ބޯލްޓަންގެ ފޮތް ނެރެން ކޯޓުން ހުއްދަ ދީފި

އެމެރިކާގެ ކުރީގެ ނެޝަނަސް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން(ކ) ޓްރަމްޕާއެކު--

އެމެރިކާގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ލިޔުއްވި ފޮތުގައި ގައުމީ ސަލާމަތާ ބެހޭ މައުލޫމާތު ހިމެނުން އެކަށީގެންވާކަމަށް ބުނެ އެ ޝާއިއުކުރުމަށް އެގައުމުގެ ސަރުކާރުން ހުރަސް އަޅާފައި ވަނިކޮށް، އެ ފޮތް ނެރުމަށް ފެޑެރަލް ކޯޓުން ހުއްދަ ދީފިއެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރެއްވި ބޯލްޓަން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު އަދާކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި، 2018 އިން 2019 އަށެވެ.

ބޯލްޓަން ލިޔުއްވި ފޮތުގައި ސިއްރު މައުލޫމާތު ހުރުން އެކާށީގެންވާ ކަމަށާއި އެ މައުލޫމާތުތައް ވައިޓްހައުސްއިން ރިވިއު ނުކުރާކަމަށް އެގައުމުގެ ސަރުކާރުން ބުނެ، ފޮތް ޝާއިއުކުރުން ހުއްޓުވުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް ކޯޓުން މިހާރު ވަނީ މައްސަލަ ބަލައި، އެ ފޮތް ޝާއިއުކުރުމުގެ ހުއްދަ ބޯލްޓަންއަށް ދެއްވާފައެވެ.

ފޮތް ނެރުނުގެ ހުއްދަ ދިނުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި ޓުވީޓެއްގައި ވިދާޅުވީ ބޯލްޓަން އެމެރިކާގެ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން އެއްގޮތަކަށްވެސް ހިނގައިގެން ނުވާނެ ކަމަށެވެ.

ބޯލްޓަންގެ ވަކީލް ޗަކް ކޫޕާ މީގެ ކުރިން ވިދާޅުވީ "ގައުމީ ސަލާމަތް" ބަހަނާއަކަށް ހަދައިގެން ޓްރަމްޕް މަސައްކަތް ކުރައްވަނީ އެ ފޮތް ނެރުން ހުއްޓުވަން ކަމަށެވެ.

އެ ފޮތް ޕަބްލިޝްކުރާ ސިމޮން އެންޑް ޝަސްޓާއިން ބުނީ ކޯޓުގެ ނިންމުމަކީ ސެންސާޝިޕްގެ ކުރިމަތީގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެެވެ.

"ދަ ރޫމް ވެއާ އިޓް ހެޕަންޑް: ވައިޓް ހައުސް މެމޮއާ" ގެ ނަމުގައި ނެރޭ ފޮތް އެންމެ ފުރަތަމަ ނެރެން ނިންމާފައި އޮތީ މިދިޔަ މާޗް މަހު އެވެެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެކަން އޮތީ މިހާތަނަށްވެސް ލަސްވެފަ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓުގައި އެދިފައިވަނީ އެ ފޮތް ނެރުނު ހުއްޓުވައި ޗާޕްކޮށްފައިވާ ކޮޕީތައް އަތުލައިދިނުމަށެވެެ. ފޮތް ނެރުމުގެ ކުރިން އެ ފޮތުގެ ކޮޕީތައް ވަނީ އެމެރިކާގެ މަޝްހޫރު ނޫސްތަކަށް ފޮނުވައިފައެވެެ. އެ ނޫސްތަކުން އެފޮތާ ހަވާލާދީ ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބްގެ ކެމްޕޭނަށް ޗައިނާ އަތުން ފަންޑުހޯދުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށެވެ.

އެ މައްސަލަ ބެއްލެވި ކޯޓުގެ ފަނޑިޔާރު ރޮއިސް ލެމްބާތު ވިދާޅުވީ ވައިޓް ހައުސްއިން ރިވިއު ނުކޮށް އެފޮތް ޝާއިއުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި ނަމަވެސް މިހާރު ހާލަތު ހުރި ގޮތުން އެފޮތް ހުއްޓުވަން ނުކުޅެދިފައިވާކަަމަށެވެ. އަދި އެ ފޮތުގެ އެތައް ސަތޭކަ ކޮޕީތައް އޮވެ އަދި އަދި ނޫސްތަކުގެ ކޮޓަރިތަކުގައި އެ ކޮޕީތައް އުޅޭއިރު މިހާރު މާބޮޑަށްވެސް ލަސްވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނު ހަނގުރާމައަށް ކެތް މަދުވެފައި ހުންނެވި ބޯލްޓަން މަގާމުން ދުރުކުރީ މިދިޔަ އަހަރު އެެވެ. އީރާނުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބޯލްޓަންއާ ވަރަށް ބޮޑަށް ހިޔާލުތަފާތުވި އެވެ.

އޭޕީ--

comment ކޮމެންޓް