ގައުމީ ޔުނިވާސިޓީގެ އިސް މުއައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިސް މުއައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާރ ޑރ. މުހައްމަދު ޝަރީފު ސަން އަށް ވިދާޅުވިގޮތުގައި ޕޮޒިޓިވްވެފައިވަނީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިސް ފަރާތެކެވެ.

ޑރ. ޝަރީފް ވިދާޅުވި ގޮތުގައި އެބޭފުޅާ ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުދަ ދުވަހުއެވެ.

"މިދިޔަ ހަފްތާތެރޭގައި އޮފީހަށް އައިކަމަށް ވަނީ. އެކަމަކު އެއްވެސް މީހަކާއި ކޮންޓެކްޓް ނުވާކަމަށް އަންގަނީ. ދެން އޮފީހަށް އައިސް ގެޔަށް ގޮސް އަޅުގަނޑަށް ހަބަރުދިން ކުޑަކޮށް ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށުމުން އެޗްޕީއޭއަށް އަންގައި މިހާރު ޓެސްޓުކުރަން އުޅޭކަމަށް. ޕޮޒިޓިވްކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު." ޝަރީފް ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ޑރ. ޝަރީފް ވިދާޅުވީ ޕޮޒިޓިވްކަން އެނގުމާއިއެކު ފެކަލްޓީގެ އެ ބޭފުޅާ ބޭނުންކޮށްފާނެހެން ހީވާ ހުރިހާ ތަނެއް ޑިސްއިންފެކްޓް ކޮށްފައިވާކަމަށެވެ.

އަދި މި ދުވަސްވަރު ޔުނިވާސިޓީ ބަންދުކޮށްފައިވުމުން ޔުނިވާސިޓީގައި މަސައްކަތްކުރާނީ ހަމައެކަނި އިދާރީ މުއައްޒަފުންކަމަށް ޝަރީފް ވިދާޅުވި އެވެ.

ޑރ. ޝަރީފް ވިދާޅުވިގޮތުގައި ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެނުމާއިއެކު އެންމެ ފުރަތަމަވެސް ޔުނިވާސިޓީއިން ވަނީ އެސްއޯޕީއެއް އެކުލަވާލައި އެޔަށް އަމަލުކުރަން ފަށައިފަ އެވެ. އަދި އެޔަށްފަހު އެޗްޕީއޭއިން ގައިޑްލައިންތައް ނެރުމާއިއެކު އެޔަށް ރިއާޔަތްކޮށް އެސްއޯޕީ ބަދަލުކޮށްފައިވާކަމަށް ޑރ. ޝަރީފް ވިދަޅުވި އެވެ.

ޕޮޒިޓިވްވި މުއައްޒަފާއި ފޯނުން ދެކެވުނު ވާހަކަތަކުން އޭނާއަށް ބަލި ޖެހުނީ ޔުނިވާސިޓީ ތެރެއިންކަމަށް ނުބެލެވޭކަމަށް ޑރ. ޝަރީފް ވިދަޅުވި އެވެ.

"އެހެންނަމަވެސް ޔަގީންކުރެވޭނީ ކޮންޓެކްޓް ޓްރޭސިންގް ނިމުމުން. ބޮޑަށް ބެލެވެނީ ޕަބްލިކް ޓްރާންސްޕޯޓު މެދުވެރިކޮށް ނުވަތަ އާއިލާގެ އެހެން މެންބަރެއްގެ ފަރާތުން ޖެހުނުކަމަށް." ޑރ. ޝަރީފް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީގެ ކިޔެވުން މެދުކަނޑާލެވިފައި އޮތުމަށްފަހު މިހާރު ދަނީ އަނެއްކާވެސް އޮންލައިންކޮށް ކުރިޔަށް ގެންދަމުންނެވެ.

މިދިޔަ ހަފްތާތެރޭގައި ޕީޖީ އޮފީހުގެ މުއައްޒަފަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ފެމިލީ ކޯޓުގެ ދެ މުއައްޒަފަކުވެސް ވަނީ މިދިޔަ ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް