ދީނީ އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވާން ދައުވަތެއް ނުދޭ: މައުމޫން

ދީނީ އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިގަތުމަށް ދައުވަތު ދެއްވާފައި ނުވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސްގެ ސެކެރްޓޭރިއެޓް އިން މިއަދު ނެރުނު ނޫސް ބަޔާނެއް މެދުވެރި ކުރައްވައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ އިސްލާމިކް މިނިސްޓްރީން ބާއްވަވާ ދީނީ އިލްމުވެރިންގެ މަހާސިންތާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުމަށް ދައުވަތު ދެއްވި ކަމަށް އެ މިނިސްޓްރީން ބުނެފައި ވާތީ ހިތާމަފުޅު ކުރައްވާ ކަމަށެވެ.

"... އަޅުގަނޑަށް ދައުވަތު ދެއްވެވި ކަމަށާއި އަޅުގަނޑު އެ މަހާސިންތާގައި ބައިވެރި ނުވި ކަމަށް އެ މިނިސްޓްރީން ވިދާޅުވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަ ކުރަމެވެ. ހަގީގަތުގައި އެ މަހާސިންތާގައި ބައިވެރިވުމަކަށް އަޅުގަނޑަކަށް އެ މިނިސްޓްރީއަކުން ދައުވަތު ދެއްވާފައެއް ނުވެއެވެ،" ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލު މިރޭ ވިދާޅުވީ ރައީސް މައުމޫނަށް ދައުވަތު ދެއްވީ ފޯން ޓެކްސްޓް މެސެޖެކުން ކަމަށެވެ. އަދި އެ ޓެކްސްޓް މެސެޖު ފޮނުއްވީ ކުރިން އެކިއެކި ކަންކަމުގައި ރައީސް މައުމޫނާ އެ މިނިސްޓްރީ އިން މުއާމަލާތްކޮށްފައިވާ ނަމްބަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ނަމްބަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިސްލާމީ މަރުކަޒުގައި ކުރިޔަށްދާ މަހާސިންތާގައި ރާއްޖޭގައި ތިބި 64 ދީނީ ޢިލުމުވެރިޔަކު ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު