ކައިވެންޏާއި ވަރިއާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލައިޒްކުރަނީ

ކައިވެންޏާ ވަރިއާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލައިޒްކުރަން ބޭއްވި މަޝްވަރާތަކުގައި މިނިސްޓަރު މަލީހް--

ކައިވެންޏާ ވަރިއާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލައިޒްކުރަން ނިންމައިފިއެވެ.

އެގޮތުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރުއާ ބައްދަލުކުރައްވައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ.

އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު އާއި އެންސީއައިޓީގެ އިސްވެރިންނާއި، ޑީޖީއޭގެ އިސް މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ ކައިވެނީގެ މައުލޫމާތު އޮންލައިންކޮށް ބެލެހެއްޓުމަށް ބޭނުންވާ މައިގަނޑު އެއް ސަބަބަކީ ދާދި ފަހުން ލޯންޗުކުރި "ގެމެން" ޕޯޓަލްގެ ބައެއްގެ ގޮތުގައި އެ މައުލޫމާތު އެކުލެވޭތީ ކަމަށެެވެ. އަދި އަދި އެ ޕޯޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް މި މައުލޫމާތު މުހިންމުވާކަން ވަނީ ފާހަގަކޮށްފައެވެެ.

އެ ޕޯޓަލް ފުރިހަމަ ވެގެންދާއިރުގައި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށްވެސް މީގެއިން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސައްކަތްތަކުގެ ޚަރަދު ކުޑަވެ، އަވަސް ދުވެލީގައި ކުރިއަށްގެންދެވޭނެކަމަށެވެ.

ވަރި ކައިވެނީގެ މައުލޫމާތު އޮންލައިން ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ދެފަރާތުން ނިންމިއިރު އޭގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފެށޭނެކަމަށް އުންމިީދުކުރާކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް