ކޮންގްރެސް މެމްބަރު އިލްހާން އުމަރުގެ ބައްޕަ ކޮވިޑް-19ގައި އަވަހާރަވެއްޖެ

ކޮންގްރެސްގެ މެމްބަރު އިލްހާން އުމަރާއި އޭނާގެ ބައްޕަ ނޫރު އުމަރު މުހައްމަދު -- ފޮޓޯ: ޓުވިޓާ

ވޮޝިންޓަން (ޖޫން 17): އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ މެމްބަރެއް ކަމަށްވާ އިލްހާން އުމަރުގެ ބައްޕަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން އަވަހާރަވެއްޖެ އެވެ.

އިލްހާން އުމަރުގެ ބައްޕަ ނޫރު އުމަރު މުހައްމަދު އަަވަހާރަވިކަން އޭނާ ހާމަ ކުރެއްވީ އިއްޔެ ޓުވިޓާ މެދުވެރިކޮށެވެ.

"ކޮވިޑް-19އާ ގުޅުން ހުރި މައްސަލަތަކެއްގެ ސަބަބުން އަޅުގަނޑުގެ ބައްޕަ، ނޫރު އުމަރު މުހައްމަދު އަވަހާރަވިކަން ވަރަށް ހިތާމައާ އެކު ދަންނަވަން،" އިލްހާންގެ ޓުވީޓުގައިވެ އެވެ.

އިލްހާން އުމަރަކީ އެމެރިކާގެ ކޮންގްރެސްއަށް އިންތިހާބުވި އެންމެ ފުރަތަމަ ސޯމާލީ-އެމެރިކަން ނަސްލުގެ މީހާގެ އިތުރުން އެ މަޖިލީހަށް އިންތިހާބުވި އެންމެ ފުރަތަމަ ދެ މުސްލިމް އަންހެނުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާގެ އިތުރުން މިދިޔަ އަހަރު ކޮންގްރެސްއަށް އިންތިހާބުވި މުސްލިމް އަންހެނަކީ މިޝިގަންގެ މެމްބަރު ރަޝީދާ ތަލީބު އެވެ.

މިދިޔަ އަހަރު އިލްހާން ކޮންގްރެސް މެމްބަރު ކަމުގެ ހުވާ ކުރައްވަން ވޮޝިންޓަން ޑީސީއަށް ވަޑައިގެންނެވި އިރު، ރޮނަލްޑް ރޭގަން ވޮޝިންޓަން ނެޝަނަލް އެއާޕޯޓުގައި އޭނާގެ ބައްޕައާ އެކު ފޮޓޯއެއް ނަގާފައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި އެވެ. އަދި އެ ދުވަހުގެ ކުރިން އެ ދެ މީހުން އެއާޕޯޓަށް ދިޔައީ މީގެ 23 އަހަރު ކުރިން ކަމަށާއި އެއީ އެމީހުން ރެފިއުޖީންގެ ގޮތުގައި އެމެރިކާއަށް ދިޔަ ދުވަސް ކަމަށް ބުނެފަ އެވެ.

"އަޅުގަނޑުމެން މަތިންދާބޯޓުން ފޭބި އިރު އަޅުގަނޑުމެންނަށް ހަނދާންވި، އެއީ އަޅުގަނޑުމެން ރެފިއުޖީންގެ ގޮތުގައި މިގައުމަށް އައި ފަހުން އެ އެއާޕޯޓަށް ދިޔަ ފުރަތަމަ ފަހަރުކަން،" އިލްހާން ވިދާޅުވި އެވެ.

އިލްހާން ވިދާޅުވި ގޮތުގައި އޭނާ އާއި އޭނާގެ އާއިލާ އެމެރިކާއަށް ދިޔައީ ފޮނި އުއްމީދުތަކާ އެކުގަ އެވެ. ނަމަވެސް އޭގެ އެންމެ 20 ވަރަކަށް އަހަރު ފަހުން ދަރިފުޅު ކޮންގްރެސްގެ މެމްބަރަކަށް ވާނެ ކަމަށް އޭނާގެ ބައްޕަ އެއްވެސް ވަރަކަށް ހިއެއްނުކުރެ އެވެ. އަދި އުމަރުގެ ބައްޕަ ވަނީ ދަރިފުޅު ކޮންގްރެސްއަށް އިންތިހާބުވުމުން ވަރަށް އުފާވާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ކޮންގްރެސްގެ ދެ މެމްބަރެއްގެ އާއިލާގެ މެމްބަރުން ކޮރޯނާވައިރަހުގައި އަވަހާރަވެފައިވެ އެވެ. އޭގެ ތެރޭގައި ކެލިފޯނިއާގެ ރެޕްރެޒެންޓޭޓިވް މެކްސިން ވޯޓާސްގެ ދައްތައަކާއި މެސެޗޫސެޓްސްގެ ގަވަރުނަރު އަދި ޑިމޮކްރެޓިކް ޕްރައިމަރީގައި މީގެ ކުރިން ވާދަ ކުރެއްވި އެލިޒަބެތު ވޮރެންގެ ބޭބެ ހިމެނެ އެވެ.

comment ކޮމެންޓް