އަރަބި ޓޫރިސްޓުންނަށް ރާއްޖެ ޕްރޮމޯޓް ކުރަން ޑރ. ޝަހީމް މަސައްކަތް ފައްޓަވަނީ

އަރަބި ފަތުރުވެރިންގެ މެދުގައި ރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމަށްޓަކައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މާލްދީފް ގްރޫޕުން ވެބްސައިޓެއް އިފްތިތާހުކުރުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓުގެ ގޮތުގައި މާލްދީފުން ވެބްސައިޓެއް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގައެވެ. ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތްތަކެއްގައިވެސް އެ އަރަބި ޕްލެޓްފޯމް އިފްތިތާހުކުރުމަށް ވަނީ ނިންމާފައެވެ.

ޑރ. ޝަހީމް މިރޭ "ސަން" އަށް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އަރަބި ބަހުން ޚާއްސަ ސޯޝަލް ޕްލެޓްފޯމުތަކެއް ހަދާފައި ނުވާ ކަމަށެވެ. އަދި އަރަބި ބަހުން ޕްލެޓްފޯމުތަކެއް ހަދައި އަރަބީންނަށް ރާއްޖެ ގެންގޮސްދޭގޮތެއް މީގެކުރީން ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު ވަރަށް މަދު މައުލޫމާތު ތަކެއް އިންޓަނެޓުން ލިބެނީ ރާއްޖެއާ ގުޅޭގޮތުން. ރީތި ތަނެއްކަން އެނގޭ. ހަގީގަތުގައި އެކަމު ރާއްޖޭގައި އެބަހުރި އަރަބިން ވަރަށް ލޯބިކުރާ ކަންތައްތައް. ހާއްސަކޮށް ލޯކަލް ޓުއަރިޒަމްގައި،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއާ ގުޅޭގޮތުން އަރަބީންނަށް ވަރަށް ގިނަ އާންމު މައުލޫމާތު ނޭނގޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އާންމު އަރަބީންގެ ގޮތުގައި އޭނާ ސިފަކުރައްވާފައިވަނީ ދަތުރުކޮށް އުޅޭ ފަރާތްތަކެވެ.

އާންމު އަރަބީން ރާއްޖޭގެ ތަންތަނާއި ރާއްޖޭގެ ސަގާފަތާ ގުޅޭގޮތުން އިތުރަށް އެނގެން ބޭނުންވާ ކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން އަރަބީންނަށް ގިނަ މައުލޫމާތު އޮޅުން ފިލައިގެން ގޮސްފިނަމަ ގިނަ އަރަބީންގެ މެދުގައި ރާއްޖެ ވަރަށް ބޮޑަށް މަގުބޫލުވެގެންދާނެ ކަމަށެވެ.

"ދުނިޔޭގައި ހަތަރުވަނަ އަށް އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަނީ އަރަބި ބަހުން. އަރަބީންނަކީ ބަހުގެ ގޮތުން ބަލާނަމަ 500 މިލިއަން ވަރަކަށް މީހުން އެބައުޅޭ އަރަބި ބަހުން ވާހަކަ ދައްކާ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ސީދާ ރާއްޖޭގެ ބަޔަކު އެފަދަ މަސައްކަތެއް ކުރުމުން ރާއްޖެ އިތުރަށް މަގުބޫލުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޑރ. ޝަހީމް އިތުރަށް ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ޕްރޮފެޝަނަލް މަސައްކަތެއް ކަމަށާއި އެކަމުގެ ފަހަތުގައި ސިޔާސީ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އަރަބި ވެބްސައިޓް ލޯންޗުކުރުމަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދާއިރު އެ އިވެންޓް ފޭސްބުކް އިން ލައިވް ކުރާނެ އެވެ.

comment ކޮމެންޓް