މިނިއާޕޮލިސް (ޖުލައި 7): އެމެރިކާގެ މިނިސޯޓާގައި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑް މަރާލި މައްސަލާގައި ދައުވާ ލިބޭ އިތުރު މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
މިދިޔަ މެއި މަހުގެ 25ގައި ފްލޯއިޑް ހައްޔަރު ކުރަން ދިޔަ ހަތަރު ފުލުހުންގެ ތެރެއިން ޓައޮ ތާއޯ ދޫކޮށްލާފައި ވަނީ އޭނާ ކަފާލާތުގެ ގޮތުގައި 750،000 ޑޮލަރު ދެއްކުމުންނެވެ. މީގެ ކުރިން އެ މައްސަލާގައި ހައްޔަރު ކުރި އިތުރު ދެ މީހުން ކަމަށްވާ ތޯމަސް ލޭން އާއި ކޭ އެލެގްޒެންޑާ ކެންގްވެސް ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފަ އެވެ.
މިދިޔަ މެއި މަހުގެ 25ގައި ފްލޯއިޑް މަރުވީ، އޭނާ ސައްހަ ނޫން 20 ޑޮލަރު ގެންގުޅޭ ކަމަށް ބުނެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެން އޭނާ ހައްޔަރު ކުރަން ދިޔަ ފުލުސް އޮފިސަރު ޑެރެކް ޝޮވިން އޭނާގެ ކަރަށް ފައި އަރުވައިގެން ހުރުމުންނެވެ. އެ ހާދިސާ ހިނގި ވަގުތު ޝޮވިންގެ ކައިރީގައި ތާއޯ އާއި ލޭން އާއި ކެންގް ތިއްބެވެ.
އެ މައްސަލައާ ގުޅިގެން އެ ހަތަރު މީހުންވެސް ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ފަހު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝޮވިންގެ މައްޗަށް ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާއެއްކޮށްފައިވާ އިރު ބާކީ ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މެރުމަށް އެހީވުމުގެ ދައުވާކޮށްފަ އެވެ.
އެ މައްސަލާގައި ޝޮވިން ކަފާލާތުގެ ދަށުން ދޫކުރާނީ 1.25 މިލިއަން ޑޮލަރު ދެއްކުމުންނެވެ.
ފްލޯއިޑްގެ މަރާ ގުޅިގެން ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް އެމެރިކާގައި މިދިޔަ މެއި މަހު ފެށި މުޒާހަރާތައް އަދިވެސް އެގައުމުގައި ދަނީ ބާއްވަމުންނެވެ.