މިއަހަރު ޗައިނާ އަށް ދައްކަން ޖެހޭނީ 75 މިލިއަން ޑޮލަރު

ރައީސް އިބްރާހިމް މުހައްމަދު ސީޯލިހު ޗައިނާ ސަފީރާ ބައްދަލު ކުރުން --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ޗައިނާގެ ފަރާތުން ނަގާފައިނާ ލޯނުގެ ތެރެއިން މިއަހަރު ދައްކަން ޖެހޭނީ 75 މިލިއަން ޑޮލަރު ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ޗައިނާގެ ފަރާތުން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދަކީ 1.5 ބިލިއަން ޑޮލަރު ކަމަށެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުން ސަރުކާރަށް ނަގާފައިވާ ލޯނުތަކުގެ އަދަދަކީ 600 މިލިއަން ޑޮލަރު ކަމަށާއި ދެން ހުރީ ކުންފުނިތަކަށް ނަގާފައިވާ ލޯނުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރު ތެރޭ އަޅުގަނޑުމެން ޗައިނާ ސަރުކާރަށް ދައްކަން އޮތީ، 100 މިލިއަން ޑޮލަރު. އޭގެ ތެރެއިން ޖީ20ގެ އެއްބަސްވުމުގެ ދަށުން 25 މިލިއަން ޑޮލަރުގެ ވޭވް އޮފްއެއް އެބަ އާދޭ. އެހެންވީމަ މިއަހަރުތެރޭ ދައްކަން ޖެހޭނީ 75 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަހަރު ދައްކަން ޖެހޭ 75 މިލިއަން ޑޮލަރާ ގުޅޭގޮތުންވެސް ވާހަކަ ދެއްކުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ދެއްވާފައިވާ ކަމަށެވެ.

"މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ވަރަށް ދީލަތި އެހީތައް މީގެ ކުރިންވެސް ވެފައި އޮތީ. ސުނާމީއާ ގުޅިގެން އޭރު ސަރުކާރުން ނަގާފައި ހުރި ހުރިހާ ލޯނުތައް މާފު ދީފި. އެހެންވީމަ މި ދަނޑިވަޅުގައި އަޅުގަނޑު ގަބޫލު ކުރަނީ ދިވެހި ރައްޔިތުންނަށްޓަކައި ޗައިނާ ސަރުކާރުން ރަނގަޅު ކަންތައްތަކެއް ކޮށްދޭނެ ކަމަށް،" ޗައިނާއަށް ތައުރީފު ކުރައްވާ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް