ސަރުކާރަށް ދައްކާ ފީއިން 25 ޑޮލަރުގެ ފައިސާ އުނިކުރާނެކަން ޖީއެމްއާރުން އަންގައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި 25 ޑޮލަރު ނުނެގޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާތީ ޖީއެމްއާރުން ސަރުކާރަށް ދައްކާ ކޮންޝެސަން ފީއިން އެ ފައިސާ އުނިކުރާނެ ކަން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ޖީއެމްއާރުން އަންގައިފި އެވެ.

ތިން މަހުން އެއްމަހު ސަރުކާރަށް ދައްކާ ކޮންސެޝަން ފީއިން އެ ފައިސާ އުނިކުރަން އެއާޕޯޓްސް ކޮމްޕެނީއަށް ޖީއެމްއާރުން ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ޖީއެމްއާރަށް އެއާޕޯޓް އެވޯޑްކުރި ބިޑް އިވެލުއޭޝަން ކޮމެޓީގައި އިސްކޮށް އުޅުއްވި އެކޮނޮމިކް މިނިސްޓަރު މަހުމޫދް ރާޒީ މިރޭ ވިދާޅުވީ ޖީއެމްއާރުން ދައްކާ ކޮންޝެސަންފީގެ ތެރޭގައި، އޭޑީސީގެ ގޮތުގައި އެ ކުންފުންޏަށް މަހެއްގެ މައްޗަށް ލިބޭނެ ކަމަށް ލަފާކުރި ދެ މިލިއަނެއްހާ ޑޮލަރު ހިމެނޭކަމަށް ބުނެ އެ ފައިސާ އުނިކޮށް ސަރުކާރަށް ކޮންސެޝަން ފީ ދައްކަން ޖީއެމްއާރުން ހުށަހަޅާފައިވާ ކަމަށެވެ.

"އޭޑީސީ ނެގެންދެން އެ ފައިސާ އުނިކުރުމަށް އެބޭފުޅުން އެއާޕޯޓްސް ކޮމްޕެނީއަށް ހުށަހެޅުއްވީ،" ރާޒީ ވިދާޅުވި އެވެ.
އެއާލައިންތަކުން ދެކޮޅު ހަދަނިކޮށް ޖެނުއަރީ އެކަކުން ފެށިގެން އޭޑީސީ ނަގަން ޖީއެމްއާރުން ނިންމާފައި އޮތް ނަމަވެސް މިދިޔަ މަހު ސިވިލް ކޯޓުން ވަނީ އެއީ ގާނޫނާ ހިލާފަށް ނަގަން އުޅޭ ފައިސާ ކަމަށް ބުނެ އެފައިސާ ނުނެގޭނެ ގޮތަށް ޖީއެމްއާރުގެ މައްޗަށް ހުކުމްކޮށްފަ އެވެ.

ރާޒީ ވިދާޅުވީ އެ ހުށަހެޅުމާ ގުޅިގެން އެއީ އަމަލުކުރެވޭނެ ހުށަހެޅުމެއް ތޯ ބެލުމަށް ގާނޫނީ ފަރާތްތަކުގެ ލަފަޔަކަށް އެދިފައިވާ ކަމަށާއި ޖީއެމްއާރުން ހުށަހެޅި ގޮތަށް އެއްބަސްވާނީ އެގްރިމަންޓުން އެކަމަށް ޖާގަ ދޭނަމަ ކަމަށެވެ.

"އެބަ އޮތް ދެއްތޯ އެގްރިމަންޓެއް. އަޅުގަނޑުމެން ބަލަންޖެހޭނެ އެގްރިމަންޓްގެ ތެރެއިން އެކަން ކުރެވިދާނެ ތޯ. އެހެންވެ އަޅުގަނޑުމެން މި އުޅެނީ އެކަން ބެލުމުގައި. އެގްރިމަންޓާ އެއްގޮތް ހުށަހެޅުމަކަށް ވަންޏާ އެއަށް އަމަލުކުރާނީ،" ރާޒީ ވިދާޅުވި އެވެ.

ޖީއެމްއާރުން ލަފާކުރަނީ އެއާޕޯޓް ބޭނުންކުރާ ނުވަ ލައްކަ މީހުންގެ އަތުން މަހަކު ދެ މިލިއަނެއްހާ ޑޮލަރު ލިބޭނެ ކަމަށެވެ. އެއީ އަހަރެއްގެ މައްޗަށް 24 މިލިއަން ޑޮލަރު ޖެހޭ ވަރުގެ އަދަދެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު