ފުން އަސަރު ކުރުވައިފިއޭ... 6

އޭނާ މަޑުމަޑުން އަހަރެންގެ ދެކޮނޑުގައި ހިފައި ނެގި އެވެ. ކުއްލިއަކަށް ގެންގޮސް އެ ތަނަވަސް މޭގައި ޖައްސާލައިފި އެވެ. ދުވި މީރު ވަހުން، ކަރުނަތަކަށް ވެސް ހުއްޓުމެއް އަތުވެއްޖެ އެވެ. ހުރަހެއްނެތި އިހުސާސް ކުރެވިގެންދިޔަ އެ ހޫނުކަމުގެ ސަބަބުން، އޭނާއަށް އަހަރެންގެ ހިތް ހިބައިން ހަދިޔާ ކުރެވިއްޖެކަން ޤައިމެވެ. ލޯބީގެ ވިންދެއް ހިތުގައި ޖަހާލައިފި އެވެ. އެއީ އޭގެ ކުރިން އަހަންނަށް އިހުސާސްކުރެވިފައި ނުވާފަދަ އުފާވެރި ކަމެކެވެ.

********

"ހިނގާ އަހަންނާ އެކީ މާލެ ދާން..." އަހަންނާ ކުޑަކޮށް ދުރަށްޖެހިލަމުން އަޒްމަން ބުންޏެވެ.

އަހަންނަށް ހަމަބިމަށް އާދެވުނީ، އޭނާގެ އަޑު އިވުމުންނެވެ. އެހާ ގައިގޯޅިވެގެން ހުރެވުނު ކަން ހަނދާންވެ، ކުއްލިއަކަށް ފަހަތަށް ޖެހިލެވިއްޖެ އެވެ. ފާއިތުވެގެން އެދިޔަ ހިނދުކޮޅަކީ، އަހަރެންގެ ޙަޔާތަށް އުފާވެރިކަން ލިއްބައިދިން ވަގުތުކޮޅަކަށް ވިޔަސް، އެހާ ވަރަށް ހިތް ނުތަނަވަސް ކުރުވައިފި އެވެ. ނޭނގޭ ބިރުވެރިކަމެއްގެ އިހުސާސްތަކުން ސިކުނޑިއަށް ބާރު ކުރަން ފެށި އެވެ.

"އަހަރެން ނީހާ ބަލާނަމޭ..." އަހަރެން އެއްޗެއް ނުބުނުމުން، އަޒްމަން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށި އެވެ. "ނީހާ ގެންގޮސް އެއްލައެއް ނުލާނަމޭ... ހަމަ ޔަޤީން..." އަޒްމަންގެ އަޑުގައިވި ޔަޤީންކަން ހެކިދިނީ، އެ މޫނުމަތީގެ އަސަރުތަކެވެ.

ޖަޒުބާތުގައި ޖެހި ބުނެވުނު ޖުމްލަތަކާއި ދޭތެރޭ ވިސްނައި ލެވުނީ ދެނެވެ. އަހަރެންގެ ދުލުން އެ ޖުމްލަތައް ބޭރުވީ، ރަށުން ދިޔުމުގެ މަޤުސަދުގައެއް ނޫނެވެ. ހަމަ އެހެންމެ، ހިލޭ ފިރެހެނެއްގެ އިހުސާންތެރިކަން ހޯދުމުގެ ބޭނުމުގަ އެއްވެސް ނުމެ ނޫން މެއެވެ. އެއީ ހިތަށް ލިބުނު އުދާސްތަކާއިއެކު، އިޚުތިޔާރުން ބޭރުގައި ބުނެވުނު ޖުމްލަ ތަކެކެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި މާލެއަކީ މުއްސަނދިންނާއި، އިއްޒަތްތެރިން ދިރިއުޅޭ ތަނެކެވެ. އަހަރެމެން ކަހަލަ ނިކަމެތިންނަށް އެފަދަ ތަނެއްގައި ދިރިއުޅުން އެކަށީގެނެއް ނުވެ އެވެ. ވިސްނަމުންދިޔަ ވަރަކަށް އަހަރެންގެ ސިކުނޑި ބުނަމުން ދިޔައީ، މިފަދަ ކެހިވެރި މާހައުލެއް ދޫކޮށް، ދިޔުމަށެވެ. އަޒްމަންއަށް އިތުބާރު ކުރުމަށެވެ.

"ދެދުވަހެއްތެރޭ އަހަރެން ފުރަންޖެހޭނެ..." އަޒްމަން ދޫކޮށްލީ ފުން ނޭވާ އެކެވެ. އޭނާ މާލެދާން ބޭނުން ނުވާކަން އެނގުނީ ވާހަކަ ދެއްކި ރާގުންނެވެ. "ނީހާ!... މިކަހަލަ ތާކު ނީހާ ކެތްކުރާނީ ކިހިނެއް؟... މުޅި އުމުރު ތިހެން އުޅެވޭނެތަ؟"

އަޒްމަންގެ އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި، ދެލޯ މަރާލެވުނީ އެވެ. ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ ގާތްތިމާގެ މީހަކަށް ހުރި ހަމައެކަނި މީހާގެ ފުށުން ކުރިމަތިވަމުންދިޔަ އަނިޔާތަކަށް ކެތް ވަނީކީ ނޫނެވެ. ދުނިޔެ އުމުރަށް އެފަދަ އަނިޔާވެރިކަމެއް ތަހަންމަލް ކުރާނޭ ހިއްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.

"ވިސްނާލާފަ މާދަމާ ޖަވާބެއް ދިނަސް އެންމެ ރަނގަޅު..." އަހަރެން އެއްޗެއް ނުބުމުން، އަޒްމަން ބުންޏެވެ. "ނީހާ ދެން ދޭ... އަހަރެން ދާނީ މޫދަށް އެރިލާފަ..."

އަޒްމަން ގޮސް ލޯމަތީން އޮބާލަންދެން ވެސް އަހަންނަށް ވިސްނަން ހުރެވުނީ އެވެ. އަހަރެން އޭނާ އާއި އެކުގައި ދާނީ ހެއްޔެވެ؟ ނޫނީ މި ހިތާމަތައް ބަރުދާސްތު ކުރަން ރަށުގައި ހުންނާނީ ހެއްޔެވެ؟

ގެއަށް އައިއިރު، ބޮޑުދައިތަ ހުރީ ދޮރުމަތީގަ އެވެ. ދެކޮޅަށް ހިނގަހިނގައި ހުރިއިރު، އޭނާ ހުރީ، އަހަރެންގެ އިންތިޒާރުގައި ކަން އެނގުނީ، އަހަރެން ފެނުމުން ވައިސޫރިއެއްހެން ގޮސް ގޭތެރެއަށް ވަންތަން ފެނުމުންނެވެ. ކަޅުފޮއެ ރެއެއްހެން އެ މޫނުމަތި ބަނަވެފައިވާތަން ފެނުމުން ވެސް، އަހަރެން ހުރީ އެތެރެއަށް ވަންނަން ޖެހިލުންވެފަ އެވެ.

"ތިވައްތަރަށް އުޅެން ނޫޅެ، އެ މާލޭ ބޭފުޅާއާ ކައިވެނި ބައްލަވައިގެން މިރަށުން ދާންވީނު..." މަލާމާތުގެ ރާގަކަށް ބޮޑުދައިތަ ބުނި އަޑު އިވުނެވެ. "އާނ އެހެންޏަ، ބޮޑުސިންގާ އަންހެނަކު ހުއްޓޭ ކިޔާފަ އަހަންނަށްވާ ފަސޭހައެއް ވެސް އޮތީކީ ނޫނޭ..." ބޮޑުދައިތަ ހުރީ އަހަރެން ގޭތެރެއަށް ނުވަދެގެންނެވެ. ފަހަކަށް އައިސް، އަހަރެން ފެންނަހާ ތަނަކުން ކުދި ކިޔުމަކީ ބޮޑުދައިތަގެ އާދަ އެވެ. އަޑު އިވޭކަމަށް ވެސް ހަދާނުލައި، އަހަރެން އުޅުނީ ކޮޓަރިއަށް ވަންނާށެވެ.

"ބަލަ ކަލޭގެ މަންމައަކީ ވެސް ފުރަތަމަ ތިފާޑަށް އުޅުނު އަންހެނެކޭ... ހެޔޮ ވިސްނުމެއް ލިބޭނީ އެ އަންހެނާއަށް ލިބުނުވަރުގެ ބޮޑު ބޮނޑިއެއް ލިބުނީމަ..." ބޮޑުދައިތަގެ ވިހަގަދަ އެބަސްތައް އަހަރެންގެ ހިތުގައި ކޫރުމެއް އަޅުވާލައިފި އެވެ.

އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެއީ މީގެ ކުރިން ބޮޑުދައިތަ ދައްކާފައިވާ ކަހަލަ ވާހަކަތަކެއް ނޫނެވެ. ދުނިޔޭގައި ވެސް ނެތް މަންމަގެ ވާހަކަ ދައްކައިގެން އޭނާ ހާސިލުކުރަން އެއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ފުރަތަމަ ފަހަރަށް ނަފުރަތުގެ ބެލުމަކުން ބޮޑުދައިތަގެ މޫނަށް ބަލައިލެވުނެވެ. އެ ނަޒަރުން އޭނާ ފިއްސައިލެވޭނެނަމަ، އެކަން ވެސް އެވަގުތު ކުރެވުނީހެވެ. އިތުރު އެއްޗެއް ނުބުނެ ބޮޑުދައިތަ އެތަނުން ދިޔަކަން އެއީ ކާކުގެ ނަސީބެއް ކަމެއް ނޭނގުނެވެ.

********

ޖެހިގެން އައި ދުވަހަކީ ބޮޑު ދުވަހެކެވެ. ގެއާއި ޖެހިގެން ހުރި ގޭގެ ކުއްޖަކަށް ނަން ކިޔުމުގެ ހަފުލާއެއް ބާއްވާތީ، ރައްޔިތުން ކަހަލަ ގޮތަކަށް އެގެއަށް ޖަމާވެގެން އުޅޭތަން ފެނެއެވެ. އެގޭގެ އިން ވަކިކުރުމަށް، ތިން ފޫޓުގެ ފާރުކޮޅެއް ރާނާފައި ހުރެ އެވެ. އެއިން މާބޮޑު ނިވާކަމެއް ނުވި ނަމަވެސް، ގޯތިތެރެ ބޮޑަށް ނިވާވެފައިވަނީ، އަހަރެމެންގެ ގޭގެ އިމާއި ދިމާގައި ހައްދާފައިވާ މުރަނގަ ގަސްތަކުގެ ސަބަބުންނެވެ.

އަހަރެން ހުރީ ގޭގެ ދޮރުމަތީގަ އެވެ. އެހެން މީހުން އުޅޭނޫޅޭގޮތް ބެލުމަކީ އަހަރެން މާ ކުރާހިއްވާ ކަމަކަށް ނުވި ނަމަވެސް، އެންމެން ހީހީފައި އުޅޭ މަންޒަރު ބަލަން ހުރެވުނެވެ. ކެމެރާއެއް ހިފައިގެން އެގޭ ތެރެއިން ނުކުތް އަޒްމަން ފެނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭނަ ކުޑަކޮށް ގުދުވެ ގަސްތަކުގެ ތެރެއިން އަހަންނާއި ދިމާއަށް ބަލާލައިފި އެވެ. އަހަންނަށް ގޭތެރެއަށް ދެމިގަނެވުނެވެ. އިރުކޮޅެއްފަހުން ސިއްރުން ބޭރު ބަލައިލިއިރު، އޭނާ ފެންނާކަށް ނެތެވެ.

މެންދުރަށް ކެއްކުމަށްޓަކައި، ހަނޑޫތެލި ހިފައިގެން ގޮސް، ގޭދަށުގައި ފެން ނަގަން ހަދާފައި ހުރި ބުންބާ އާއި ދިމާއަށް ގުދުވެލީމެވެ. ތަޅުންގަނޑުގެ މަތީގައި ތެލި ބައިންދާފައި، ބުންބާ ހަލުވައިލީމެވެ. ދެފަހަރަކު ހަލުވައިލުމުން ތެއްޔަށް ފެން އެޅިއްޖެ އެވެ.

"ހާދަ މުރާލި ކުއްޖެކޭ..." ދާދި ކައިރިން އިވުނީ އަޒްމަންގެ އަޑެވެ.

ހަނޑޫ ދޮވުމަށް ތެއްޔަށް އަތް ލައިގެން އިންގޮތަށް މައްޗަށް ބަލައިލެވިއްޖެ އެވެ. ކެމެރާ ދިއްކޮށްލައިގެން ހުރި އަޒްމަން، އަހަރެންގެ ތަސްވީރެއް އޭނާގެ ކެމެރާގައި ރައްކާކޮށްލައިފި އެވެ. އޭނާ ބޭނުންވިފަދަ މަންޒަރެއް ނެގުމުން ކަންނޭނގެ އެވެ. އެ ތުންފަތްމަތީން ފެނުނީ، ލުއި ހިނިތުންވުމެކެވެ.

"އަހަރެން ހިތަށް އަރ،ާ ތިކަހަލަ މުރާލި ކުއްޖަކު އަހަންނަށް ވެސް ލިބޭނެ ނަމައޭ... މިޝީގެ ބައްޕަ ހާދަ ނަސީބު ރަނގަޅުވީހޭ... އެކަމަކު ކީއްކުރާނީދޯ... ބައެއް މީހުންނަށް އުޅެން ނޭނގޭތީ..." އެއްލޯ މަރައިލަމުން އަޒްމަން ބުންޏެވެ. އެ ބުނި ބަހުގެ މުރާދެއް ނޭނގުމުން ހިނިތުންވުމަކުން ފުއްދައިލީމެވެ. "މާދަމާ ދޭއް ޖަހާއިރު ފުރަންވެގެން މިއުޅެނީ... ނީހާމެން ތައްޔާރުތަ އަހަންނާ އެކީ ދާން؟..." އަޒްމަން އޭނާގެ ކެމެރާ ތިރިކޮށްލާފައި ސުވާލު ކުރި އެވެ.

އަހަންނަށް ވަކި އެއްޗެއް ނުބުނެވި އުޅެނިކޮށް ފެނުނީ ގޭތެރެއަށް ވަދެގެން އައި ނައިޝާ އެވެ. އަހަރެން ބަލައިލުމުން، ދެބުމަ ގޮށްޖަހައިލިގޮތުން، އަވަހަށް އިސްޖަހައިލީމެވެ. އަޒްމަންގެ ނަޒަރުން ސަލާމަތްވުމަށް އަހަރެން ގޮސް ވަނީ، ފަނުން ހަދާފައިވާ ބަދިގެ އަށެވެ. ފަހަތުން އޭނާ ވެސް އައިސް ވަދެއްޖެ އެވެ. ނައިޝާ އައިސް ހުއްޓުނީ ދޮރުމަތީގަ އެވެ.

"އަހަރެން ބޭނުން ދަސްކުރަން..." އަޒްމަން ހުރީ ޝައުޤުވެރި ވެފައެވެ.

އަހަރެން ވަކި އެއްޗެއް ނުބުނަމެވެ. ހަނޑޫތެލީގެ ތެރެއަށް ލޮނާއި ކާށި ކިރުފޮދު އަޅާފައި، އުނދުން މައްޗަށް އުދައިފީމެވެ. ފުޅައްޕެތް ދެފަޅިކޮށްލާފައި ދެތިން ދަރުގަނޑާއިއެކު އުނދުނުގެ ތެރެއަށް ކޮއްޕައިލީ މަންޒަރު ވެސް އަޒްމަން އޭނާގެ ކެމެރާގައި ރައްކާކުރި އެވެ. ލާޓަރާއި އިލާގަނޑު ނެގުމާއިއެކު އެތަކެތި ދިނުމަށް އަޒްމަން އެދުނެވެ. އޭނާ އޭގައި އަލިފާން ރޯކޮށްފައި އުނދުނުގެ ތެރެއަށް ލުމާއިއެކު، ދުންގަނޑެއް އަރާފައި އިސާހިތަކު ރޯވެއްޖެ އެވެ.

"އަޒްމަން!... އެންމެން އެބަ ހޯދައޭ..." ހިތްހަމަނުޖެހިފައިވާ ރާގަކަށް ނައިޝާ ބުންޏެވެ.

ނައިޝާ ފެނުމުން، އަޒްމަން އަވަސްއަވަހަށް ތެދުވި އެވެ. އަހަރެންގެ ކައިރީގައި ދަނީއޭ ބުނެ، އޭނާ ބަދިގެތެރެއިން ނުކުމެއްޖެ އެވެ. ނައިޝާ ހުރީ އަޒްމަން ދުރަށް ދަންދެނެވެ.

"ބުނަން ވާހަކައެއް!... ކަލޭގެ ކަންތައް މާ މައްޗަށް މިހާރު ތިދަނީ... ތިމާގެ ފެންވަރެއް ހުރިނަމަ ރަނގަޅޭ..." ބަދިގޭގެ އެކި ތަންތަނަށް ބަލައިލަމުން ނައިޝާ ބުންޏެވެ. އޭނާ ދަމުން ދިޔައީ އަތުންވެސް އިންޒާރެއް ދީފަ އެވެ.

ދުވަސް ނިމިގެން ދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. ބޮޑުދައިތައަށް ސިއްރުން ފޮށިގަނޑަކަށް ކޮއްކޮ އާއި އަހަރެންގެ އަންނައުނާއި، ބޭނުންވާނޭ ބައެއް ސާމާނު އަޅައި ބަންދުކޮށްލީމެވެ. އޭރުވެސް އަހަރެން ހުރީ، ދެފިކުރެއްގަ އެވެ. ސިކުނޑީގެ ކަނަކުން ކުރެވެނީ ރަނގަޅު ކަމެއް ނޫނޭ ވެސް ބުނަމުން ދާތީ އެވެ.

އާދުވަހަކަށް އަލިވިލުނުއިރުވެސް އަހަރެން އޮތީ ނުނިދިފަ އެވެ. ކައިރީގައި ނިދާފައި އޮތް ކޮއްކޮގެ މޫނަށް ބަލަން އޮތްއިރު އެ ކޮއްކޮގެ މުސްތަޤުބަލާއި ދޭތެރޭގައި ވިސްނެމުން ދިޔަ އެވެ. ކަންތައް ވާނެ ގޮތެއް ލަފާކޮށްލަން ވެސް ނޭނގެ އެވެ. މާލެދާން ނިންމި ވާހަކަ ބޮޑުދައިތަ ކައިރީ ބުުނާނެ ގޮތެއް ވެސް ނުވިސްނުނެވެ.

މެންދުރުފަހު ދޭއް ޖަހަން، ބައިގަޑިއިރަށް ވެފައި ވަނިކޮށް، ބޮޑުދައިތަ އައިސް ގެއަށް ވަންތަން ފެނުނެވެ. އަށިމަތީގައި އިނދެފައި އަހަންނަށް ފުންމައިލެވުނީ، ބިރެއް ފެނުމުން ތެދުވާ ހެންނެވެ. ބޮޑުދައިތަގެ ނަޒަރު ހުއްޓިފައި ހުރީ، އަހަރެންގެ ކުރިމަތީގައި ހުރި ފޮށިގަނޑަށެވެ.

"މިދޮރުން ނުކުމެގެން ދިޔުމަށްފަހު، އެނބުރި އައިސްގެން ނުވާނެ..." ދޮރާއި ދިމާއަށް އިޝާރާތްކޮށްފައި ބޮޑުދައިތަ އަމުރު ކުރި އެވެ.

ވީގޮތް އެނގުނީ، ބޮޑުދައިތަގެ ފަހަތުން އެތެރެއަށް ވަން އަޒްމަން ފެނުމުންނެވެ. ފުރަންއުޅޭ ކަން ބޮޑުދައިތައަށް އެންގީ އަޒްމަން ކަން އެނގުމުން، ޝަކުވާއިން ހިތް ފުރުނެވެ. އަޒްމަން މަޑެއް ނުކުރެ އެވެ. އެއްއަތުން ފޮށިގަނޑު ނަގާފައި އަނެއް އަތުން އަހަރެންގެ އަތުގައި ހިފައިފި އެވެ. އަހަންނަށް ހިފައިލެވުނީ، ކޮއްކޮގެ އަތުގަ އެވެ. ދޮރާއި ދިމާއަށް ހިނގައިގަންއިރު، ހިތް ތެޅޭ ވަރުން އޮބި ނޯވެ އެވެ. ހިތް އެދި ގޮވަމުން ދިޔައީ، ބޮޑުދައިތަ އަހަރެމެން ހުއްޓުވުމަށެވެ. އެކަމަކު، އެއީ ނާދިރު ކަމެއްކަން ވިސްނުމުން، ހިތަށް ކުރަމުންދިޔަ އަސަރު ކުޑައެއް ނުވި އެވެ. ކަރުނަތިއްކެއް ވެއްޓުނަނުދީ ވޭތޯ އެތައް މަސައްކަތެއް ކުރީމެވެ. ހުރިހާ ބާރެއް ކުރީ ލަގޮނޑި އަށެވެ. ލަގޮނޑި ހީވަނީ، ފަޅައިގެން ދާން އުޅޭ ހެންނެވެ.

ބޮޑުދައިތަގެ އިންޒާރު ހަނދާންވުމުން ދޮރާއި ހަމައިން ހުއްޓެން މަޖުބޫރު ވިއެވެ. އެ ދޮރުން ބޭރަށް ފިޔަވަޅެއް އަޅާލުންވީ ދަތި ކަމަކަށެވެ. އިރުކޮޅަކު ވިސްނައިލަން ހުރެވުނެވެ. ގަދަކަމުން ގެންދަން މަސައްކަތްކުރަން ނޫޅެ، އަޒްމަން ވެސް ހުރީ އެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އޮޅިގަނޑުން ބޭރަށް ފިޔަވަޅެއް އަޅާލީމެވެ. ދެވަނަ ފިޔަވަޅު އަޅާލުމާއިއެކު، ކަރުނަ ތިއްކެއް ކޯތާފަތުގައި ބީހިލައިފި އެވެ.

ރަށުގެ ފާލަންމައްޗަށް އަރައިގެން ހިނގަމުންދިޔައިރު، ކޮއްކޮގެ ސުވާލުތައް ކުރިމަތިވާން ފަށައިފި އެވެ. ވާހަކައެއް ދެއްކޭ ވަރަށްވުރެ އަހަރެންގެ ހާލު ބޮޑެވެ. ރަށް ދޫކޮށް ދާންޖެހޭތީ، ހިތަށް ކެތްވަނީކީ ނޫނެވެ. ފާލަމާއި ކައިރިކޮށްފައިވާ ކުޑަ ދޯންޏަށް އެރި އިރުވެސް، އަހަރެންގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. އަމިއްލަ ނިންމުމާއި ދޭތެރޭ ސުވާލު އުފެދެން ފެށި އެވެ. ދޯންޏަށް އަރައި ކޮއްކޮ ގެނެސް މެޔާލައި ބޮނޑިކޮށްލީމެވެ. ހަޤީޤަތުގައި އަހަރެން އިނީ ބިރުންނެވެ. ދޯނި ދަތުރުކުރަމުން ދިޔައީ، ފަޅުގައި އަޅާފައި އޮތް ބޯޓާއި ދިމާއަށެވެ. އަހަރެމެން އެއަށް އެރުމާއިއެކު ބޯޓު ނައްޓާލި އެވެ.

ކަނޑު މަޑު ދުވަހެކެވެ. ބޯޓަށް އެރިގޮތަށް ބޯ އަނބުރާތީ، އަހަރެން އޮތީ އޮށޯވެލައިގެންނެވެ. އެކި ތަންތަން ބެލުމަށް، އަޒްމަން އާއިއެކު ކޮއްކޮ އުޅުނެވެ. ދޭތެރެއަކުން ކޮއްކޮއަށް ވާނުވާ ބަލަމުންދިޔަ ނަމަވެސް، އިސާހިތަކު ނިދިއްޖެ އެވެ. ހޭލެވުނުއިރު، ވަނީ އިރުއޮއްސި އަނދިރި ވެފައެވެ. މުޅި ތަނަށް ވެރިވެފައިވަނީ އަނދިރި ކަމެވެ. ކައިރީގައި ކޮއްކޮ އޮތީ ނިދާފަ އެވެ. ތަންކޮޅެއް ދުރުގައި އަޒްމަން ވެސް އޮތެވެ. އޭނާ ވެސް އޮތީ ނިދާފަ އެވެ.

ހެނދުނުހެނދުނާ އަޒްމަން ގޮވި އެވެ. ބަނަހާއި ފެނުކެއްކި ކުކުޅު ބިހެއްގެ އިތުރުން ކަޅުސައި ތައްޓެއް ކައިރީގައި ބަހައްޓާފައި ހުއްޓެވެ. ކޮއްކޮ އޭރުވެސް އިނީ ކާށެވެ. މީރުކޮށް ކަމުންދިޔަ ގޮތުން، އަހަރެންގެ ހިތަށް ދިރުން ގެނުވި އެވެ.

"ހަވީރު ދެވޭނީ..." ސައިބޮއެ ނިންމާލިގޮތަށް އަޒްމަން ބުންޏެވެ.

އަހަރެން ބޯ ޖަހާލީމެވެ. ހޮޑުލަވާގޮތް ވާތީ، ތެދުވާހިތެއް ނުވި އެވެ. އަޒްމަން ކަންތައް ކުރަމުންދިޔަލެއް ރަނގަޅުކަމުން، އަހަރެންގެ ނިންމުމާއި ދޭތެރޭ ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

މާލެ ދެވުނީ އިރު އޮއްސެން އުޅެނިކޮށެވެ. އެ އާ މާހައުލު ފެނި، ކޮއްކޮއަށްވުރެ ބޮޑަށް އާޝޯހުވީ އަހަންނެވެ. އަނގަ ހުޅުވުނުގޮތަށް ލައްޕަންވެސް ނޭނގި ވަށައިގެން ބަލަން ހުއްޓައި، ފެނުނީ ދާދި ކައިރިއަށް އައިސް ހުއްޓައިލި ކާރެކެވެ. ރަތްކުލައިގެ އެ ކާރުގެ ތެރެއިން ފައިބައިގެން އައީ މެދު އުމުރުގެ ފިރެހެނެކެވެ. އޭނާ އައިގޮތަށް ފޮށިތަންމަތި ކާރަށް އަރުވައިފި އެވެ.

"ހިނގާ..." ކާރާއި ދިމާއަށް ހިނގައިގަންނަމުން އަޒްމަން ބުންޏެވެ.

ކާރު ދުއްވާލުމާއިއެކު، ކޮއްކޮއަށް މަޖާވިއެވެ. އެކި ދިމަދިމާއަށް ބަލަމުން އަހަންނަށް މަންޒަރުތައް ދައްކަމުން ދިޔަ އެވެ. އަޒްމަން އިނީ ހީލަހީލަ އެވެ. ކާރު ދުއްވާ މީހާގެ ކައިރީގައި އޭނާ އިންއިރު، ދޭތެރެއަކުން އަހަރެމެންނަށް ބަލައިލަ އެވެ.

"ލެވެންޑާއަށް އިނގޭ ދާނީ..." އަޒްމަން ވާހަކަ ދެއްކީ، ކާރު ދުއްވަން އިން މީހާ އަށެވެ.

ދެތިން މިނެޓު ވަންދެން ކާރު ދުއްވާފައި ގޮސް މަޑުކޮށްލީ، އުސްކޮށް އިމާރާތްކޮށްފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އެހާ އުސް އިމާރާތެއް އަހަރެންގެ މުޅި ޙަޔާތުގައި ވެސް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ގޭގެ ބޭރުގައި ބޮޑު އަކުރުން "ލެވެންޑަރ" ޖަހާފައި އޮތެވެ.

"މީ އަހަރެންގެ ބައްޕަގެ ގެ... މިގޭގަ މަތީ ބައިތަކުގަ މީހުން އުޅޭނީ ކުއްޔަށް... ތިރީބައިގަ ނޫޅޭނެ އެއްވެސް މީހަކު... ނީހާއަށް މިނިވަންކަމާއެކީ މިބައިގަ އުޅެވޭނެ... ސިޑިން އަރާ ފައިބާކަށްވެސް ނުޖެހޭނެ އެއްނު..." އަޒްމަން ހިނިތުންވެލި އެވެ. "އަހަރެން އުޅޭ ގެ އެހުރީ، މިގޭގެ ކުރިމަތީގަ... ކޮންމެ ދުވަހަކު ވެސް އަހަރެން އަންނާނަން..." ކުރިމަތީގައި ހުރި ގެއަށް އިޝާރާތް ކުރަމުން އަޒްމަން ބުންޏެވެ.

އަހަރެން ބަލައިލިއިރު، އެއީ ވެސް ހަމަ އެހާ އުސް އިމާރާތެކެވެ. ބޭރުގައި ލާފައިވާ ކުލައަށް ބަލައިލިޔަސް، ނުހަނު އަލެވެ. ރީތި ފުރިހަމަ ގެއެކެވެ. ކާރު ދުއްވަން އިން މީހާ ފޮށިތައް ހިފައިގެން ގޭތެރެއަށް ވަނުމުން، އަހަރެމެން ވެސް އޭނާގެ ފަހަތުން، އެތެެރެއަށް ވަނީމެވެ. ތަނަވަސް ބޮޑު ސިޓިންގްރޫމާއި، ފަރުނީޗަރުތައް ފެނުމުން، އަހަރެންގެ ދެލޯ ބޮޑުވި އެވެ. ކޮއްކޮ ދުވެފައި ގޮސް ސޯފާއަށް އަރައި ފުންމަން ފެށި އެވެ.

"ދެކޮޓަރި ހުންނާނެ... ކޮންމެ ތަނެއް ބޭނުން ކުރިޔަސް އެންމެ ރަނގަޅު... މީ ހަމަ އަމިއްލަ ގެ ކަމަށް ބަލާ..." އަޒްމަން ހުރީ ހަމަޖެހިފަ އެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.

ހަފުތާއެއް ވީއިރު، މަޑުމަޑުން އެ މާހައުލަށް ހޭނެން ފަށައިފި އެވެ. އަޒްމަން ބުނިހެން އޭނާ އަހަރެމެންގެ ހުރިހާ ކަމެއް ކޮށްދެ އެވެ. ބޭނުންވާ ހުރިހާ އެއްޗެއް ގޭގައި ހަމައަށް ހުރެ އެވެ. ގޭތެރޭގެ މަސައްކަތްތައް ކުރުމަށް ބިދޭސީ އަންހެނަކު އާދެ އެވެ. އަހަރެން ދެކޮޅުހެދުމުން ވެސް އޭނާ ދަނީ، ގޭތެރޭގެ ހުރިހާ ކަމެއް ކޮށްފަ އެވެ. ކޮންމެ ރެއަކު އަހަރެމެން ކައި ނިމުމުން ތަށިތައް ނަގައި، ކާއެއްޗެއްސަށްވެސް ހޫނުކޮށް ނިންމާފަ އެވެ.

އެއް ރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަންނަށް ހޭލެވުނީ އާދަޔާ ޚިލާފަށް ހޫނުވާތީ އެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބީހޭ ކަމުގެ އިހުސާސް ވެސް ކުރެވެމުން ދިޔަ އެވެ. ނިދީގައި އޮތުމުން، ކަންކަން ފަހުމުވާން އިރުކޮޅެއް ނެގި އެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނީ، ކައިރީގައި މީހަކު އޮތްހެން ހީވެގެންނެވެ. އެނދުން ފުންމާލައިގެން، ދުވެފައި ގޮސް، ކޮއްކޮގެ އެނދު ކައިރީގައި ހުއްޓުނީމެވެ. އޭރު ހިތް ތެޅޭ ވަރުން، މޭފަޅާފައި ނުކުންނަން އުޅޭހެން ހީވަނީ އެވެ. ފަސްއެނބުރި ބަލައިލިއިރު، ބިރުވެރިކަމުން ހަތަރު ފަރާތް ވަށާލާފައި ވިއެވެ. އަހަރެން ހީކުރި ފަދައިން، އަހަރެންގެ އެނދުގައި މީހަކު އެބަ އޮތެވެ. އެ ފަނޑު އަލިކަމުގެ ތެރޭގައި ވެސް އެއީ ފިރެހެނެއްކަން ޔަޤީން ވެއްޖެ އެވެ. އެމީހަކު އޮތީ ސީދާ އަހަންނަށް ބަލަހައްޓައިގެންނެވެ. ބިރުން ގޮސް، ކަރު ހަލާކުވާހައި ބާރަށް ހަޅޭއްލަވައިގަނެވިއްޖެ އެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު