މިލަންދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވި ހުކުމެއް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ށ. މިލަންދޫގައި 12 އަހަރުގެ ކުޑަ ކުއްޖަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ލ. ގަން، ތުނޑި، އަސަރުމާގޭ، މޫސާ ރަޝީދު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

ދެ ހާސް އެގާރަަ ވަނަ އަހަރުގެ ތެރޭގައި މިލަންދޫގައި އުމުުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މޫސާ ރަޝީދުގެ މައްޗަށް ދައުލަތުން އުފުލި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެނާ 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިލަންދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. އެއީ 2013 ވަނަ އަހަރު އެވެ. މިލަންދޫ ކޯޓުގެ ހުކުމް 2016 ވަނަ އަހަރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

މޫސާ ރަޝީދުގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި މި މަހުގެ 25 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ.

މޫސާ ރަޝީދުގެ ފަރާތުން އިސްތިއުނާފު ނުކުތާއެއްގެ ގޮތުގައި އޭނާއަށް ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ފުރުސަތު ދީފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އެ ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމީ، މޫސާ ރަޝީދު މިލަންދޫ ކޯޓުގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އޭނާ ނުކުރާ ކަމެއް ކަމަށް ސާބިތު ކުރުމަށް ހުށަހަޅާނެ ހެއްކެވެސް ގަރީނާއެއްވެސް ނެތް ކަމަށް ބުނެފައިވާތީ އޭނާއަށް ދިފާއު ތައްޔާރު ކުރުމުގެ ފުރުސަތު ދެވިފައި ނުވާ ވާހަކައަކީ އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.

ނަމަވެސް، މޫސާ ރަޝީދަށް މިލަންދޫ ކޯޓުގައި ހެކި ހުށަހަަޅަން ލިބުނު ފުރުސަތުގައި ހެކިވެރިއެއް ހުށަހެޅިކަން އޭނާގެ ވަކީލު ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކުން ވެސް އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ، ސުޕްރީމް ކޯޓުންވެސް ނިންމީ، އޭނާއަށް ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ފުރުސަތު ލިބުނު ކަމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދުު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެއްކެއް ފާހަގަކޮށް، އޭގެ ތެރެއިން ފަސް ބާވަތެއްގެ ހެކި ހުރެއްޖެ ނަމަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގައި ބުނާ ބާވަތުގެ ފަސް ހެކި ދަައުލަތުން ހުށަހަޅާފައި ނުވާތީ އެ މައްސަލަ ނިންމާފައި ވަނީ އެކަަށީގެންވާ ވަރަށް ހެކި ހުރިތޯ ވަޒަން ނުކޮށް ކަމަށް ވެސް މޫސާ ރަޝީދުގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބުނެފައިވެ އެވެ.

ނަމަވެސް، ހައިކޯޓުގެ ހުކުމުގައި ވަކިވަކި ހެކިތައް ފާހަގަކޮށް، 47 ވަނަ މާއްދާގައި ބުނާ މިންވަރަށް އެ މައްސަލައިގައި ހެކި ހަމަވާ ކަމަށް ކަނޑައަޅާފަ އެވެ. މިކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރި އެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދުު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ބާވަތުގެ ފަސް ހެއްކަށް ވުރެ މަދުން ހެކި ހުއްޓަސް، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށެއް ޝަރީއަތަށް ސާބިތުވާ ނަމަ ކުށް ސާބިތު ކުރެވޭނެ ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވެސް މިކަން ފާހަގަކޮށްފައިވެ އެވެ. އަދި މޫސާ ރަޝީދުުގެ މައްޗަށް ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

އޭގެ އިތުރުން ކޯޓު އަމުރެއް ނެތި މޫސާ ރަޝީދުގެ އިނގިއްޔެއްގެ ނިޔަފަތި ދަށުން ސާމްޕަލްއެއް ނަގައި، އޭގެ ނަތީޖާގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމާފައިވާ ކަމަށް ފާހަގަކޮށް އެ ހެއްކަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކެއް ކަމަށް އެނާގެ ފަރާތުން ބުނެފައިވެ އެވެ.

ހައިކޯޓުން ބުނެފައި ވަނީ، އެ ސާމްޕަލް ނަގަން މުސާ ރަޝީދު ދެކޮޅު ނަހަދާ ކަމަށާއި، ހަށިގަނޑުން އެފަދަ ސާމްޕަލްއެއް ނަގަން ކޯޓު އަމުރެއް ހޯދަން ޖެހޭނީ އެ މީހަކު އެކަމަށް ދެކޮޅު ހަދާ ނަމަ ކަމަށެވެ. ސުޕްރީމް ކޯޓުންވެސް ނިންމީ، އެ ސާމްޕަލް ނަގާފައި ވަނީ ރަނގަޅަށް ކަމަށެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ކުޑަކުއްޖާ ޝަރީއަތަށް ހާޒިރުކޮށް ސުވާލު ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދުު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ 48 ވަނަ މާއްދާއާ ހިލާފަށް ކޯޓަށް ހާޒިރުކޮށްގެން ކަމަށް މޫސާ ރަޝީދުގެ ފަރާތުން ބުނެފައި ވެއެވެ.

އެ ގާނޫނުގެ 48 ވަނަ މާއްދާގައި ބުނެފައި ވަނީ، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ، އެކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީއަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެކުއްޖާއަށް ފަރިތަ މާހައުލެއްގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެން ކަމަށެވެ.

އެ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފަައި ވަނީ، އެ ކުއްޖާގެ ބަޔާން ނަގާފައި ވަނީ ޝަރީއަތުން ބޭރުގައި އިންޓަވިއުކޮށްގެން ކަމަށެވެ. އަދި އެ ކުއްޖާ ވާހަކަތަކުގައި ތައާރުޒުވުމެއް ނެތް ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން، އަނިޔާ ލިބުނު ކުއްޖާ މޫސާ ރަޝީދާ މެދު ދޮގު ތުހުމަތެއް އަޅުވަންވީ ސަބަބެއް އޮތް ކަމަށް މޫސާ ރަޝީދުގެ ފަރާތުން ޝަރީއަތުގައި ބުނެފައި ނުވާކަން ފާހަގަ ކުރި އެވެ.

އޭގެ އިތުރުން، އެ ރޭޕްގެ މައްސަލައިގައި މިލަންދޫ ހޮސްޕިޓަލުން ހަދާފައިވާ މެޑިކޯ ލީގަލް އެގްޒަމިނޭޝަން ރިޕޯޓުގައި ޑޮކްޓަރުގެ ބަހަކީ ޝައްކުގެ ބަހުން ބުނާ ބަހެއް ކަމުން އެއީ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް މޫސާ ރަޝީދުގެ ފަރާތުން ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވަނީ މޫސާ ރަޝީދުގެ ފަރާތުން އެ ރިޕޯޓުގެ މައްސަލަ ދަށު ކޯޓުގައި ޖައްސާފައި ނުވާ ކަމެވެ. އޭގެ އިތުރުން، އެ ރިޕޯޓަކީ އެފަދަ ރިޕޯޓު ތައްޔާރު ކުރުމުގެ ހުއްދައާއި ބާރު ލިބިގެންވާ ފަރާތެއް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމުން އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ބަލަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

"ށ. މިލަންދޫ ހެލްތު ސެންޓަރުން ދޫކޮށްފައިވާ އަނިޔާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނުނުގެ 27 ވަނަ މާއްދާގައި ބުނާ ހެކިތަކުގެ ތެރޭގައި ގަބޫލު ކުރެވޭނެ ހެއްކެކެވެ." ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު މުއުތަސިން އަދުނާން އާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދެވެ. ފަނޑިޔާރު މުއުތަސިމްގެ ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު ހުސްނުއްސުއޫދު ތާއީދު ކުރެއްވި އެވެ.

ނޯޓް: މިޚަބަރުގައި ރޭޕްކުރި ކަމަށް ލިޔެވުނީ އޮޅުމަކުން ރަނގަޅުގޮތަކީ ޖިންސީ ގޯނާ ކުރުން

comment ކޮމެންޓް