ރާއްޖެއާއި އެމެރިކާއާ ދެމެދުގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާ ކުރައްވައިފި

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި އެކު -- (ފޮޓޯ/ފޮރިން މިނިސްޓްރީ)

ދިވެހި ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާ މަޝްވަރާ ކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްއާއެކު ފޯނުން ކުރިޔަށް ގެންދެވި މި މަޝްވަރާތަކުގައި ކޮވިޑް-19ގެ މި ދަނޑިވަޅުގައި އެމެރިކާއިން ރާއްޖެއަށް އެހީތެރިވެދެއްވާނެކަމަށް ސެކްރެޓަރީ ޕޮމްޕެއޯ ވަނީ ވިދާޅުވެފަ އެވެ.

އަދި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އިޔާދަކުރަނިވި އިގްތިސާދީ ކުރިއެރުންތަކަށް މަސައްކަތްކުރުމަށްވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާތަކުގައި އެމެރިކާއިން ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުންވެސް ރާއްޖޭ އިގްތިސާދު އަލުން އިޔާދަވުމަށް އެމެރިކާއިން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްވެސް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

comment ކޮމެންޓް