އެއްލައްކަ ރުފިޔާއިން މަތީގެ މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރަން ނިންމައިފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މާލީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން 100،000 ރުފިޔާ (5،000 ޑޮލަރަށް) ވުރެ މަތީގެ މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު އާންމުކުރި ސާކިޔުލާއެއްގައި ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދު ފައިސާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ޕްލޭނުގައިވާގޮތަށް ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ބޮޑެތި އަދަދުތަކުން ދައްކާ ފައިސާ ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން އޮކްޓޯބަރު އެކަކުން ފެށިގެން 100،000 ރުފިޔާ އަދި 5،000 ޑޮލަރުން މަތީގެ މުއާމަލާތްތައް ބަލައިގަނެވޭނީ ހަމައެކަނި ޑިޖިޓަލް ކޮށް ކަމަށް އެމްއެމްއޭ އިން އަންގާފައިވާ ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިޔުލާގައި ބުނީ ޑިޖިޓަލް މުއާމަލާތްތައް ކުރިއަށް ގެންދާއިރު އޭގެ ތެރޭގައި އާންމުންނާއި ވިޔަފާރިތަކުން ޓެކްސް، ޑިއުޓީ އަދި އެކިއެކި ފީގެ ގޮތުގައި ދައްކާ ފައިސާ ހިމެނޭނެ ކަމަށެވެ.

މިއީ ދައުލަތުގެ އޮފީސްތަކުން ޗެކާއި ނަގުދު ފައިސާ ބޭނުންކުރުމާއި ބަލައިގަންނަ މިންވަރު މަދުކުރުމަށް އެމްއެމްއޭގެ ޕްލޭނުގައި ހިމަނާފައިވާ ކަންތަކުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނިންމި ނިންމުމެއް ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

comment ކޮމެންޓް