ބީއެމްއެލް އިން އޮންލައިން ޓޯކަން ހިދުމަތް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި ގާއިމުކޮށްފައިވާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް އޮންލައިން ކިއު ޓޯކަން ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލާއެކު، ކަސްޓަމަރުންނަށް އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށެވެ.

މިހާރު ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯ މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ކޮށްލެވޭނެެއެވެ.

އަދި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެ ކަމަށެވެ. ބޭންކުން ހިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ފަސޭހައިން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި މިއާއެކު އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދެވި، ކަސްޓަަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯދެއްވުމަށް. އޮންލައިން ކިއު ގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ،" ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ ކިއުބީ މެދުވެރިކޮށް މެއިން ބްރާންޗް، ކަސްޓަމާ ސާވިސް ސެންޓަރު، މާލެ ބިޒްނަސް ސެންޓަރު، ބީއެމްއެލް އިސްލާމިކް ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ހިދުމަތް ހޯދުމަށް ޓޯކެން ލިބިގެންދާނެ ކަމަށެވެ.

އަދި ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިންގ ޕޮޒިޝަން' ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގައި ކަމަށެވެ.

comment ކޮމެންޓް