އެމްއައިބީގެ އަހަރީ އާންމު ޖަލްސާ މިމަހު 23 ގައި

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެ ބޭންކުން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރި ވެވޭނީ ޖުލައި ފަހެއްގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށެވެ. އަހަރީ އާންމު ޖަލްސާ ބާއްވާނީ މޯލްޑިވްސް ސެކިޔުރިޓީސް ޑިޕޮސްޓްރީގެ އޮންލައިން ޖެނެރަލް މީޓިން ސިސްޓަމް، ފަހިވޯޓު މެދުވެރިކޮށެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00 ގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެދޭ ޝެއާ ހޯލްޑަރުން ޕްރީ ރެޖިސްޓްރީ ކުރުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އަހަރީ އާންމު ޖަލްސަގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ޝެއާހޯލްޑަރުންނަށް https://infinity.mv/ މެދުވެރިކޮށް ނުވަތަ [email protected] އަށް ގޯމު އީމެއިލް ކޮށްގެން ރެޖިސްޓާ ވެވޭނެ އެވެ.

މިއީ އެމްއައިބީ އިން އާންމުންނަށް ހިއްސާ ވިއްކި ފަހުން ބާއްވާ ފުރަތަމަ އާންމު ޖަލްސާ އެވެ.

އެމްއައިބީގެ ހިއްސާ އަކަށް 1.58 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މި އަދަދު ބަހަން ފާސްވާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

އެމްއައިބީގެ 36 ޕަސެންޓް ހިއްސާ އަކީ އިސްލާމިކް ކޯޕަރޭޝަންފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ ހިއްސާ އެވެ. ސަރުކާރުގެ 28 ޕަސެންޓް ހިއްސާ އެމްއައިބީގައި އޮންނައިރު 10.53 ހިއްސާ އަކީ ޕެންޝަން އޮފީހުގެ ހިއްސާ އެވެ. އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާ އަދި އާންމުންގެ 20.47 ޕަސެންްޓް ހިއްސާ އެ ބޭންކުގައި އޮވެ އެވެ.

comment ކޮމެންޓް