ޒުވާން ފިނޭސް މިނިސްޓަރު އަހުމަދު އިނާޒު މަގާމުން އިސްތިއުފާ ދެއްވެވިތާ ފަސް ދުވަސް ފަހުން އެ މަގާމަށް ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު އައްޔަން ކުރެއްވުމުން އިދިކޮޅު ބޮޑު ދެ ޕާޓީން ފިނި ޖަވާބެއް ދީފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޑީއާރްޕީން ބުނީ ފިނޭންސް މިނިސްޓަރުގެ މަގާމުން ހުސްކޮށް ބޭއްވުމަށް ވުރެ މިނިސްޓަރަކު އައްޔަން ކުރެއްވުން ރަނގަޅު ކަމަށެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ރައީސް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވީ ފިނޭންސް މިނިސްޓްރީ ފަދަ ބޮޑު މިނިސްޓްރީ އެއް ހުސްކޮށް ބޭއްވުމުގެ ބަދަލުގައި މިނިސްޓަރަކު އައްޔަން ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ފައިނޭންސް މިނިސްޓަރަށް ރުހުން ދިނުމުގެ މައްސަލާގައި އެއްޗެއް ދެންނެވޭނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
"މިވަގުތު އަޅުގަނޑު ބޭނުމެއްނުވޭ އައްޔަން ކުރެއްވި ފިނޭންސް މިނިސްޓަރާމެދު އެއްވެސް އެއްޗެއް ދަންނަވާކައް. އެވަރު ބޮޑު މިނިސްޓްރީއެއް ހުސްކޮށް ނުބާއްވާ ބޭފުޅަކު ހަމަޖެއްސެވިކަން ރަނގަޅު. އަޅުގަނޑުމެން ޕާލަމެންޓް ގުރޫޕްގެ މެންބަރުންގެ މަޝްވަރާއަށް ފަހު އަމަލުކުރާނެ ވަކި ގޮތެއް މީޑިޔާއަށް ހާމަކުރާނަން،" މައުސޫމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ވަގުތީ ރައީސް މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވިދާޅުވީ ފިނޭންސް މިނިސްޓްރީ ހުސްކޮށް ބޭއްވުމަށް ވުރެ މިނިސްޓަރަކު އައްޔަން ކުރުން މިވަގުތަށް މުހިންމު ކަމަށާއި މިނިސްޓަރަށް ރުހުން ދޭނެތޯ، ނުދޭނެތޯ ޕީޕީއެމަށް ހާމަކުރެވޭނީ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި އެކަމާއި މެދު ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.
"ރުހުން ދިނުމާއި ނުދިނުމާއި ގުޅޭ ގޮތުން މިވަގުތު ނޯ ކޮމެންޓްސް،" ޔާމިން ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ބޮޑު ބަޖެޓެއް ފާސްކުރެވުނުތަނާ ގިނަ ދުވަސްތަކެއް ނުވަނީސް ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި ސްޓޭޓް މިނިސްޓަރު ފަދަ އިސް ބޭފުޅުން އިސްތިއުފާ ދެއްވުމަކީ ސަރުކާރުން ބަޖެޓް މެނޭޖްކުރުމަށް ވަރަށް ބޮޑު ދަތިތަކެއް ފޯރާނެ ކަމެއް ކަމަށާއި އަލަށް ފައިނޭންސް މިނިސްޓަރުކަމާއި ހަވާލުވެލައްވާ ބޭފުޅަކީ ބަޖެޓް ހިންގޭނެކަމުގެ ކޮންފިޑޭންސް އޮންނަ ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރުކަމާއި އަލަށް ހަވާލުވެވަޑައިގަންނަވާ ބޭފުޅަކީ ބަޖެޓް ހިންގުމުގެ އިތުރުން ގައުމުގެ އިގްތިސޯދު ރަނގަޅުކުރެވޭނެ، ގާބިލު ބޭފުޅެއްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވާ އެ ބޭފުޅަކާއި ސުވާލުކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ކަމަށް ޝިހާބު މިއަދު ހަމަޖައްސައްވައި އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ މިދިއަ މަހު 29 ވަނަ ދުވަހު ކުރީގެ ފިނޭންސް މަގާމުން އިނާޒް އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވެވި ޝިހާބަކީ ކުރިން މަޖިލީހުގެ ރުހުން ނުލިބުމުން ހޯމް މިނިސްޓަރުކަމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންވި ބޭފުޅެކެވެ.