10:00
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އެއްގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރުމަށް ޖިނާއީ ކޯޓުން ރޭ ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި މިއަދު އިސްތިނާފްކޮށްފި އެވެ.
ގާސިމާއި ޔާމީންގެ ފުލުހުން ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ޤަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުންގެ ޤާނޫނީ ވަކީލުން ޖިނާއީ ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ޖިނާއީ ކޯޓުން ރޭ ވަނީ އެއްގަޑިއިރުގެ ތެރޭގައި އެ ދެ ބޭފުޅުން ޖިނާއީ ކޯޓަށް ހާޒިރުކުރުމަށް ކޯޓު އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން މިއަދުގެ ހެނދުނާ ހަމައަށް ވެސް ޖިނާއީ ކޯޓަށް ހާޒިރުކޮށްފައެއްނުވެ އެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ދައުލަތުން ވަނީ ޖިނާއީ ކޯޓުން ނެރެފައިވާ އެ ކޯޓު އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފަ އެވެ.
ޖިނާއީ ކޯޓުން ރޭ ނެރެފައިވާ އަމުރާ ގުޅިގެން ގިނަ އަދަދެއްގެ އާއްމުންނާއި ޤާސިމާއި ޔާމީންގެ ޤާނޫނީ ވަކީލުން ކޯޓު ކައިރީގައި ރޭ ވަރަށް ދަންވަންދެއް ތިއްބެވި އެވެ.
ގާސިމާއި ޔާމީން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކެބިނެޓަށް އެކަށީގެންވާ އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެ އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސް ނަޝީދުގެ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެމައްސަލަ ބަލައިދެއްވުމަށް އެދިވަޑައިގެން ފުލުހުންގެ އިދާރާއަށް ހުށަހެޅުއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.