ގދ. ކާޑެއްދޫ އެއާޕޯޓާއި ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެހެން އެއާޕޯޓުތަކާ ތަފާތުކުރާ ކަމަށް ބުނާ ޝަކުވާތަކެއް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ހުށަހަޅައިފި އެވެ.
ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މަޑަވެލި ދާއިރާއަށް ނިސްބަތްވާ މުވައްޒަފުންގެ ފަރާތުން އެ ޝަކުވާތައް މިނިސްޓަރަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނެވެ.
މެމްބަރު ފިރުޝާން މިނިސްޓަރު ނަހުލާއަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން މަޑަވެލި ދާއިރާއަކީ ވަޒީފާގެ ފުރުސަތު މަދު ދާއިރާއަކަށް ވުމުން އެ ދާއިރާއަށް ނިސްބަތްވާ ގިނަ ރައްޔިތުން މަސައްކަތް ކުރަމުންދަނީ ރިސޯޓުތަކާއި ކާޑެއްދޫ އެއާޕޯޓުގަ އެވެ.
އެހެންކަމުން ކާޑެއްދޫ އެއާޕޯޓަށް ދިމާވާ ކޮންމެ މައްސަލައަކީ ވެސް އެ ދާއިރާއާ ސީދާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރާ މަޑަވެލި ދާއިރާގެ ރައްޔިތުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެހެން އެއާޕޯޓުތަކާ އެ އެއާޕޯޓާ ދެމެދު ބޮޑެތި ތަފާތުކުރުން ގެންގުޅުން : އެވެ.

ކާދެއްދޫ އެއާޕޯޓުގެ މުވައްޒަފުން ނިދާ ކޮޓަރިއެއް--
ވަޒީފާ ދޭ ފަރާތުން ކޮންމެހެން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމުގައި ވެސް ތަފާތުކުރުން ގެންގުޅޭ ކަމަށާއި ވަޒީފާ ދޭ ފަރާތުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޝަކުވާތަކާއެކު ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ދެނެގަތުމަށް ބޭނުންވާ ބައެއް ފޮޓޯތައް ވެސް ވަނީ ހިމަނާފަ އެވެ.

ކާދެއްދޫ އެއާޕޯޓުގެ މުވައްޒަފުން ބޭނުންކުރާ ފާހާނާއެއްގެ އެތެރެ--
އެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ޝަކުވާތަކަކީ:
- މުސާރަ ދިނުމުގައި ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެހެން އެއާޕޯޓުތަކާ ތަފާތުކުރުން
- އެއާޕޯޓު ހިންގަން އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުން
- މުވައްޒަފުން ބޭނުންކުރަން ދީފައިވާ ވަސީލަތްތަކުގެ ފެންވަރު ދަށްވުން (ނިދާކޮޓަރި، ފާހާނާ، ކެންޓީން)
- ގިނަ ޓޫރިސްޓުން އަންނަ ތަނެއް ނަމަވެސް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ނެތުން (އޭޓީއެމް، އެކަށީގެންވާ ކެންޓީނެއް، ޓޫރިސްޓުން މަޑުކޮށްލައިގެން ތިބޭނެ ތަނެއް، ޓޫރިސްޓު ފާހާނާއެއް)
- ފަސިންޖަރުންގެ މުދާ މަތިންދާބޯޓުން ޓާމިނާލަށް ގެންނާނެ އެކަށީގެންވާ އުޅަނދެއް ނެތުން
- ވިއްސާރަ މޫސުމުގައި ފަސިންޖަރުން މަޑުކުރާނެ ތަނެއް ނެތުން، ނުތެމި ޖެޓީއާ ހަމައަށް ދެވޭނެ ގޮތެއް ނެތުން
- އެއާޕޯޓުގައި ހުރި ޕާކަކީ މުސްކުޅި ޕާކެއް ކަމަށާއި އެތަނުގައި ހުރި ތަކެތި ހަލާކުވެ، ކުދިންނަށް އަނިޔާވާ ގޮތަށް ހުރުން
އެ ސިޓީގައި އާންމުން ފާހަގަކޮށްފައިވާ މައްސަލަތަކަށް ވީހާ ވެސް އަވަސް ހައްލެއް ހޯދައިދެއްވުމަށް މިނިސްޓަރު ނަހުލާގެ އަރިހުން މެމްބަރު ފިރުޝާން ވަނީ އެދިވަޑައިގެންފަ އެވެ.