ފްލޯއިޑް ނޭވާ ނުލެވޭ ކަމަށް 20އަށް ވުރެ ގިނަ ފަހަރު ބުނި

ޖޯޖް ފްލޯއިޑް -- ފޮޓޯ: ޓުވިޓާ

މިނިއާޕޮލިސް (ޖުލައި 9): އެމެރިކާގެ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޝޮވިން، ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑް ހައްޔަރު ކުރި އިރު އޭނާގެ ކަރުގައި ފައި ވިއްދައިގެން ހުރުމުން، ފްލޯއިޑްއަށް ނޭވާ ނުލެވޭ ކަމަށް އޭނާ 20އަށް ވުރެ ގިނަ ފަހަރު ބުނި ކަމަށް އެމައްސަލާގައި ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ދައްކައިފި އެވެ.

އެ ލިޔެކިޔުންތަކުގެ ތެރޭގައި، ފްލޯއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ދެ ފުލުހުން ކަމަށްވާ ކޭ އެލެގްޒެންޑާ ކެންގް އާއި ތޯމަސް ލޭންގެ ޔުނިފޯމްގައި ހަރުކޮށްފައި ހުރި ކެމެރާގެ ރެކޯޑިންތަކުގެ ޓްރާންސްކްރިޕްޓުތައް ހިމެނެ އެވެ. އަދި މިދިޔަ މެއި މަހުގެ 25ގައި ފުލުހުން ފްލޯއިޑް ހައްޔަރު ކުރި އިރު، އެކަންތައް ހިނގާ ދިޔަ ގޮތުގެ ތަފްސީލުތައް އެ ލިޔުންތަކުން އެނގިގެންދެ އެވެ.

އެ ޓްރާންސްކްރިޕްޓުތަކުން އެނގޭ ގޮތުގައި، ފްލޯއިޑް ސައްހަ ނޫން 20 ޑޮލަރު ގެންގުޅޭ ކަމަށް ބުނެ މީހަކު ކުރި ޝަކުވާ އަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކުރަން ދިޔުމުން އޭނާ ހުރީ ވަރަށް ބިރުންނެވެ. އަދި ފްލޯއިޑްގެ ކާރު ކައިރިއަށް ބަޑި ހިފައިގެން ތިބި އޮފިސަރުން ދިޔުމުން އޭނާ މާފަށް އެދޭ އަޑުވެސް ރެކޯޑިންތަކުން އިވެ އެވެ.

"އަހަންނަށް މާފު ކުރޭ. އަހަންނަށް މާފު ކުރޭ. އަހަރެންގެ ގަޔަށް ކުރިންވެސް ބަޑި ޖަހާފައިވޭ. ހަމަ މި ގޮތަށް އަހަރެންގެ ގަޔަށް ކުރިންވެސް ބަޑި ޖަހާފައިވޭ،" ފްލޯއިޑްގެ ގަޔަށް ބަޑި ނުޖެހުމަށް އާދޭސް ކުރަމުން އޭނާ ބުނި ކަމަށް ކޯޓުގެ ލިޔުންތަކުގައިވެ އެވެ.

ފްލޯއިޑްގެ މަރާ ގުޅިގެން ކެލިފޯނިއާގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: އޭއެފްޕީ

އެއަށްފަހު ފްލޯއިޑްގެ އަތުގައި ބިޑި އެޅުވުމަށް ފަހު އޭނާ ޕޮލިސް ކާރަށް އަރުވަން މަސައްކަތް ކުރުމުން، އޭނާ ކުޑަ ޖާގަތަކުގައި ހާސްވާ ކަމަށް ބުނެ ކާރަށް ނާރަން މަސައްކަތް ކުރި ކަމަށް ލޭން ބުންޏެވެ.

އޭގެ ފަހުން ފްލޯއިޑް އެ ކާރު ކައިރީގައި ބިން މަތީގައި އޮތް އިރު، ޝޮވިން އޭނާގެ ކަރަށް ފައި އަރުވައިގެން ހުރުމުން އޭނާއަށް ނޭވާ ނުލެވޭ ކަމަށް 20އަށް ވުރެ ގިނަ ފަހަރު ބުނެ، ފެންފޮދެއް ދޭން އެދުނު ކަމަށްވެސް ޓްރާންސްކްރިޕްޓުތަކުން އެނގެ އެވެ. އަދި ފްލޯއިޑަށް ރައްދު ދެމުން، އޭނާ ދެން ވާހަކަ ނުދެއްކުމަށާއި ހަޅޭއް ނުލެއްވުމަށް ޝޮވިން ބުނެ އެވެ.

