މިލަންދޫ ދާއިރާގެ ދެ ގޮނޑިއާއި މަތިވެރީ ރަށު ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލާން ފަށައިފި

ށ. މިލަންދޫ ދާއިރާ އަތޮޅު ކައުންސިލް ދެ ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަނާއި އއ. މަތިވެރި ރަށު ކައުންސިލްގެ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓްލުން މިއަދު ފެށިގެން ކުރިއަށް އެބަދެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެދެ ބައި އިލެކްޝަނުގެ ވޯޓްލުން މިއަދު 8:00 ޖެހިއިރު ފެށިފައިވާ ކަމަށާއި ވޯޓްލުން ނިމޭނީ ހަވީރު 4:00 ޖަހާއިރު ކަމަށެވެ.

ވޯޓް ފޮށިތައް ބަންދުކުރުމަށް ފަހު ވަގުތީ ނަތީޖާ އެވޯޓްފޮއްޓެއް ހުރި މަރުކަޒަކުން ގުނުމަށް ފަހު އިއުލާން ކުރާނެ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ށ. އަތޮޅު ކައުންސިލް މިލަންދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ފަސް ކެނޑިޑޭޓުންނަކީ ޕީޕީއެމްގެ ކެނޑިޑޭޓް ށ. ނަރުދޫ ޗަމަން މޫސާ ޙުސައިން ފުޅާއި، އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ފީވަކު، ބުލޫރެސްޓް އަހުމަދު މަނިކާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާކެނޑިޑޭޓް ފީވަކު، ހުވަނދުމާގޭ އަހުމަދު ރުޝްދީ އާއި އެމްޑީޕީގެ ކެނޑިޑޭޓް މިލަންދޫ ޕާލްސް އަބުދުﷲ އާތިފާއި ހަމަ އެޕާޓިގެ ކެނޑިޑޭޓް މިލަންދޫ ސީސައިޑް ފިރާގް އިބްރާހިމެވެ.
އއ. އަތޮޅު މަތިވެރި ކައުންސިލްގެ ދާއިރާގެ ބައިއިލެކްޝަނުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަކީ އެމްޑީޕީގެ ކެނޑިޑޭޓް މަތިވެރި ނަދުވާ އިސްމާއިލް އާތިފާއި ޑީއާރްޕީގެ ކެނޑިޑޭޓް މަތިވެރި ނަސީމީ މަންޒިލް މޫސާ ހަސަނެވެ.

އިލެކްޝަނުން ބުނީ މިލަންދޫ ކައުންސިލްގެ ބައިއިލެކްޝަނުގެ ވޯޓްދިނުމުގެ ހައްގު ލިބިފައިވާ 2394 މީހުން ތިބި އިރު މަތިވެރި ރަށު ކައުންސިލްގެ ބައި އިލެކްޝަނުގައި ވޯޓްދިނުމުގެ ހައްގުލިބިފައިވާ 487 މީހުން ތިބި ކަމަށެވެ.

އިދިކޮޅު ޑީއާރުޕީގެ އަޣުލަބިއްޔަތު އޮންނަ ށ. އަތޮޅު ކައުންސިލްގެ އަށް މެމްބަރުންގެ ތެރެއިން މިލަންދޫ ދާއިރާގެ ކައުންސިލަރުންގެ މަގާމުގައި ތިއްބަވަނިކޮށް އަބްދުﷲ އާތިފް އާއި ފިރާގު އިބްރާހިމް މަގާމުން ދުރުކޮށްފައި ވަނީ އުޒުރެއް ނެތި ވިދިވިގެން ހަތް ބައްދަލުވުމަށް ހާޒިރު ނުވުމުން ކަމަށް ބުނެ ފާއިތުވި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެ އަތޮޅު ކައުންސިލުން ފާސްކުރި ގަރާރެއްގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު