ކަޒަކިސްތާނުގައި އާ ބާވަތެއްގެ ނިއުމޯނިއާއެއް އުޅޭ ކަމަށް ބުނާ ޗައިނާގެ ރިޕޯޓު ދޮގުކޮށްފި

ކަޒަކިސްތާނުގައި އާ ބާވަތެއްގެ ނިއުމޯނިއާއެއް އުޅޭ ކަމަށް ބުނާ ރިޕޯޓުތައް ކަޒަކިސްތާނުން ދޮގުކޮށްފި- - ފޮޓޯ: އޭއެފްޕީ

ނޫރުސުލްތާން (ޖުލައި 10): ކޮވިޑް-19އަށް ވުރެ ނުރައްކާތެރި، އާ ބާވަތެއްގެ ނިއުމޯނިއާއެއް ކަޒަކިސްތާނުގައި ފެތުރޭ ކަމަށް ބުނެ ޗައިނާގެ އޮފިޝަލުން ނެރުނު ރިޕޯޓެއް ކަޒަކިސްތާނުން ދޮގުކޮށްފި އެވެ.

ކަޒަކިސްތާނުގައި ހުންނަ ޗައިނާގެ އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ އެ ގޮތް ނޭނގޭ ނިއުމޯނިއާގެ ސަބަބުން އެގައުމުން 1،772 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި މިދިޔަ މަހު މަރުވި 628 މީހަކުވެސް ހިމެނެ އެވެ.

ކަޒަކިސްތާނުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން ނިއުމޯނިއާއިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ގޮވާލާ ނެރުނު އެ ބަޔާނުގައިވާ ގޮތުން އެ ނިއުމޯނިއާ، ކޮވިޑް-19އަށް ވުރެ ނުރައްކާތެރި އެވެ.

އެ ބަޔާނަށް ރައްދު ދެމުން ކަޒަކިސްތާނުގެ ހެލްތު މިނިސްޓްރީން ވަނީ އެގައުމުގައި ނިއުމޯނިއާގެ ކޭސްތަކެއް ފެންނަމުންދާ ކަމަށް ބުނެފަ އެވެ. އަދި އޭގެ ތެރޭގައި އެކި ބާވަތްތަކުގެ ނިއުމޯނިއާ ހިމެނޭ ކަމަށާއި ނަމަވެސް އާ ބާވަތެއްގެ ނިއުމޯނިއާ އެއް ނުހިމެނޭ ކަމަށް ބުނެފަ އެވެ.

ޗައިނާއިން އެ ރިޕޯޓު ނެރެފައި ވަނީ ކަޒަކިސްތާނުގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރު ވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގައުމުގައި މިހާތަނަށް 54,747 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 264 މީހަކު ވަނީ މަރުވެފަ އެވެ.

އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ފުރަބަންދުގެ ފިޔަވަޅުތައް ފުރަތަމަ އެޅީ މާޗް މަހާއި މެއި މަހާ ދޭތެރޭގަ އެވެ. ނަމަވެސް އެގައުމުގައި އަނެއްކާވެސް ވައިރަހުގެ ކޭސްތައް އިތުރުވުމާ ގުޅިގެން މި މަހުގެ ފަހެއްގައި އަނެއްކާވެސް ވަނީ ފުރަބަންދުގެ ފިޔަވަޅުތައް އަޅާފަ އެވެ.

comment ކޮމެންޓް