ސަފާރީ ރޭޕް ކޭސް: ތުހުމަތު ކުރެވޭ މީހުން ފުލުހުން ދޫކޮށްލުމުން ފާޑުކިޔަނީ

ޖެނުއަރީ 24، 2020: ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ފުލުހުން ދޫކޮށްލުމުން އާންމުން ކަންބޮޑުވުން ފާޅުކޮށް، ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރި 39 އަހަރުގެ ދެ ދިވެހިން ފިރިހެނުން ދޫކޮށްލާފައިވާ ކަމަށް އިއްޔެ ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މި ފަދަ ސީރިއަސް މައްސަލަތަކުގައި މީގެ ކުރިން ފުލުހުން ކޯޓަށް ހާޒިރުކޮށް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެދެއެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުން ކަންކޮށްފައިވަނީ އެ އާ ހިލާފަށެވެ.

ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، ތުހުމަތު ކުރެވޭ މީހުން ދޫކޮށްލާފައިވަނީ "ބަންދުގައި ބަހައްޓަން އެކަށީގެންވާ ސަބަބެއް ނެތުމުން" ކަމަށެވެ.

އެ މީހުން ކޯޓަށް ހާޒިރުނުކޮށް ފުލުހުން އަމިއްލައަށް އެގޮތަށް ނިންމީ ކީއްވެ ހެއްޔެވެ؟ އެކަން ނިންމުމުގެ ބާރު ކޯޓަށް ނުދިނީ ކީއްވެހެއްޔެވެ؟ މި މައްސަލަ ޖެއްސި ފަރާތް ނުވަތަ އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާގެ ރައްކާތެރިކަމަށްޓަކައި ވެސް އެ މީހުން ހައްޔަރު ކުރާކަށް ނުޖެހޭ ހެއްޔެވެ؟ ހެކި ފޮރުވާފާނެ ކަމަށް ބަލާވެސް އެ މީހުން ބަންދު ކުރަން ނުޖެހޭ ހެއްޔެވެ؟ މިއީ ހައްތަހާވެސް މިކަމާ ގުޅެގޮތުން އާންމުން ފާޅުކުރަމުންދާ ހިޔާލުތަކެކެވެ.

މި ސުވާލުތައް ނޫސްވެރިންނާއި އާންމުން ވެސް ފުލުހުންނަށް އަމާޒުކުރި ނަމަވެސް ފުލުހުން އެކަމުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.

މިކަހަލަ މައްސަލަތަކުގައި މީގެ ކުރިން އެންމެ ހަރަކާތްތެރިކޮށް ފެނުނު ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ވެސް އަދި އޮތީ ނިދައިފަ އެވެ. މީގެ ކުރިން ހިނގި މިފަދަ ކަންތަކުގައި ވަރަށް އަވަހަށް ރެސްޕޮންޑްކޮށް، ރޭގަނޑުވެސް ކޮމިޓީތައް ބޭއްވި މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޝަން ކޮބާ ހެއްޔެވެ؟ މިއީވެސް އާންމުން އުފަައްދަމުންދާ ސުވާލުތަކެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކަކީ، ރައްޔިތުންގެ މަޖިލީހު މެމްބަރެއްގެ ފިރިކަލުން ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް މިހާތަނަށް އައި އިރު، އެކަން އެ މެމްބަރުވެސް އަދި އެ މެމްބަރު ނިސްބަތްވާ ޕާޓީއަކުންވެސް ދޮގެއް ނުކުރެ އެވެ.

ފުލުުހުން ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލި ނަމަވެސް، އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހްމަދު، ވަނީ މައްސަލަ ފުލުހުން ބަލަމުންދާ ކަމާ މެދު ސުވާލު އުފައްދަވާފަ އެވެ.

އަނީސާ ވަނީ، މި މައްސަލަ ފުލުހުން ބަލަަމުންދާނަމަ، އަނިޔާ ލިބުނު އަންހެން މިހާއަށް ލިބިފައި ހުރި ގެއްލުންތައް ބެލުމަށް އޭނާ ހޮސްޕިޓަލަށް ނުގެންދިޔައީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެއީ ހެކި ފޮރުވުމަށް ކުރެއްވި ކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަމުގައި ފުލުހުންގެ މައްޗަށް މިހާބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު މިކަން ހިނގި ގޮތް ފުލުހުން ހާމަ ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ "ކިތަންމެ ބާރުގަދަ ފަރާތެއް ނަމަވެސް، މައްސަލަބަލައި ހައްގު އަދަބު ލިބެންވާނެ،" ކަމަށް ދެކޭ ކަމަށް އުޝާމް ވަނީ ވިދާޅުވެފަ އެވެ.

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މިކަމުގައި ބާރުގަދަ ބައެއްގެ އަތެއް ވުމުން އެމީހުން މިނިވަންވީ އެވެ. އިންސާފު ގާއިމު ކުރަން ވައުދުވެ ވެރިކަމަށް ވަޑައިގެންނެވި ސަރުކާރަކުން ވަކި ކަންތައްތަކުގައި ނުވަތަ ވަކި ބަޔަކާ އަރާ ހަމަވުމުން ތަފާތު މިވަނީ ކީއްވެ ހެއްޔެވެ؟ މިކަމުގައި ފަހަތު ފަހަޔަށް ބުރަވެގެން އުޅެނީ ކީއްވެހެއްޔެވެ؟

މިކަމުގައި ސަރުކާރުގެ ބޮޑުންގެ މައްޗަށް ތުހުމަތު ކުރެވޭ އިރު، އެކަން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ. މި އަމަލު ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔަނުގައި ބުނީ، ކުށުގެ ވެށިން އެ ދެމީހުން ހައްޔަރުކޮށް، ބަންދުކުރުމުން ވެސް ހައްޔަރުކޮށްފައި ބައިތިއްބަން އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ފުލުހުންގެ އިދާރާއިން އެދެމީހުން ދޫކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޖިންސީ ގޯނާ ލިބުނު ފަރާތުގެ ހައްގުތައް ހިމާޔަތްކޮށްދީ އިންސާފު ހޯދައިދިނުމަށާއި، މިކަންކުރިބަޔަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މިކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާއަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ. އަދި މި އަނިޔާވެރި އަމަލު ހިންގާފައިވާ ފަރާތްތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށްވެސް ގޮވާލަމެވެ،" އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އާންމުން ގޮވާލަމުން ދަނީ މިކަމުގައި ތުހުމަތު ކުރެވޭ މީހުން ވީހާވެސް އަވަހަކަށް ހައްޔަރުކޮށް މައްސަލަ ތަހުގީގީގު ކުރަމަށެވެ. ފަހަތު ފަޔަށް ބުރަ ނުވެ، ތުހުމަތު ކުރެވޭ މީހުންނަކީ ކިތަންމެ ބާރުގަދަ ބަޔަކަށްވީނަމަވެސް އެމީހުން އިނސާފުގެ ކުރިމައްޗަށް ގެނެއުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު