މިއަދު ރާއްޖެއިން 64 މީހަކު ޕޮޒިޓިވްވެއްޖެ

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް19 އަށް 64 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. މިއީ ފުރަބަންދަށް ލުއި ދިން ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވީ ދުވަހެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހީންނާއި، ބަންގްލަދޭޝްގެ 17 މީހުންނާއި އިންޑިއާ ދެމީހުންގެ އިތުރުން ނޭޕާލްގެ މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2،617 އަށް އަރައިފައެވެ.

މިއަދު 64 މީހަކު ޕޮޒިޓިވްވި އިރު، ބަލިން ރަނގަޅުވެފައި ވަނީ 11 މީހެކެވެ. އެއާއެކު މިހާތަނަށް ބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 2،238 އަށް އަރައިފައެވެ.

އިއްޔެގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް އެކްޓިވް ކޭސްތަކުގެ ގޮތުގައި 306 މީހުން ތިބި އިރު، މިއަދުގެ އިރުއޮއްސުމާ ހަމައަށް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 361 އަށް އަރައިފައެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 97 މީހަކު ތިބި އިރު 300 މީހަކު މިވަގުތު އައިސޮލޭޝަންގައި އެބަ ތިއްބެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 59،981 ސާމްޕަލް ނަގައިފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެއެވެ.

ކޮވިޑް19 ގައި ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ މަރުވެފައެވެ.

މިއަދު 64 މީހުން ޕޮޒިޓިވްވި އިރުު، އިއްޔެ ޕޮޒިޓިވްވީ 36 މީހުންނެވެ. އޭގެ ކުރީ ދުވަހު 16 މީހެކެވެ. އޭގެ ކުރީ ދުވަހު ޕޮޒިޓިވްވެފައިވަނީ 10 މީހުންނެވެ.

ކުއްލިއަކަށް ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު އިތުރުވެފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ފުރަބަންދަށް ލުއިދިނުމުން، މިއީ "ނިއު ނޯމަލް" ކަން ގިނަ ބަޔަކު ހަނދާން ނެތިފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލޭ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 15ގަ އެވެ. އޭގެ ދެ މަސް ފަހުން މިހާރު ވަނީ ބޮޑު ލުއިތަކެއްދީ ވިޔަފާރީތަކާއި ކެފޭތައް އަަދި މިސްކިތްތައް ވެސް ހުޅުވާލާފަ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިހާުރު ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސްތައް އިތުރުވަމުންދާ ކަމަށާއި އެގޮތުން އެކެއްގެ ކޮންޓްކެޓްސް 30 އާއި 70 އާއި ދެމެދު އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ހަރަކާތްތައް މިހާރު ލުއި ދިނީމާ ވަރަށް ގިނަ ބަޔަކު އެކަން އެބަ ހަނދާން ނެތޭ. މިހާރު އަނެއްކާ ވެސް އިހު އޮތް ގޮތަށް ދިޔައީ ކަމަށް ހިތައި އެބޭފުޅުންގެ ހަރަކާތްތަކުން ފެންނަނީ އެއްވެސް ވަރަކަށް ބަލާލުމެއްނެތި އުޅޭ ތަން. އެހެންވީމާ އެހެން ދާން ފަށާފައި ނަމަ މިފަދަ މަންޒަރުތައް ފެންނާނެ. މިހާރު އަޅުގަނޑުމެންގެ ކޮންޓެކްޓްސްތައް މިދަނީ އިތުރުވަމުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެހެން ކަމުން މި ހާލަތުގައި ވެސް ބޭރުތެރެއަށް ނިކުންނަން ޖެހޭނީ ޒަރޫރީ ހާލަތެއް އޮވެގެން ކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. އަދި ބޭރުތެރޭގައި އުޅޭ އުޅުމުގަޔާއި އެހެން މީހުންނާއި ބައްދަލުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހުރުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

comment ކޮމެންޓް