މިއަހަރުގެ ފަހުކޮޅު ވެކްސިނެއް ލިބޭވަރު ވެދާނެ: ފައުޗީ

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖޫން 24): އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ދޭނެ ވެކްސިނެއް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ލިބޭވަރު ވެދާނެ ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ފައުޗީ އެފަދައިން ވިދާޅުވީ އެމެރިކާގެ ސަރުކާރުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އެނާޖީ އެންޑް ކޮމާސް ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

ފައުޗީ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދޭނެކަން އޭނާއަށް ގަބޫލު ކުރެވެ އެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ ވެކްސިން ލިބޭނީ ކޮން އިރަކުންތޯ އެވެ.

"އަޅުގަނޑުމެން [ވެކްސިނެއް އުފެއްދުމަށް] ކުރާ މަސައްކަތާއި އެކަމަށް ނަގަމުންދާ މާލީ ރިސްކުތަކަށް ބިނާކޮށް އަޅުގަނޑުމެން މިތިބީ އުއްމީދުކޮށްގެން. ރަނގަޅު ނަތީޖާ ފެންނަ ވެކްސިނެއް ލިބިއްޖެ ނަމަ އެ ވެކްސިން އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް. [އެކަން ކާމިޔާބުވާނެ ކަމަށް ބެލެވެނީ] މި އަހަރުގެ ފަހުކޮޅު އަދި 2021ގެ ކުރީކޮޅު،" ފައުޗީ ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަހަށް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ފައުޗީ ވަނީ އެމެރިކާގެ ބަޔޯޓެކް ކުންފުނި މޮޑާނާއިން ޓެސްޓު ކުރަމުންދާ ވެކްސިނެއް ފާހަގަ ކުރައްވާ، އަންނަ މަހު އެ ވެކްސިން 3،000 ވަރަކަށް މީހުންނަށް ދީގެން ޓެސްޓު ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ފައުޗީ ވަނީ އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި މިހާރު ކޮރޯނާވައިރަސް ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު މޮނިޓާ ކުރަމުންދާ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ޓްރެކާއިން ދައްކާ ގޮތުގައި އާ ކޭސްތައް އެންމެ ގިނައިން ފެންނަމުން ދަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތައް އެންމެ ފުރަތަމަ ލުއި ކުރި ސްޓޭޓުތަކުގަ އެވެ. އޭގެ ތެރޭގައި ޖޯޖިއާ، ފްލޮރިޑާ އަދި ޓެކްސަސް ހިމެނެ އެވެ. އޭގެ ތެރެއިން ފްލޮރިޑާ އާއި ޓެކްސަސްއިން މިހާތަނަށް 100،000އަށް ވުރެ ގިނަ ކޭސްތައް ވަނީ ފެނިފަ އެވެ.

އެމެރިކާގައި މިހާރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2.3 މިލިއަނަށް އަރާފައިވާ އިރު ބަލީގައި 120،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް