ފިލިޕީންސްގެ ނޫސްވެރިޔެއްގެ މައްޗަށް އަބުރަށް އަރައިގަތުމުގެ ދައުވާ ސާބިތު ޖަލު ހުކުމެއް

ފިލިޕީންސްގެ ނޫސްވެރިޔެއް ކަމަށްވާ މާރިއާ ރެސާގެ މައްޗަށް އަބުރަށް އަރައިގަތުމުގެ ދައުވާ ސާބިތުވެފަ -- ފޮޓޯ: އޭޕީ

މެނީލާ (ޖޫން 15): ފިލިޕީންސްގެ ނޫސްވެރިޔެއް ކަމަށްވާ މާރިއާ ރެސާގެ މައްޗަށް އަބުރަށް އަރައިގަތުމުގެ ދައުވާ މިއަދު އެގައުމުގެ ކޯޓެއްގައި ސާބިތުވެއްޖެ އެވެ.

މީގެ ކުރިން ސީއެންއެންގައި މަސައްކަތް ކުރި ނޫސްވެރިއެއް ކަމަށްވާ ރެސާއަކީ ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭއަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑު ކިޔާ ނޫހެއް ކަމަށްވާ ރެޕްލާގެ ސީއީއޯ އެވެ. އޭނާ އާއި އެ ނޫހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ރެނާލްޑޯ ސަންތޯސް ޖޫނިއާގެ މައްޗަށް ދައުވާ ކުރީ މީގެ އަށް އަހަރު ކުރިން ރެޕްލާގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެންނެވެ.

އެ ލިޔުމުގައި ވަނީ ފިލިޕީންސްގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިލްފްރެޑޯ ކެންގްގެ މައްޗަށް މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރިއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭރުގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާ އޭނާއާ ގުޅުން އޮތް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

އެ ލިޔުމުގައި ކެންގްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި މިއަދު ކޯޓުން ވަނީ ކެންގްއާ ދެކޮޅަށް ކުރި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ރެޕްލާއިން ހުށަނާޅާ ކަމަށް ބުނެފަ އެވެ.

އެހެންކަމުން ދެ ނޫސްވެރިންގެ މައްޗަށް އަބުރަށް އަރައިގަތުމުގެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. އަދި މައްސަލަ އިސްތިއުނާފު ކުރަން ފުރުސަތުދީ، އެމީހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވީ ނަމަވެސް އެމީހުންގެ މައްޗަށް ހުކުމް ދަމަހައްޓައިފި ނަމަ ގިނަވެގެން ހަ އަހަރުގެ މުއްދަތަކަށް ޖަލަށް ލެެވޭނެ އެވެ.

ރެސާ ވަނީ އެ ހުކުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށްވެސް ލިބުނު ގެއްލުމެއް ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ޝަރުއީ ދާއިރާއިން ދެކެނީ ނޫސްވެރިންނަކީ ކުށްވެރިންގެ ގޮތުގައިކަން މިއަދުގެ ޝަރީއަތުން އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ހުރިހާ ނޫސްވެރިންނާއި އާއްމު ރައްޔިތުންނަށް ލިބޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމަށް އޭނާ ގޮވާލެއްވި އެވެ.

"މިތަނުގައި ތިބި ނޫސްވެރިންނާއި، އަޑު އަހަން ތިބި ފިލިޕީންސްގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން އެންމެންގެ ހައްގުތައް ރައްކާތެރި ކުރުމަށް. [ޝަރުއީ ދާއިރާއިން] އަހަރެމެން އެ ބޭނުން ކުރަނީ އެންމެން ބިރު ގަންނަވަން. ނަމަވެސް ބިރު ގަންނާނެ ކަމެއް ނެތް. އެއީ ހައްގުތައް ބޭނުން ނުކުރާ ނަމަ ގެއްލިގެން ގޮސްދާނެ،" ރެސާ ބުންޏެވެ.

ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ އެ ނިންމުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޑިމޮކްރަސީ އާއި މިނިވަންކަމަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމްއިއްޔާއެއް ކަމަށްވާ ފްރީޑަމް ހައުސްއިން ވަނީ ފިލިޕީންސްގެ ގާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައި އޮތް ނަމަވެސް އެއީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އެއް ގައުމު ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔާ މީޑިއާތަކަށް ސަރުކާރުން ޕްރެޝަރުކޮށް ބަދަލު ހިފާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް