ޕްރީ ސްކޫލް ހިންގުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ޕްރީ ސްކޫލް ހިންގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލް ރައީސް ތަޞްދީގު ކުރެއްވުމާ ގުޅިގެން، ޤާނޫނު، ވަނީ ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވާފަ އެވެ. މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިދިއަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނަކީ، ތުއްތު ކުދިންނަށް ދޭ ޅަފަތުގެ ތަޢުލީމުގެ ފުރުޞަތުތައް ވީހާވެސް ފުޅާކޮށްދިނުމަށް ދައުލަތުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތުން ރާއްޖޭގެ ސިޓީ ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، ދިވެހި ކުންފުނިތަކުންނާއި، ދިވެހި ޖަމާޢަތްތަކުންނާއި އަމިއްލަ ފަރުދުންނާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ޕްރީ ސްކޫލް އުފައްދައި، ހިންގައި، ތުއްތު ކުދިންނަށް ދޭ ޅަފަތުގެ ތަޢުލީމު ރާއްޖޭގެ ވީހާވެސް ފުޅާކޮށް ލިބިދީ، އޮއްޓަރުހުރި ފޭރާން ހެޔޮ ތަޢުލީމެއް، އެކުދިންނަށް ލިބިދިނުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ ބޭނުމަކީ، ހުރިހާ ތުއްތު ކުދިންނާ ހަމައަށްވެސް ޕްރީ ސްކޫލްގެ ޚިދްމަތް ފޯރުކޮށްދިނުމާއި، އޮއްޓަރުހުރި، ފޭރާން ހެޔޮ ޕްރީ ސްކޫލް ޕްރޮގްރާމްތަކެއް، ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ލިބިދެވޭނެ ނިޒާމެއް ޤާއިމްކޮށްދިނުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު