ބޮލީވިއާގެ ރައީސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ބޮލީވިއާގެ ވަގުތީ ރައީސް ޖެނީން އަންޔޭސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: އޭއެފްޕީ

ސުކްރޭ (ޖުލައި 10): ބޮލީވިއާގެ ވަގުތީ ރައީސް ޖެނީން އަންޔޭސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

ޓުވިޓާ މެދުވެރިކޮށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އިއުލާން ކުރައްވަމުން އަންޔޭސް ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އެކަހެރިވެ ހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ. އަޅުގަނޑުގެ ހާލު ރަނގަޅު، އެކަހެރިކޮށް ހުރެގެން މަސައްކަތް ކުރާނަން. މިކަމުން އަރައިގަންނާނީ އެންމެން އެކުގައި،" އަންޔޭސްގެ ޓުވީޓުގައިވެ އެވެ.

މީގެ ކުރިން ބޮލީވިއާގެ ސެނެޓުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަންޔޭސް މިދިޔަ ނޮވެމްބަރު މަހު އެގައުމުގެ ރައީސް ކަމަށް އިސްވީ، އޭރުގެ ރައީސް އީވޯ މޮރަލެސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 10އެއްގައި މޮރަލެސް ވެރިކަމުން އިސްތިއުފާ ދެއްވީ، ބޮލީވިއާގައި އޮކްޓޯބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހަދައި، އިދިކޮޅު ފަރާތްތަކުން ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދަނިކޮށެވެ. އަދި އެއިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ސަރަހައްދީ ޖަމްއިއްޔާއެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް)އިން ބުނި ފަހުންނެވެ.

އޭގެ ސަބަބުން މޮރަލެސް އާ އިންތިހާބެއް ބާއްވާނެކަން އިއުލާން ކުރެއްވި އެވެ. ނަމަވެސް ފަހުން އެގައުމުގެ ސިފައިންގެ ވެރިޔާ، ޖެނެރަލް ވިލިއަމްސް ކަލިމަން ވަނީ ގައުމުގެ މަސްލަހަތަށް ޓަކައި މޮރަލެސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.

އެއަށް ފަހު އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ މޮރަލެސް އިސްތިއުފާ ދެއްވި އެވެ. އަދި އޭނާއާ އެކު އޭރުގެ ނައިބު ރައީސާއި ސެނެޓުގެ ލީޑަރުވެސް އިސްތިއުފާ ދެއްވި އެވެ. އެހެންކަމުން ސެނެޓުގައި ދެން އެންމެ އިސްކޮށް ހުންނެވި އަންޔޭސް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ އެވެ.

އެގައުމަށް ރައީސަކު ހޮވުމަށް އަންނަ ސެޕްޓެމްބަރު މަހު އިންތިހާބެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ބޮލީވިއާގައި މިހާތަނަށް 42،984 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 1،557 މީހަކު ވަނީ މަރުވެފަ އެވެ.

ބޮލީވިއާގެ ރައީސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް ވެސް ބަލި ޖެހުނުކަން އެނގުނުތާ ދެ ދުވަސް ފަހުންނެވެ.

comment ކޮމެންޓް