"[ނޭވާ ނުލެވޭ ނަމަ] ވާހަކަ ދެއްކުން ހުއްޓާލާ، ހަޅޭއް ނުލަވާ. ވާހަކަ ދައްކަން ވަރަށް ގިނައިން އޮކްސިޖެން ބޭނުންވޭ،" ޝޮވިން ބުންޏެވެ.

ފްލޯއިޑްގެ މެޑިކަލް ރެކޯޑުތަކުން ދެއްކި ގޮތުގައި އޭނާގެ ކަރަށް ފައި އަރުވައިގެން ޝޮވިން ގާތްގަނޑަކަށް ނުވަ މިނިޓު ވަންދެން ހުއްޓެވެ. އަދި ފްލޯއިޑް މަރުވުމުގެ ކުރިން އޭނާ އޭނާގެ މަންމައަށް އެތައް ފަހަރަކު ގޮވި ކަމަށް ކޯޓުގެ ލިޔެކިޔުންތަކުން އެނގެ އެވެ.

"މަންމާ، މަންމަ ދެކެ ލޯބިވޭ. އަހަރެންގެ ދަރިން ކައިރީ ބުނާތި އަހަރެން އެކުދިން ދެކެ ލޯބިވެޔޭ. އަހަރެން މަރުވެއްޖެ،" ފްލޯއިޑް ބުނި ކަމަށް ޕޮލިސް ކެމެރާ ފުޓެޖުން އެނގެ އެވެ.

ފްލޯއިޑްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ޓައޮ ތާއޯ (ކ)، ތޯމަސް ލޭން، ކޭ އެލެގްޒެންޑާ ކެންގް، ޑެރެކް ޝޮވިން (ވ) --

އެ ޓްރާންސްކްރިޕްޓުތައް އާއްމުކޮށްފައި ވަނީ ލޭންގެ މައްޗަށް ކޮށްފައިވާ ދައުވާ ބާތިލު ކުރުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.

ލޭންގެ ވަކީލު އާލް ގްރޭ ވިދާޅުވާ ގޮތުގައި ފްލޯއިޑް ހައްޔަރު ކުރި ދުވަހަކީ އޭނާ ފުލުހުންގެ ވަޒީފާއަށް ނުކުތްތާ ހަތަރު ވަނައަށް ވީ ދުވަހެވެ. އަދި ޝޮވިން އަކީ ލޭންގެ ޓްރެއިނިން އޮފިސަރު ކަމުން އޭނާ ބުނާ ގޮތަކަށް ލޭން އަމަލު ކުރަން ޖެހެ އެވެ.

މީގެ އިތުރުން ފްލޯއިޑް ނޭވާ ނުލެވޭ ކަމަށް ބުނަމުން ދިޔުމުން، އޭނާ ނަގާ، އަރިއަކަށް ބާއްވަންވީތޯ ޝޮވިން ކައިރިން ލޭން އަހާ އަޑު ކެމެރާތަކަށް ވަނީ ރެކޯޑު ކުރެވިފަ އެވެ. އަދި އެކަމަށް ޝޮވިން ދެކޮޅު ހަދާ އަޑުވެސް ރެކޯޑިން އިން އިވިގެންދެ އެވެ.

ފްލޯއިޑްގެ މަރުގެ މައްސަލާގައި ޝޮވިންގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ދައުވާތައްކޮށްފަ އެވެ. އަދި ލޭން އާއި ދެން ތިބި ދެ ފުލުހުންގެ މައްޗަށް ކުރީ މީހަކު މެރުމުގައި އެހީވި ކަމުގެ ދައުވާ އެވެ. އެ ތިން މީހުން މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ޝޮވިން އަދިވެސް ހުރީ ޖަލުގަ އެވެ.

ފްލޯއިޑްގެ މަރަށް އިންސާފު ހޯދައި ދިނުމަށާއި ނަސްލީ އިމްތިޔާޒުތަކާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އެމެރިކާގައި މެއި މަހު ފެށި މުޒާހަރާތައް އެގައުމުގެ އެކި ސަރަހައްދުތަކުގައި އަދިވެސް ދަނީ ބާއްވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް