މާފުށީގެ 25 ހެކްޓަރު ބިން ހިއްކާ ނިންމާލައިފި

ކ. މާފުށީ ބިން ހިއްކުމުގެ މަޝްރޫއު -- ފޮޓޯ/ އެމްޓީސީސީ

ކ. މާފުށީގެ 25 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނިންމާލައިފި އެވެ.

މާފުށީގެ ބިން ހިއްކަން 99.98 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 225 ދުވަސް ތެރޭ ނިންމާގޮތަށެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެމްޓީސީސީން މިއަދު ބުނީ މާފުށީ ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ 14 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަަށް ބޭނުންވާ ތޮށި ލުމަށް މި މަހުގެ 25 ވަނަ ދުވަހު ބާޖު އަންނާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މާފުށީ ބިން ހިއްކާފައި ވަނީ ވަކި ރަށެއް ގޮތަށް، ކޯޒްވޭއަކުން މާފުށްޓާ ގުޅާލާގޮތަކަށެވެ. މިގޮތަށް މާފުށީގެ ބިން ހިއްކާފައި ވަނީ ބޮޑު ބީޗެއް ލިބޭގޮތަށާއި، ބިމަށް އޮތް ބޮޑު ޑިމާންޑަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ މާފުށީ ބިން ހިއްކާނީ ރައްޔިތުން ހުށަހެޅި ގޮތަށް ރިސޯޓެއްގެ ސިފަ އަންނަ ގޮތަށް ކަމަށެވެ.

މާފުށްޓަކީ މި ސަރުކާރުގެ ފުރަތަމަ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. އެންމެ ފުރަތަމަ ސޮއި ކުރި ރަށްތަކުގެ ތެރޭގައި މާފުށި ހިމެނުނުއިރު، ފުރަތަމަ ބިން ހިއްކާ ރައްތަކުގައި ތެރޭގައި މާފުށި ހިމެނުއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް