އިސްތަންބޫލް (ޖުލައި 11): ތުރުކީގެ އިސްތަންބޫލުގައި ހުންނަ ހާޔާ ސޯފިއާއަކީ މިސްކިތެއްގެ ގޮތުގައި އަލުން ކަނޑައަޅާ، އެ އިމާރާތުގައި ނަމާދުކުރުން މި މަހުގެ 24ގައި ފެށޭނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ހާޔާ ސޯފިއާއަކީ މިސްކިތެއް ކަމަށް ރައީސް އުރުދުޣާން އިއްޔެ ކަނޑައެޅުއްވީ، އެ މިސްކިތް 1934 ވަނަ އަހަރު ދާރުލްއާސާރަކަށް ބަދަލު ކުރީ ގާނޫނާ ހިލާފަށް ކަަމަށް އެގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން އިއްޔެ ނިންމި ފަހުންނެވެ.
"ﷲގެ އިރާދަފުޅާ އެކު، ޖުލައި 24ގައި އަޅުގަނޑުމެން އެންމެން ހާޔާ ސޯފިއާގައި ހުކުރު ނަމާދުކޮށް، އަޅުކަމަށް ހުޅުވާލާނަން،" އުރުދުޣާން ވިދާޅުވި އެވެ.
މީގެ އިތުރުން ތުރުކީގެ ހުރިހާ މިސްކިތަކާ އެއްގޮތަށް، ހާޔާ ސޯފިއާގެ ދޮރުތައް ދެންވެސް ހުންނާނީ ގައުމުގެ ރައްޔިތުންނާއި ބޭރު މީހުންނަށާއި، މުސްލިމުންނާއި މުސްލިމް ނޫން މީހުންނަށް ވެސް ހުޅުވާލާފައި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
ހާޔާ ސޯފިއާއަކީ ބައިޒެންޓައިން ޒަމާނުގައި ބިނާކުރި ކްރިސްޓިއަނުންގެ މުގައްދަސް ފައްޅިއެކެވެ. ނަމަވެސް ކޮންސްޓެންޓިނޯޕަލް (މިހާރުގެ އިސްތަންބުލް) މުސްލިމުންގެ އުސްމާނީ ދައުލަތުގެ ބާރުގެ ދަށަށް ދިޔަ ފަހުން އެތަން ބޭނުންކުރަމުން ދިޔައީ މިސްކިތެއްގެ ގޮތުގަ އެވެ.
އެ މިސްކިތް ދާރުލްއާސާރަކަށް ބަދަލުކުރަން 1934 ވަނަ އަހަރު ނިންމީ އޭރުގެ ރައީސް މުސްތަފާ ކަމާލް އަތާތުރުކުގެ ވެރިކަމުގައި އޭނާގެ ކެބިނެޓުންނެވެ. އެއީ އެގައުމު އިތުރަށް ސެކިއުލާ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ހާޔާ ސޯފިއާ، އިތުރު މަޝްވަރާއަކާ ނުލައި މިސްކިތަކަށް ބަދަލު ކުރުމާ ބެހޭ ގޮތުން އެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ އިމާރާތަށް ދީފައިވާ ދަރަޖަ ރިވިއުކުރާނެ ކަމަށް ބުނެފަ އެވެ.