މާފަރު އެއާޕޯޓާއި ވީއައިއޭ ނިއުނޯމަލް އަށް ތައްޔާރުވި މިންވަރު އެސްއޯއީ ކޮމެޓީ އިން ބަލައިފި

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ މެމްބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނިއު ނޯމަލްއަށް ތައްޔާރުކޮށްފައިވާ ގޮތް ބައްލަވާލައްވަނީ ---

މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިއު ނޯމަލް އަށް ތައްޔާރުވެފައިވާ މިންވަރު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީ، އެސްއޯއީ ކޮމެޓީ އިން ބަލައިފިއެވެ.

އެ ކޮމެޓީގެ މެންބަރުން ވަނީ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލާއިރު އެއާޕޯޓުން އެކަމަށް ތައްޔާރު ވެފައިވާ މިންވަރު ބަލައިފައެވެ.

މީގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ކޮމެޓީގެ މެންބަރުން ވަނީ ޒިޔާރަތް ކޮށްފައެވެ.

އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ވެރިން މީގެ ކުރިން ވިދާޅުވީ ބޯޑަރު ހުޅުވާލާއިރު ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮތީ 100 ޕަސެންޓަށް ތައްޔާރުވެފައި ކަމަށެވެ. ސޯޝަލް ޑިސްޓެންސިން މާކު ފާހަގަކޮށް، އެއާޕޯޓުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ހިދުމަތްދޭނެ އުސޫލު އެކުލަވާލާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މީގެ ކުރިން އެއާލައިންތަކަށް ސްލޮޓު ދިނީ ކޮންމެ 10 މިނެޓަކުން ނަމަވެސް ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތަކާއެކު ކޮންމެ 20 މިނެޓަކަށް އެއާލައިންތަކަށް ހިދުމަތް ދެވޭ ވަގުތު އިތުރުވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގައިދުރުކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޓާމިނަލްތަކުން ހިދުމަތް ދެވޭ މީހުންގެ އަދަދުވެސް މަދުވާނެ ކަމަށެވެ.

އެގޮތުން މީގެ ކުރިން އިންޓަނޭޝަނަލް އެރައިވަލްސް ޓާމިނަލުން އެއްފަހަރާ 1000 މީހުންނަށް ހިދުމަތް ދެވުނު ނަމަވެސް ފިޔަވަޅުތަކާއެކު މި އަދަދު 570 އަށް މަދުވާނެ އެވެ. އަދި އިންޓަނޭޝަނަލް ޑިޕާޗާ ޓާމިނަލުން ހިދުމަތް ދެވޭ އަދަދު 1200 އިން 750 އަށް މަދުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވީއައިއޭ އިން ދަތުރުކުރާ ފަސިންޖަރުންނަށް އޮންލައިން ޗެކް އިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެމްއޭސީއެލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ ބޯޑަރު ހުޅުވާއިރު އިންޓަނޭޝަނަލް ފްލައިޓުތަކަށް ހިދުމަތްދޭން މާފަރު އެއާޕޯޓު ތައްޔާރުވާނެ ކަމަށެވެ. މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރާ ލެބެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޓާމިނަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް