ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގާަނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން، އެ އަތޮޅު ކައުންްސިލުން އިއުލާނުކޮށްފިއެވެ.
ހދ. އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ހުޅުވާލާފައިވަނީ، އާންމު ފަރުދުންނަށާއި ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރިތަކުގެ އިތުރުން ހދ. އަތޮޅުގެ ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށެވެ.
ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް އެ ކައުންސިލްގެ އިދާރާގައި ކަމަށެވެ.
ކޭލަކުނު ބެލެހެއްޓުމާބެހޭ ބެހޭ ހުރިހާ ލިޔެކިއުންތައް ކައުންސިލްގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައި ވާއިރު، ބީލަންތައް ހުޅުވުން އޮންނާނީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށް ކައުންސިލްގެ އިއުލާނުގައިވެއެވެ. އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަމައި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ޖެހޭނެއެވެ.
ހިމާޔަތް ކޮށްފައިވާ ކޭލަކުނަކީ ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެ ރަށަކީ ރާއްޖޭގައި ޖަންގައްޔެއް އޮންނަ ހަމައެކަނި ރަށެވެ. ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ އެ ރަށުގައި ބޮޑު ކުޅިއެއް ވެސް އޮވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ރަށް ވަނީ ޓޫރިޒަމް ތަރައްގީ ކުރުމަށް ހުޅުވާލާފަ އެވެ. އެކަމާ ގުޅޭ ގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް ވަކާލާތު ކުރާ ގިނަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރިއެވެ.