މާދަމާ ސަރުކާރު އޮފީސްތަކާއި ކެފޭ، ރެސްޓޯރަންޓުތައް ހުޅުވަނީ

ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތުން ވިޔަފާރިތައް އަލުން ފެށުމުގެ ހުއްދަ ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއީ ކޮވިޑް19 އާދެކޮޅަށް ކުރާ މަސައްކަތް އަންނަ މަހުން ފެށިގެން އާ މަރުހަލާއަކަށް ބަދަލު ކުރައްވަން ނިންމަވާފައި ވާތީ، އޭގެ ދަށުން ދޭ ލުއިތަކެއް ކަމަށެވެ.

އާ މަރުހަލާގެ ދަށުން، ކޮވިޑް19 އާއި ގުޅިގެން އެކުލަވާލި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ވެސް ވަނީ ނިންމައިފައެވެ.

"ނިއު ނޯމަލްގެ ގަވާއިދުތަކުގެ ދަށުން، މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް އަލުން ހުޅުވޭނެ. އަދި ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތައް ހިމެނޭގޮތުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް އަލުން ފެށުމުގެ ހުއްދަ ދެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ކޮވިޑް19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށާއި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" ރައީސް ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތް އާ މަރުހަލާއަށް ބަދަލުވުމާ ގުޅޭގޮތުން ރައީސް ރޭ ވިދާޅުވީ މި ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑްް19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެވުނު މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެންއީއޯސީގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި އެފަރާތްތަކަށްވެސް ރައީސް ސޯލިހު ޝުކުރުއަދާކުރެއްވިއެވެ.

comment ކޮމެންޓް