ގޭމްގެ އެސްޖީ ސައުދުﷲ ގެ މައްޗަށް ޖިންސީ ގޯނާގެ ތުުހުމަތު

ގެސްޓްހައުސް އެސޯސިއޭޝަނުގެ އެސްޖީ ސައުދުﷲ ---

ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) ގެ ސެކެޓްރީ ޖެނެރަލް އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ރައީސް ސައުދުﷲ އަހުމަދު ހަސަންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި އޭނާ ގޭމްގެ އެސްޖީ ކަމުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.

އެނގިފައިވާ ގޮތުން ސައުދުﷲގެ މައްޗަށް ކުރެވެނީ ގޭމްގެ އެޑްމިން ސްޓާފެއް ގޮތުގައި މަސައްކަތް ކުރާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. އެ އެސޯސިއޭޝަނުން "ސަން" އާ ވާހަކަދެއްކި މީހަކު ބުނީ އެ އަންހެން ކުއްޖާގެ ގުނަވަންތަކުގައި އަތްލައި އެކި ގޮތްތަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

"އެ ކުއްޖާ އެމައްސަލަ ފުރަތަމަ ހިއްސާކުރީ ގޭމްގެ އެކްސްކޯގެ މެމްބަރަކާ. އެކަހަލަ ކަންކަން ވާތީ ލޮކްޑައުން ނިންމާފައި އޮފީހަށް ނުކުންނަން ދަތި ކަމަށް އެންގި. އެވާހަކަ ހިއްސާ ކުރީ މިދިއަ މަހުގެ 16 ވަނަ ދުވަހު" ގޭމްއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގޭމްއިން ވާހަކަ ދެއްކި މީހާ ބުނީ އެމައްސަލަ ހިއްސާ ކުރުމުން އެކްސްކޯގެ ދެ މެމްބަރަކު އެއީ "އަމިއްލަ ޒާތީ ކަމެކޭ އަޅާނުލާށޭ" ބުނިކަމަށެވެ.

އެ މައްސަލަ ގޭމްއިން ބަލަމުން ދިޔައިރު އެ އެސޯސިއޭޝަނުގެ އޭރު ރައީސްގެ މަގާމުގައި ހުރި މޫސާ ނާސިހު ސޮއިކުރައްވާ ސައުދުﷲއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގޭމްގެ އިންޓަނަލް އެފެއާޒް ކޮމިޓީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ މަގާމުގެ މަސްއޫލިއްޔަތުން ވަގުތީގޮތުން ވަކިކޮށްފައިވާ ކަމަށެވެ. އެ ސިޓީ ފޮނުވާފައިވަނީ ޖުލައި ފަސް ވަނަ ދުވަހު އެވެ.

އެމައްސަލަ އެކަށީގެންވާ ގޮތަށް ނުބެލޭ ކަމަށް ވިދާޅުވެ ގޭމްގެ ރައީސް ކަމުން ނާސިހު ވަނީ މިއަދު އިސްތިއުފާ ދެއްވާފަ އެވެ.

"މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން،" އިސްތިއުފާގެ ސިޓީގައި ގޭމްގެ ރައީސް ލިޔުއްވާފައިވެ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ހުށަހެޅި، އެ މައްސަލަ ކުރިއަށް ނުގެންދެވޭތީ، އެސޯސިއޭޝަނުގެ ރައީސް އިސްތިއުފާ ދެއްވިއިރު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދުގެ އަހުލާގީ މައްސަލައެއްގައި އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރޭ އޭނާއަށް އަންގަވައިފަ އެވެ.

އަލީ ވަހީދު، މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށްބުނެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާ އެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވާ ރޭ ވިދާޅުވީ ކޮށްދެވުނު ހިދުމަތްތަކަށް ފަހުރުވެރިވާ ކަމަށެވެ.

comment ކޮމެންޓް