ކުރާ ގާނޫނާ ހިލާފުވާ ކަމެކެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުން ވަނީ ޑިސްޓްރިކްޓު ކޯޓުގެ އަމުރު ބާތިލުކޮށް، ލީގެ މަރުގެ ހުކުމް ތަންފީޒުކުރުމަށް ހުއްދަ ދެއްވާފަ އެވެ.

ލީއަށް މަރުގެ އަދަބު ނުދިނުމަށް ގޮވާލި މީހުންގެ ތެރޭގައި މުލާގެ އާއިލާގެ މެމްބަރުން ހިމެނެ އެވެ. އެގޮތުން މުލާގެ އަންހެނުން ނޭންސީގެ މަންމަ، އާލީން ޕީޓާސަން ވަނީ ލީއަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އޭނާ އުމުރަށް ޖަލަށް ލުމަށް ގޮވާލާފަ އެވެ.

އެމެރިކާގެ ފެޑެރަލް ސަރުކާރުން 2003ގެ ފަހުން މަރުގެ އަދަބު ދީފައި ނުވި ނަމަވެސް އެގައުމުގައި ސްޓޭޓް ފެންވަރުގައި އެހުކުމް ތަންފީޒުކޮށްފައިވެ އެވެ. އެގޮތުން 1967ގެ ފަހުން އެންމެ ގިނައިން އެހުކުމް ތަންފީޒު ކުރީ ޓެކްސަސްގަ އެވެ. އެސްޓޭޓުން މިހާތަނަށް 563 މީހަކަށް މަރުގެ އަދަބު ދީފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް